ކުރީ ސަރުކާރުން ފެށި ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ގުޅީފަޅު ގުޅުވާލާ ފަހު ސެގްމަންޓް ހަރުކޮށް ނިންމައިފި
31 އޮކްޓޯބަރު 2026 | ހޮނިހިރު 04:12ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ގުޅީފަޅު ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓް ހަރުކޮށް، ދެ ރަށް ބްރިޖުން ގުޅާލުމަކީ މި މަޝްރޫއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ވިދާޅުވެއްޖެ. އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ މިހާރު ގުޅާލާފައިވާއިރު، މިއީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަސައްކަތް


ވިލިމާލެ އަދި ގުޅީފަޅު ގުޅާލާ ބްރިޖު | ސޯޝަލް މީޑިއާ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި ފެށި ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ގުޅީފަޅު ގުޅުވާލާ ފަހު ސެގްމަންޓް ހަރުކޮށް ނިންމައިފި އެވެ.
މި މަސައްކަތް ނިންމާލާފައިވާކަން އިއުލާން ކުރައްވާފައިވަނީ އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން، މިނިސްޓަރު މުއްތަލިބު ވިދާޅުވީ ވިލިމާލެ އާއި ގުޅީފަޅު ގުޅުވައިދޭ ބްރިޖުގެ އެންމެ ފަހު ސެގްމަންޓް ހުކުރު ދުވަހު ހަރުކޮށް ނިންމާލުމާއެކު، މި މަޝްރޫއުގެ މުހިންމު ލަނޑުދަނޑިއެއް ހާސިލްކުރެވިފަައިވާ ކަމަށެވެ.
ހަމައެއާއެކު، މި މަސައްކަތާއެކު ދެ ރަށް މިހާރު ބްރިޖުން ގުޅާލެވިފައިވާ ކަމަށާއި މިއީ ރަށްތައް އެކި ގޮތްގޮތުން ގުޅާލުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.
މި ކާމިޔާބީއާ ގުޅިގެން މިނިސްޓަރު މުއްތަލިބު ވަނީ މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސް އާއި އާރަޕް އަދި މިނިސްޓްރީ އޮފް އިމާރާތްކުރުމާއި ބިނާވެށި ފަރުމާކުރުމާ ބެހޭ ވުޒާރާގެ ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި މި މަޝްރޫއަށް އިންޑިއާ ސަރުކާރުން ދެއްވާ އަގުނުކުރެވޭފަދަ އެހީތެރިކަމަށްޓަކައި އެ ގައުމަށް އިޚްލާސްތެރި ޝުކުރެއް އަދާކުރައްވާ ކަމަށާއި، ނުހަނު ބުރަ މަސައްކަތާއި އިޚްލާސްތެރިކަމާއެކު މި ލަނޑުދަނޑި ހާސިލްކޮށްދިން ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު ވިދާޅުވާ ކަމަށް މިނިސްޓަރު މުއްތަލިބު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މައިގަނޑު ތިން ބްރިޖެއް އަޅާއިރު، އެއީ މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖު، ވިލިމާލެ އާއި ގުޅީފަޅު ގުޅާލާ ބްރިޖު އަދި ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖު ހިމެނެ އެވެ. އެގޮތުން މިހާރު ވަނީ މާލެއާއި ވިލިމާލެ ގުޅާލާ ބްރިޖުގެ ވެސް ފަހު ސެގްމަންޓް ހަރުކޮށް ނިންމައި މާލެ އާއި ވިލިމާލެ ގުޅާލާ ނިންމާފަ އެވެ.
ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި މަސައްކަތް ފެށި މި ބްރިޖަކީ މުޅި ދުނިޔޭގައި ވެސް އެންމެ އުސްކޮށް ހަދާ ޕްރީކާސްޓް ސެގްމަންޓުތައް ހުންނަ ބްރިޖުގައި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މީގެ ކުރިން ބުނެފައިވެ އެވެ. އެގޮތުން، ތިލަމާލެ ބްރިޖުގެ ސުޕަރ ސްޓްރަކްޗަރގެ ޕްރީކާސްޓް ސެގްމަންޓްތަކުގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެކަމަށް އެ ކޮމިޝަނުން އޭރު ބުނެ އެވެ.
މި މަޝްރޫއުގެ ދަށުން 3 ބްރިޖާއި ކޯޒުވޭ، އަދި މަގުތަކުގެ ނެޓްވޯރކް ހަދާއިރު ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. މީގެއިތުރަށް ގުޅާލާ ކޮންމެ ރަށަކަށް އަރައި ފޭބުމަށްޓަކައި އިންޓަރޗޭންޖް ޕޮއިންޓްތަކާއި ޕާކިންގ ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެ އެވެ.
މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެ އެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުންދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާ އެވެ.











