އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެ ކުންފުނީގެ މާލީ ހާލަތާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް!
22 އޮކްޓޯބަރު 2026 | ބުރާސްފަތި 21:12އައްޑޫ އެއާޕޯޓުގެ މާލީ ހިސާބުތަކުގައި ސީރިއަސް މައްސަލަތަކެއް ހުރުމުން އޮޑިޓާ ޖެނެރަލް ނޭދެވޭ ރައުޔެއް ނެރުއްވާފައިވާއިރު، 2025 ވަނަ އަހަރު އެ ކުންފުންޏަށް 68.7 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައިވޭ. މުދަލުގެ އަގު ވަޒަންނުކުރުމާއި ދަރަނި އިންތިހާއަށް އިތުރުވުމުގެ ސަބަބުން ކުންފުނި ހިންގުމުގެ ގާބިލުކަމާ މެދު ސުވާލު އުފެދިފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި


އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް | ސޯޝަލް މީޑިއާ
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުގެ 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި އެ ކުންފުނީގެ މާލީ ހާލަތާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަން ހާމަކޮށްފި އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވި މި ރިޕޯޓުގައި ބުނެފައިވަނީ، ކުންފުނީގެ މާލީ ހިސާބުތަކުން ކުންފުނީގެ ހަގީގީ މާލީ ހާލަތު ދެނެގަނެވެން ނެތް ކަމަށާއި، އެހެންކަމުން އެ ހިސާބުތަކާ މެދު "އެޑްވާސް އޮޕީނިއަން" އެއް ނުވަތަ ނޭދެވޭ ރައުޔެއް ދީފައިވާ ކަމަށެވެ. މިއީ މާލީ ރިޕޯޓުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން އެއަށް އިތުބާރު ކުރެވެން ނެތް ހާލަތްތަކުގައި އޮޑިޓަރުން ދޭ އެންމެ ހަރުކަށި ރައުޔެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، އެއާޕޯޓް ހިންގުމަށް ބޭނުންކުރާ މުދަލާއި ވަސީލަތްތަކުގެ އަގު ދަށްވެފައިވޭތޯ ބެލުމަށް ހަދަންޖެހޭ "އިމްޕެއާމަންޓް އެސެސްމަންޓް" ކުންފުނިން ހަދާފައި ނުވުމެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ މުދަލުގެ އަގުގެ ގޮތުގައި 449.6 މިލިއަން ރުފިޔާ ހިސާބުތަކުގައި ދައްކާފައިވީ ނަމަވެސް، ކުންފުންޏަށް މެދުނުކެނޑި ގެއްލުންވަމުންދާތީ އެ މުދަލުގެ ހަގީގީ އަގު އެއަށްވުރެ ދަށްވުމުގެ ފުރުސަތު ބޮޑުކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ކުންފުންޏަށް ޖުމްލަ 817.4 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައިވާއިރު، ކުންފުނީގެ މިލްކިއްޔާތު ނުވަތަ ނެޓް އެސެޓްސް ހުރީ 58.2 މިލިއަން ރުފިޔާގެ ނެގެޓިވް އަދަދެއްގައި އެވެ.
ކުންފުނީގެ މާލީ ހިސާބުތަކުގައި މުވައްޒަފުންނަށް ދޭންޖެހޭ އިނާޔަތްތަކާއި ގުޅޭ ބައެއް މުހިންމު މައުލޫމާތުތައް އުސޫލުތަކާ އެއްގޮތަށް ހިމަނާފައި ނުވާކަން ވެސް އޮޑިޓުން ވަނީ ހާމަވެފައި އެވެ. ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި ރިޑަންޑަންސީ ޕޮލިސީގެ ދަށުން ދޭންޖެހޭ ފައިސާ، ބައިނަލްއަގުވާމީ އެކައުންޓިން މިންގަނޑުތަކާ އެއްގޮތަށް ހިސާބުކޮށްފައި ނުވާތީ، އޭގެ ސަބަބުން މާލީ ހިސާބުތަކަށް ކުރާނެ އަސަރު ދެނެގަނެވިފައި ނުވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަސައްކަތްތައް "ކެޕިޓަލް ވޯކް-އިން-ޕްރޮގްރެސް" ގެ ގޮތުގައި ހިސާބުތަކުގައި ހިމަނާފައި ނުވާކަން ވެސް އޮޑިޓަރު ވަނީ ފާހަގަކުރައްވާފައި އެވެ.
މާލީ ނަތީޖާއަށް ބަލާއިރު، 2025 ވަނަ އަހަރު އައްޑޫ އެއާޕޯޓަށް އާމްދަނީގެ ގޮތުގައި 94.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 33 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، ކުންފުނި ހިންގުމުގެ ޚަރަދުތައް 54.9 މިލިއަނުން 112.6 މިލިއަން ރުފިޔާއަށް އިތުރުވުމުގެ ސަބަބުން، އަހަރު ނިމުނުއިރު 68.7 މިލިއަން ރުފިޔާގެ ސާފު ގެއްލުމެއް ކުންފުންޏަށް ވަނީ ވެފައި އެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ޖެޓް ފިއުލް ނުވަތަ މަތިންދާބޯޓަށް އަޅާ ތެޔޮ ގަތުމަށެވެ. ތެލުގެ ޚަރަދަށް އެކަނި ވެސް 66.6 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.
ކުންފުނީގެ ދަރަނީގެ ހާލަތަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންޖެހޭ ލޯނާއި ސަރުކާރާއި އެހެނިހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ހިމެނޭހެން ޖުމްލަ ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ކަރަންޓް ލައިބިލިޓީސް ނުވަތަ އަހަރެއްގެ ތެރޭގައި ދައްކަންޖެހޭ ދަރަނި، ކުންފުނީގެ އަތުގައި ހުރި މުދަލަށްވުރެ 312.7 މިލިއަން ރުފިޔާ އިތުރެވެ. މި ހާލަތުގެ ސަބަބުން ކުންފުނި ހިންގުމުގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވީ ނަމަވެސް، ކުންފުނީގެ ހިއްސާދާރުން ދެއްވާފައިވާ ޔަގީންކަމާ އެކު ކުންފުނި ހިންގަމުން ގެންދެވޭނެ ކަމަށް މެނޭޖްމަންޓުން ގަބޫލުކުރެ އެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ކުންފުނީގެ ހިއްސާގެ ރައުސްމާލުގެ ގޮތުގައި 664.1 މިލިއަން ރުފިޔާ ހުރި އިރު، ސަރުކާރުން އިތުރަށް ދީފައިވާ 95 މިލިއަން ރުފިޔާ ހިއްސާއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މާލީ ހިސާބުތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށާއި، މުދަލުގެ އަގު ވަޒަންކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ އިރުޝާދު ދެއްވާފައި އެވެ.
އައްޑޫ އެއާޕޯޓުގެ 70 އިންސައްތަ ހިއްސާ ސަރުކާރުން ބަލަހައްޓާއިރު، ބާކީ 30 އިންސައްތަ ހިއްސާ އޮންނަނީ ކާސާ ހޯލްޑިންގްސް އަތުގައި އެވެ.











