ކެންޔާއިން އިބޯލާ ޖެހިގެން ދެވަނަ މީހަކު މަރުވެއްޖެ، ބަލި ފެތުރުން ކޮންޓުރޯލު ކުރުމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފި
24 އޮކްޓޯބަރު 2026 | ހޮނިހިރު 08:42ކެންޔާއިން އިބޯލާ ޖެހުނު 65 އަހަރުގެ އަންހެނަކު މަރުވުމާ ގުޅިގެން، އެ ޤައުމުގައި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައި. މި ބަލި ޖެހިފައިވާ އިތުރު ހަތް މީހަކަށް މިހާރު ފަރުވާދެމުންދާއިރު، ހުރިހާ ކޭސްތަކަކީ ވެސް އެއް ކްލަސްޓަރއަކާ ގުޅުންހުރި ކޭސްތަކެއް ކަމަށް ސިއްހީ ވުޒާރާއިން ބުނޭ. ބަލި ފެތުރުން ކޮންޓުރޯލު ކުރުމަށް ޓަކައި ކޮންޓެކްޓް ޓްރޭސިންގ ހެދުމާއި ކަރަންޓީނު ކުރުމުގެ ފިޔަވަޅުތައް އެ ގައުމުން މިހާރު ވަނީ ވަރުގަދަކޮށްފައި


ކެންޔާގައި އިބޯލާ ޖެހިފައިވާ ކަމަށް ޝައްކުރެކުވޭ މީހުންނަށް ފަރުވާދިނުމަށް ގާއިމުކޮށްފައިވާ ޚާއްސަ މަރުކަޒެއްގެ ބޭރުގައި ދެ ސިއްހީ ޚިދުމަތްތެރިން މަޑުކޮށްލައިގެން މަޝްވަރާކުރަނީ | އަނަދޮލު އޭޖެންސީ
ކެންޔާއިން ނުރައްކާތެރި އިބޯލާ ވައިރަސް ޖެހިގެން ދެވަނަ މީހަކު މަރުވެފައިވާ ކަން އެ ޤައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހުކުރު ދުވަހު ކަށަވަރުކޮށްދީފި އެވެ. މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 65 އަހަރުގެ އަންހެނެއް ކަމަށްވާއިރު، މިއާއެކު އެ ޤައުމުން މި ބަލި ޖެހުނުކަން ކަށަވަރުވި ނުވަ މީހުންގެ ތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2 އަށް އަރާފަ އެވެ.
އެ ޤައުމުން އިބޯލާ ޖެހުނު ތިންވަނަ ބަލިމީހާގެ ގޮތުގައި ފާހަގަކުރެވުނު މި އަންހެންމީހާ މަރުވީ، ގައިންގަޔަށް އަރާ ބަލިތަކަށް ޚާއްސަ ފަރުވާދޭ މަރުކަޒެއްގައި އެޑުމިޓުކޮށްގެން ފަރުވާ ދެމުންދަނިކޮށް ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ކެންޔާގެ ސިއްހަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޕެޓްރިކް އަމޯތު ވިދާޅުވީ، ކެންޔާއިން އިބޯލާ (ބަންޑިބޫޖޯ ވައިރަސް ޑިޒީޒް) ޖެހުނުކަން ކަށަވަރުވި ތިންވަނަ ކޭސް ކަމުގައިވާ އުމުރުން 65 އަހަރުގެ އަންހެން ބަލިމީހާ ނިޔާވި ޚަބަރު އިއުލާން ކުރަން ޖެހުމަކީ ވުޒާރާއަށް ފުން ހިތާމައެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ.
ސިއްހީ އިދާރާތަކުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި އަންހެންމީހާއަކީ އިބޯލާ ޖެހިގެން މީގެ ކުރިން ކެންޔާއިން މަރުވި ފުރަތަމަ ބަލިމީހާގެ އާއިލާގެ ގާތް މެންބަރެކެވެ. އަދި، އޭނާއަކީ ފުރަތަމަ ބަލިމީހާއާ ސީދާ ގޮތުން ބައްދަލުވެ، ކޮންޓެކްޓު ވެފައިވާ ނުވަތަ އެއްތަންވެފައިވާ މީހެކެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެނުމުގެ ކުރިން އޭނާ ކަރަންޓީނުކޮށްފައިވާއިރު، އޮކްޓޫބަރު 13 ގައި ބަލީގެ އަލާމާތްތައް ފެނުމާއެކު ހަމަ އެ ދުވަހު ވަނީ ޚާއްސަ އައިސޮލޭޝަން ޔުނިޓަކަށް ބަދަލުކޮށްފަ އެވެ.
ސިއްހީ އޮފިޝަލުން ވިދާޅުވީ، އޭނާއަށް ބޭނުންވާ ސަޕޯޓިވް މެޑިކަލް ފަރުވާ ފޯރުކޮށްދެމުން ދަނިކޮށް، ހާލަތު އިތުރަށް ގޯސްވެ ފުރާނަ ސަލާމަތް ނުކުރެވުނީ ކަމަށެވެ. މިއާއެކު، ބަލި ފެތުރުން ހުއްޓުވުމަށް ކަނޑައެޅިފައިވާ ޚާއްސަ ރައްކާތެރިކަމުގެ ޕްރޮޓޮކޯލްތަކާ އެއްގޮތަށް، އާއިލާއާ މަޝްވަރާކޮށްގެން ރައްކާތެރިކަމާއެކު އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދާނީ ޚާއްސަ ތަމްރީނު ލިބިފައިވާ ޓީމުތަކުން ކަމަށް ވުޒާރާއިން ބުންޏެވެ.
ފަރުވާ ދެމުންދާ ހަތް ބަލިމީހުން އަދި ކޮންޓެކްޓު ކްލަސްޓަރ
މި އަންހެންމީހާގެ މަރާއެކު، މިހާރު ދެ އައިސޮލޭޝަން ފެސިލިޓީއެއްގައި އިބޯލާ ޖެހިފައިވާ ހަތް ބަލިމީހުން ފަރުވާ ދެމުންދާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތުދެ އެވެ. ނަމަވެސް، ކަމާބެހޭ އިދާރާތަކުން ބުނީ، ކަށަވަރުވެފައިވާ ހުރިހާ ނުވަ އިންފެކްޝަނަކީ ވެސް އެނގިފައިވާ އެއް ކްލަސްޓަރއަކާ ސީދާ ގުޅުންހުރި ކޭސްތަކެއް ކަމަށެވެ. އަދި، އާންމު ރައްޔިތުންގެ މެދުގައި މި ވައިރަސް ފެތުރިގެން ގޮސްފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ރަސްމީ އިދާރާތަކުން ބުންޏެވެ.
"ހުރިހާ ކޭސްތަކެއް ވެސް އަދިވެސް މި ވަނީ އެނގިފައިވާ ކޮންޓެކްޓުންގެ އެއް ކްލަސްޓަރއެއްގެ ތެރޭގައި ހިފެހެއްޓިފައި. އަދި، މުޖުތަމައުގެ ތެރޭގައި މި ބަލި ފެތުރެމުންދާ ކަމުގެ އެއްވެސް ހެއްކެއް ނެތް،" ސިއްހީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ކެންޔާއިން އިބޯލާގެ ފުރަތަމަ ކޭސް ފެނިފައި ވަނީ މި މަހުގެ ކުރީކޮޅުގަ އެވެ. މި ހޯދުމާއެކު އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ޓަކައި ބަލި މޮނިޓަރުކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ އިތުރުން ކަރަންޓީނު ކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ސަރުކާރުން ބުނީ، މި ވައިރަހަށް ހުށަހެޅިފައިވާ ކަމަށް ބެލެވޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ ހާލަތު މެދުކެނޑުމެއްނެތި ބަލަމުން ގެންދާ ދަނޑިވަޅެއްގައި، މި ފަހުގެ މަރަކީ ބަލި ކޮންޓުރޯލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ސަމާލުކަމެއް ކަމަށެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











