ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް
18 އޮކްޓޯބަރު 2026 | އާދީއްތަ 10:11ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއުގެ ލީސް ޕްރީމިއަމްގެ ގޮތުގައި ދައުލަތަށް 3 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވޭއިރު، މީގެ ތެރެއިން 500 މިލިއަން ޑޮލަރު ހައުސިންގ މަޝްރޫއުތަކަށް އެޑްވާންސްކޮށް ލިބޭނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން 54،000 ވަޒީފާ އުފެދި އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި، އެއްވެސް ބިމެއް ބޭރުގެ ފަރާތްތަކަށް މިލްކުކޮށްނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ.


އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓު ޑރ. އަބްދުﷲ މުއްތަލިބު | މަޖިލިސް
ރަސްމާލޭގައި 500 ހެކްޓަރުގެ ރިއަލް އެސްޓޭޓް މަޝްރޫއަކީ ޔޫއޭއީ ގެ ކުންފުންޏެއް ކަމަށް ވާ އީގަލް ހިލްސް އިން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލްއެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މޯލްޑިވްސް ވޯޓަރފްރަންޓު އެންޑް މެރީނާ މަޝްރޫއު އާ ގުޅޭ ތަފްސީލީ މައުލޫމާތުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، މިނިސްޓަރު މުއްތަލިބް އަށް ސިޓީ އެއް ފޮނުއްވީ މިދިޔަ މަހުގެ 29 ގަ އެވެ.
އެ ސިޓީ އަށް ޖަވާބުދެއްވާ މިިނިސްޓަރު ވިދާޅުވީ އީގަލް ހިލްސް އާއެކު ސޮއި ކުރެވިފައި ވަނީ ކޮންޓްރެކްޓް ނެގޯޝިއޭޓް ކޮށް، ފައިނަލް ކުރުމަށް ބޭނުންވާ ފްރޭމްވަރކް ހިމެނޭ ކޮމަރޝަލް ޓަރމްސް އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު، (ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޕޯޒަލް އުސޫލު، ޕީއެސްއައިޕީ އުސޫލު) ގެ ދަށުން ކަމަށެވެ.
މައިގަނޑު އެއްބަސްވުމުގައި ސޮއި ކުރާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަން ފާހަގަކޮށް އެ ސިޓީގައި ބުނީ ބިމުގެ ޕްރީމިއަމް ގޮތުގައި ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީ އިން ދައުލަތަށް 10 އިންސައްތަ ދައްކަން ޖެހޭ އިރު، ބިމުގެ ލީސް ނުވަތަ ޕްރީމިއަމް ގެ ގޮތުގައި ޖުމްލަ 3 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ޕްރޮޕަޓީ ގެ އަގު މާކެޓުގައި މަތިވެގެން ދާއިރު މި އަދަދު ބޮޑުވުމުގެ ފުރުސަތު ބޮޑު ކަަމަށާ އެ އަދަދުގެ ތެރެއިން އެޑްވާންސް ކޮށް 500 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫއަށް ޚަރަދު ކުރުމަށް ކޮމަރޝަލް ޓަރމްސް ގައި އެއްބަސްވެފައިވާ ކަމަށެވެ.
މިގޮތަށް ހިސާބު ކުރުމުގައި މިއީ ދައުލަތަށް ފައިދާހުރި ގޮތެއް ތޯ ބެލުމަށްޓަކައި ފަތުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދެވޭ ތަންތަނުގެ ލީސް އިކުއިޒިޝަން ކޮސްޓް ހިސާބުކުރާ ފޯމިއުލާތައް ބަލާފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ކްރޮސް ސަބްސިޑީ އުސޫލުން ބިންތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް 19 ސެޕްޓެމްބަރު 2022 ގައި އޭރުގެ ސަރުކާރުން އާންމު ކޮށްފައިވާ ފޯމިއުލާތަކަށް ބަލާއިރު، މާލެ އަތޮޅުން 500 ހެކްޓަރުގެ ފަޅެއް 50 އަހަރަށް ކުއްޔަށް ދޭނަމަ ލީސް އެކުއިޒިޝަން ކޮސްޓް އަކީ 75 މިލިއަން (75،750،000) އެމެރިކާ ޑޮލަރު ކަމަށް ވެސް ސިޓީގައި ވެ އެވެ. އަދި ކުލީގެ މުއްދަތު އިތުރު 49 އަހަރު އިތުރު ކުރުމަށް ދައްކަން ޖެހެނީ 10 މިލިއަން އެމެރިކާ ޑޮލަރު ކަމަށާ އޭގެ މާނަ އަކީ 500 ހެކްޓަރުގެ ފަޅެއް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީގެން އެޑްވާންސް ގެ ގޮތުގައި ދައުލަތަށް މިހާރު ލިބޭނީ 85 މިލިއަން (85،750،000) އެމެރިކާ ޑޮލަރު ކަމަށް ސިޓީގައި ވެ އެވެ.
އޭގެ އިތުރުން ފަތުރުވެރިކަމުގެ ބޭނުމަށް މާލެ އަތޮޅުން ބިމެއް 50 އަހަރަށް ކުއްޔަށް ދޭނަމަ ލީސް އިކުއިޒިޝަން ކޮސްޓަކީ 306 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުލީގެ މުއްދަތު އިތުރު 49 އަހަރު އިތުރު ކުރުމަށް ދައްކަން ޖެހޭނީ 10 މިލިއަން އެމެރިކާ ޑޮލަރު ކަމަށާ އޭގެ މާނަ އަކީ 500 ހެކްޓަރުގެ ބިމެއް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީގެން އެޑްވާންސް ގެ ގޮތުގައި ދައުލަތަށް މިހާރު ލިބޭނީ 316 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މިނިސްޓަރު ގެ ސިޓީގައި ވެ އެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދެވޭ ފަޅުތަކާއި ރަށްތަކުގެ ތެރެއިން މާލެ އަތޮޅުގައި 40 ހެކްޓަރަށް ވުރެ ބޮޑު ތަންތަނުން ކުލީގެ ގޮތުގައި ދައްކަން ޖެހެނީ އަހަރަކު 2 މިލިއަން އެމެރިކާ ޑޮލަރު ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އޭގެ މާނަ އަކީ 99 އަހަރު ހަމަވާއިރު ކުރިން ބަޔާން ކުރި، އެޑްވާންސް ނުހިމަނައި ދައުތަލަށް ލިބޭނީ 198 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ.
ރަސްމާލޭގެ 500 ހެކްޓަރުގައި ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއިން ދައުލަތަށް ސީދާ ގޮތަށް ވަންނަ އާމްދަނީ ގެ ތެރޭގައި ބިމުގެ ޕްރީމިއަމް ގޮތުގައި ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީ އިން 10 އިންސައްތަ ( އެއީ ގާތްގަނޑަކަށް 10 އަހަރުން 3.1 ބިލިއަން އެމެރިކާ ޑޮލަރު)ގެ އިތުރުން، އާމްދަނީ އިން ދައްކަން ޖެހޭ ފައިސާގެ ތެރެެއިން އެޑްވާންސް ކޮށް 500 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ހިންގާ ހައުސިންގ އަށް ދައްކަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ޔުނިޓު ގަންނަ ފަރާތުން ޔުނިޓެއް ގަންނަ ކޮންމެ ފަހަރަކު އެ ޔުނިޓެއްގެ މާކެޓު އަގުގެ 4 އިންސައްތަ ސަރުކާރަށް ދައްކަން ޖެހޭ ކަމަށާ ރަސްމާލޭގައި ހިނގާ އިގްތިސާދީ ހަރަކާތްތަކުން ދައުލަތަށް ޓެކްސް ލިބުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތާ ޚިލާފަށް، މި މަޝްރޫއު ހިންގުމަށްޓަކައި އިމްޕޯޓް ޑިއުޓީ މައާފް ކުރުމަށް އެއްބަސްވެފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ސިޓީގައި ބުނީ 500 މިލިއަން ޑޮލަރަށް ހިންގާ ހައުންސިގ މަޝްރޫއަށް ސަރުކާރުން އެއްވެސް މާލީ އިލްތިޒާމެއް އުފުލަން އެއްބަސްވެފައި ނުވާނެ ކަމަށެވެ. އަދި މިހާރު ސޮއި ކޮށްފައިވާ ކޮމަރޝަލް ޓަރމްސް އެއްބަސްވުމުގެ މައިގަނޑު މާއްދާތަކާ ގުޅޭ ތަފްސީލުތައް މިހާރު ވަނީ އާންމު ވެފަ ކަމަށާ އިންވެސްޓްމަންޓް ތާވަލު ތަފްސީލުތައް ބަޔާންކުރާނީ މައިގަނޑު އެއްބަސްވުމުގައި ކަމަށެވެ.
ޑިވެލޮޕަރުގެ އެންމެމައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަން ވާނީ އޮން ޝޯ ކޮށް ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ލައިސަންސް ދީފައިވާ ބޭންކެއް މެދުވެރިކޮށް. އޭގެ ސަބަބުން ޑިވެލޮޕަރު ދިވެހި ފައިސާ އިން އަގު ދައްކާ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާނީ ބޭރު ފައިސާ ރާއްޖޭގެ ބޭންކަކަށް މާރު ކުރުމަށްފަހުގައި ކަމަށް ވެސް ސިޓީގައި ވެ އެވެ. އަދި ޔުނިޓު ގަންނަ ފަރާތްތަކުން އޮފް ޕްލޭން ކޮށް، ޑިވެލޮޕަރުގެ އަތުން ގަންނަ ޔުނިޓުތަކަށް ފައިސާ ދެއްކުމަށްޓަކައި ފުރަތަމަ ފައިސާ ޖަމާކުރާނީ ރާއްޖޭގައި ގާއިމްކޮށްފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ލައިސަންސް ދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް ކަން ފާހަގަކޮށް އެ ސިޓީގައި ބުނީ އެ ފައިސާ ޑިވެލޮޕަރަށް ދޫކުރެވޭނީ ޕްރޮޖެކްޓުގެ ޕްރޮގްރެސް އަށް ބެލުމަށްފަހުގައި ކަމަށެވެ.
މަޝްރޫއިން 54،000 ވަޒީފާ އުފެދޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޑިވެލޮޕްކުރުމުގެ މަސައްކަތް ނިމި މެޗޫރިޓީ ގައި ދާއިމީ 15،00 ވަޒީފާ އުފެދޭނެ ކަމަށް ބެލެވޭ ކަމަށާ މިފަދަ މަޝްރޫއެއް ހިންގާއިރު ދިވެހިރާއްޖޭގެ އެކި ފަންނުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ސިޓީގައި ވެ އެވެ.
މި މަޝްރޫއު ހިންގުމަށްޓަކައި ދުނިޔޭގެ އެހެން ތަންތާގައި މިފަދަ މަޝްރޫއު ހިންގާފައިވާ ގޮތްތަކާ ހިންގަމުންދާ ގޮތްބަލައިފައި ވާނެ ކަން ފާހަގަކޮށް ސިޓީގައި ބުނީ އެހެން ކަމުން މި މަޝްރޫއިން އުފައްދާ ޕްރޮޕަޓީތައް ދުނިޔޭގެ ބާޒާރުގައި ވިކޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އޭގެ އިތުރުން މި މަޝްރޫއިން އެއްވެސް ތަނެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ ކަމަށާ އެއްވެސް ތަނެއް ކުއްޔަށް ދޭނީ ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ސިޓީގައި ވެ އެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް މި މަޝްރޫއުގެ ސަބަބުން ހުރަސް އެޅިގެންދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.










