ރަސްމާލެ މަޝްރޫއު: ބޯހިޔާވަހިކަމުގެ ނަމުގައި ގައުމުގެ ސިޔާދަތާއި ގާނޫނީ އިންތަކަށް އުނިކަން އަތުވެދާނެތީ ކަންބޮޑުވުން
30 އޮކްޓޯބަރު 2026 | ހުކުރު 10:20ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ރާއްޖޭގެ ބޮޑު ސަރަހައްދެއް ދިގު މުއްދަތަކަށް ދޫކޮށްލުމަށް ނިންމާފައިވާ ނިންމުމާ މެދު ގާނޫނީ ގޮތުންނާއި އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި. މި މަޝްރޫއު ކުރިއަށްގެންދާނެ ގާނޫނީ އޮނިގަނޑެއް ނެތި ބިން ދޫކުރުމުގެ އިބްތިދާއީ އެއްބަސްވުމުގައި ސޮއިކޮށްފައިވާތީ، ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް އުނިކަން ނުލިބޭނެ ގޮތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން


ރައީސް މުއިއްޒު ރަސްމާލެ ހިއްކުމުގެ މަސައްކަތް ބައްލަވާލެއްވުން | ރައީސް އޮފީސް
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ދައުލަތުގެ މައްޗަށް ގާނޫނުއަސާސީން ލާޒިމްކުރާ ކަމަކަށް ވީނަމަވެސް، އެކަން ކުރަންވާނީ ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް އުނިކަން ނުލިބޭނެ ގޮތެއްގެ މަތިން ކަމަށް މިއަދު އެތައް ރައްޔިތުންނެއް ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.
ހާއްސަކޮށް ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ރާއްޖޭގެ ބޮޑު ސަރަހައްދެއް ދިގު މުއްދަތަކަށް ދޫކޮށްލުމަށް ނިންމާފައިވާ ނިންމުމާ މެދު ގާނޫނީ ގޮތުންނާއި، އާންމު ފަރުދުންގެ ތެރޭގައިވެސް ގިނަ ކަންބޮޑުވުންތަކެއް ވަނީ ފެންމަތިވެފަ އެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންނަށް ބޯހިޔާވަހިކަމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ދައުލަތުގެ ގާބިލިއްޔަތު ހުރި މިންވަރަކުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، މި މަސްއޫލިއްޔަތު އަދާކުރުމުގެ ނަމުގައި ގައުމުގެ މިލްކިއްޔާތުގައި ހުރި އަގުހުރި ވަސީލަތްތައް ގާނޫނީ އޮނިގަނޑުން ބޭރުން ދޫކޮށްލުމުގެ ބާރު ސަރުކާރަށް ލިބިގެނެއް ނުވެ އެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން 500 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ބޭރުގެ ފަރާތަކަށް ދިނުމަށް ނިންމާފައިވާއިރު، މިއީ ގައުމުގެ ސަރަހައްދީ މިނިވަންކަމާ ގުޅުންހުރި ނާޒުކު މައްސަލައެކެވެ.
މި މަޝްރޫއާ ގުޅޭގޮތުން އެންމެ ބޮޑު ސުވާލެއް އުފެދެނީ އަމަލުކުރަމުންދާ ގާނޫނީ އިޖުރާއަތްތަކާ މެދުގައެވެ. ގާނޫނުއަސާސީ ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، އެކަމާ ގުޅޭ ސިޔާސަތެއް ނުވަތަ ގާނޫނީ އޮނިގަނޑެއް އާންމުކޮށްފައި ނުވާކަމުގެ ކަންބޮޑުވުންވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބު ވިދާޅުވެފައިވަނީ، މިހާތަނަށް ސޮއިކޮށްފައިވަނީ ހަމައެކަނި "ލެޓަރ އޮފް އިންޓެންޓް" ނުވަތަ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ އިބްތިދާއީ ލިޔުމެއްގައި ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ހާއްސަ ގާނޫނުތަކެއް ފާސްކުރަން ޖެހޭނެ ކަމަށްވެސް ބަންޑާރަ ނައިބު ވަނީ އެއްބަސްވެވަޑައިގެންފައެވެ. މިއާއެކު އުފެދޭ ސުވާލަކީ، ގާނޫނީ އޮނިގަނޑެއް ނެތި، ގައުމުގެ ބޮޑު ސަރަހައްދެއް ދޫކޮށްލުމުގެ އިބްތިދާއީ އެއްބަސްވުންތަކުގައި ސަރުކާރުން ސޮއިކުރީ ކޮން ބާރެއްގެ ދަށުންތޯއެވެ؟
ގައުމީ ތަރައްގީއާއި ބޯހިޔާވަހިކަމަކީ ކޮންމެހެން ބޭނުންތެރި ކަންކަމެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތަކަކީ ގައުމުގެ އިގްތިސާދަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ނަމަވެސް، މި ހުރިހާ ކަމެއްވެސް ކުރަންވާނީ ގައުމުގެ ގާނޫނުއަސާސީއާއި ސިޔާދަތަށް އިހުތިރާމްކޮށްގެންނެވެ.
ރާއްޖޭގެ ބިމަކީ ހަމައެކަނި ވިޔަފާރި މުދަލެއް ނޫނެވެ. އެއީ ދިވެހި ދައުލަތުގެ ސަރަހައްދުގެ ބައެކެވެ. އެހެންކަމުން، މިފަދަ ބޮޑެތި ނިންމުންތައް ނިންމުމުގައި ދެފުށް ފެންނަ، ޒިންމާދާރު އަދި ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ސަރުކާރެއް އިންތިހާބު ކުރެވެނީ ގާނޫނުއަސާސީގެ އިމުގެ ތެރެއިން ގައުމު ހިންގުމަށެވެ. އެއްވެސް ބޯހިޔާވަހިކަމުގެ ވައުދެއް ނުވަތަ ތަރައްގީގެ މަޝްރޫއެއް، ގައުމުގެ މަތީ މަސްލަހަތާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ރައްކާތެރިކަމަށްވުރެ މަތިވެގެން ނުވާނެއެވެ. ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމާއި ގައުމުގެ ސިޔާދަތު ހިމާޔަތްކުރުމަކީ އެކުއެކީގައި ކުރެވެންޖެހޭނެ ދެ ކަމެވެ. އެއްކަމެއް ހާސިލްކުރުމަށްޓަކައި އަނެއް ކަންތައް ގުރުބާން ކުރުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެކެވެ.









