ކޮންގޯއިން އިބޯލާގެ 7,000 ކޭސް، ދަރިވަރުން މަދަރުސާތަކަށް ފޮނުވަން ބެލެނިވެރިން ފަސްޖެހެނީ
13 ސެޕްޓެމްބަރު 2026 | އާދީއްތަ 03:38ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބަލީގައި 3،300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބަލިމަޑުކަން މިހާރު ވަނީ އެ ގައުމުގެ ހަތް ޕްރޮވިންސަކަށް ފެތުރިފައި. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މަދަރުސާތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރި ނަމަވެސް، މިހާތަނަށް ރަސްމީ ފަރުވާއެއް ހޯދިފައިނުވާ މި ބައްޔާ ގުޅިގެން އާންމުންގެ މެދުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައި


ކޮންގޯގައި އިބޯލާ ޖެހިގެން މަރުވި ގިނަ އަދަދެއްގެ ބަޔަކު ވަޅުލާފައިވާ ސަރަހައްދެއް | ރޮއިޓާސް
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދި ކޮންގޯގައި (ޑީއާރްސީ) މިހާތަނަށް ފެތުރުނު އެންމެ ނުރައްކާތެރި އިބޯލާގެ ބަލިމަޑުކަމުގައި 7،000 އަށްވުރެ ގިނަ މީހުންނަށް އެ ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ހާމަކޮށްފި އެވެ. އެ ގައުމުގެ ސަރުކާރުން މި ބަލިމަޑުކަން ރަސްމީކޮށް ދެނެގަނެފައި ވަނީ މެއި މަހުގެ މެދުތެރޭގައި ކަމަށް ވިޔަސް، ރަސްމީކޮށް މި ކަން ފާހަގަވުމުގެ ހަފުތާތަކެއް ކުރިންވެސް އެ ބަލިމަޑުކަން ދިޔައީ ފެތުރެމުން ކަމަށް ކަމާބެހޭ މާހިރުން ލަފާކުރެ އެވެ.
އެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ބަލި ޖެހިގެން ރަޖިސްޓްރީ ކުރެވުނު 7،022 މީހުންގެ ތެރެއިން 3،398 މީހަކު ވަނީ މިހާތަނަށް މަރުވެފަ އެވެ. އަދި، މިވަގުތު ވެސް 837 މީހަކަށް އެކަހެރިކޮށްގެންނާއި ހަސްފަތާލުތަކުގައި ފަރުވާ ދެމުން އެބަދެ އެވެ.
މިއީ، ކޮންގޯގައި ފެތުރެން ފެށި އިބޯލާގެ 17 ވަނަ ބަލިމަޑުކަމަށް ވާއިރު، މަދުން ނޫނީ ނުފެންނަ 'ބުންޑިބޫޖޯ' ވައިރަހުގެ ސަބަބުން ޖެހޭ މި ބަލި އެންމެ ފުރަތަމަ ފެންނަން ފެށީ އެ ގައުމުގެ އިރުއުތުރުގައި އޮންނަ އިޓޫރީ ޕްރޮވިންސުންނެވެ. އެއަށްފަހު، މި ބަލިމަޑުކަން ވަނީ ސިއްހީ ވަސީލަތްތައް މަދު އެ ގައުމުގެ އިރުމައްޗާއި އުތުރުގެ އެކަހެރި ސަރަހައްދުތަކަށް ފެތުރިފަ އެވެ. އެއީ، ދިހަވަރަކަށް އަހަރު ވަންދެން ހަތިޔާރު އެޅި ޖަމާއަތްތަކުގެ ނުފޫޒު އޮތް، އަދި ސަރުކާރުގެ ބާރު ކުޑަ، ސަރަހައްދުތަކެކެވެ.
މި ހަފުތާގެ ކުރީކޮޅު އެ ގައުމުގެ ހަތްވަނަ ޕްރޮވިންސެއް ކަމަށްވާ ދެކުނު-އުބަންގީން ވެސް މި ބަލީގެ ކޭސްއެއް ވަނީ ފެނިފަ އެވެ. އެ ޕްރޮވިންސް އޮންނަނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ކޮންގޯ-ބްރައްޒާވިލްއާ އިންވެގެން، އެ ގައުމުގެ ހުޅަނގު އުތުރުގަ އެވެ.
ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުން އަދިވެސް ތިބީ އިޓޫރީ ޕްރޮވިންސުގަ އެވެ. އަދި ހޫނު މޫސުމުގެ ބަންދަށްފަހު މަދަރުސާތައް ހުޅުވި ދުވަސްވަރު އެ ސަރަހައްދުގެ މަދަރުސާތަކުން އިބޯލާ ފެނުމާ ގުޅިގެން، ބެލެނިވެރިންނާއި ސިއްހީ ހިދުމަތްތެރިންގެ މެދުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފަ އެވެ.
"އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި. ސަބަބަކީ ކޮންމެ ކުއްޖަކީ ކޮން އާއިލާއަކުން އަންނަ ކުއްޖެއްކަމެއް ނުވަތަ އެ އާއިލާއެއްގެ މެންބަރުންގެ ސިއްހީ ހާލަތު ހުރި ގޮތެއް އަޅުގަނޑުމެންނަށް ނޭނގޭތީ،" އިޓޫރީގެ ވެރިރަށް ބޫނިއާގައި ދިރިއުޅޭ ބެލެނިވެރިއެއް ކަމަށްވާ އަންޖެލް މަގާނީ ބުންޏެވެ. އަދި، މަދަރުސާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމުގެ ޔަގީންކަން ދިން ނަމަވެސް، ދަރިވަރުން މަދަރުސާތަކަށް ފޮނުވުމަށް އެ ކުދިންގެ ބެލެނިވެރިން ދަނީ ފަސްޖެހެމުންނެވެ.
ބޫނިއާގެ މަދަރުސާއެއްގެ އޮފިޝަލެއް ކަމަށްވާ ރޮޖާ މުންގިމްބޯ ވިދާޅުވީ، ސައިބޯނި ލައިގެން އަތްދޮވުން މަޖުބޫރުކޮށް، ކޮންމެ ކްލާހެއްގައި ގިނަވެގެން 30 ކުދިން ބޭތިއްބުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. "އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ގައިގައި އަތްނުލުމަށާއި، ސަލާމް ނުކުރުމަށާއި، އަދި ގަވާއިދުން އަތްދޮވުމަށް އަޅުގަނޑުމެން ދަނީ ކުދިންނަށް އަބަދުވެސް ހަނދާންކޮށްދީ ހޭލުންތެރިކުރަމުން،" އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އެފްރިކާއިން 15،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިބޯލާ ބައްޔަކީ ހަށިގަނޑުން ބޭރުވާ ދިޔާ ތަކެތީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށް ވާއިރު، މި ބަލީގެ ސަބަބުން ހަށިގަނޑުގެ އެތެރެއަށާއި ބޭރަށް ލޭ ފޭބުމާއި، ގުނަވަންތައް ފޭލުވުން ފަދަ ނުރައްކާތައް ކުރިމަތިވެ އެވެ.
ދުނިޔޭގައި މިހާތަނަށް އެންމެ ނުރައްކާތެރިކޮށް މި ބަލި ފެތުރުނީ 2014 އިން 2016 އަށް ހުޅަނގު އެފްރިކާގަ އެވެ. 'ޒައިރް އިބޯލާ ވައިރަސް' ގެ ސަބަބުން ފެތުރުނު އެ ބަލިމަޑުކަމުގައި، މައިގަނޑު ގޮތެއްގައި ގިނީ، ލައިބީރިއާ އަދި ސިއެރެ ލިއޯންއިން 11،325 އަށްވުރެ ގިނަ މީހުން މަރުވި އެވެ. މިހާރު ޑީއާރްސީގައި ފެތުރެމުންދާ ބުންޑިބޫޖޯ ވައިރަހަށް ރަސްމީކޮށް ހުއްދަދީފައިވާ ވެކްސިނެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނެތް ނަމަވެސް، މި ބައްޔަށް ފަރުވާ ކުރުމަށް ބައެއް ބޭސްތަކާއި ވެކްސިންތައް މިހާރު ޓެސްޓު ކުރެވެމުން އެބަދެ އެވެ.
މަސްދަރު: އަލް ޖަޒީރާ











