އީގަލް ހިލްސްއަކީ 20 ބިލިއަން ޑޮލަރު އިންވެސްޓްކުރުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށް އެއްވެސް ގޮތަކަށް ފެންނަން ނެތް: އީސަ
20 އޮކްޓޯބަރު 2026 | އަންގާރަ 13:26ރަސްމާލެ މަޝްރޫއު ހިންގުމަށް ހަވާލުކުރި އީގަލް ހިލްސް ކުންފުނީގެ މާލީ ގާބިލުކަމާ މެދު ސުވާލު އުފައްދަވައި، އެ ކުންފުނިން އެހެން ގައުމުތަކުގައި ހިންގާ މަޝްރޫއުތައް ލަސްވަމުންދާކަން ކުރީގެ މެންބަރު އަހުމަދު އީސަ ފާހަގަކުރައްވައިފި. އޭނާ ވިދާޅުވި ގޮތުގައި ސާބިއާ އާއި އަލްބޭނިއާ ފަދަ ގައުމުތަކުގައި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކުރަން އެއްބަސްވި ނަމަވެސް، ގިނަ އަހަރުތަކެއް ވީއިރުވެސް އެ މަސައްކަތްތައް އޮތީ ނުނިމި. އެހެންކަމުން މިފަދަ މަޝްރޫއުތަކުން ރާއްޖެއަށް ލިބޭނެ ފައިދާއާ މެދު އީސަ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި


ކެންދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ | ރާއްޖެ އެމްވީ
އީގަލް ހިލްސްއަކީ 20 ބިލިއަން ޑޮލަރު އިންވެސްޓްކުރުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށް އެއްވެސް ގޮތަކަށް ފެންނަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ހާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން އީސަ ވިދާޅުވީ، އީގަލް ހިލްސްއަކީ ދުބާއީގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ފެންނަން އޮތް ކުންފުންޏެއް ނޫން ކަމަށެވެ. އަދި އީގަލް ހިލްސް އިން ދިވެހިރާއްޖޭގައި މަޝްރޫއުއެއް ކުރިއަށް ގެންދާކަމުގައި ވާނަމަ އެކުންފުނީގެ މާލީ ގާބިލްކަމާއި މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮންނަ ކަމަށް އީސަ ވިދާޅުވި އެވެ.
އީގަލް ހިލްސް އިން ގައުމުތަކުގައި ހިންގާފައި ހުރި މަޝްރޫއުތަކަށް ބެލުމުން އެ ކުންފުންޏަކީ ރަސްމާލެ މަޝްރޫއު ހިންގޭނެ ވަރުގެ ގާބިލުކަން ހުރި ކުންފުންޏެއް ނޫން ކަން އިނގޭ ކަމަށާއި އެ ގައުމުތަކުގައި ހިންގަން ފަށާފައިވާ މަޝްރޫއުތައް އެ ގައުމުގެ ރައްޔިތުންގެ ބޮލުގައި ރިހުމަކަށް ވެފައިވާ ކަމަށް އީސަ ވިދާޅުވި އެވެ.
އަޅުގަނޑަށް ފާހަގަކުރެވުނު ޔޫރަޕްގެ ވެސް އެހާ މުއްސަނދި ނޫން ގައުމުތަކުގައި ވެސް އެބަހުރި މިސާލަކަށް ސާބިއާގައި އެބަހުރި، ޖޯޖިއާގައި އެބަހުރި، އަލްބޭނިއާގައި އެބަ އުޅޭ، އުޅޭއިރު ހިނގާ ބަލަމާ ސާބިއާގެ ޕްރޮޕާޓީ ސާބިއާގެ ޕްރޮޖެކްޓްގައި ސޮއި ކުރަނީ 2015 ގައި، އަދިވެސް ޕްރޮޖެކްޓެއް ނުނިމޭ، ޕްރޮޖެކްޓްގެ 50 ޕަސަންޓް ވެސް ނުނިމޭ، އެއީ 3 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ހެދި އެގްރީމަންޓެއް 10 އަހަރު ވީއިރު ވެސް 50 ޕަަސަންޓާއި ހަމައަށް ރީޗް ނުވެވޭ ކަމަށް ފެންނަން ހުރި މައުލޫމާތުތަކުން އިނގެން އޮތީ. ދެން މިއޮތީ އަލްބޭނިއާ އަލްބޭނިއާގައި ސޮއި ކުރީ 203 ވަނަ އަހަރު 2 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓަށް އިންވެސްޓްކުރަން، ކުރި ވަރެއް އިނގޭކަށް ނެތް، ޕްރޮޖެކްޓް ނުނިމޭއަހުމަދު އީސަ
އީސަ ވިދާޅުވީ އަލްބޭނިއާގައި އީގަލް ހިލްސްއިން ހިންގި މަޝްރޫއުއިން ފެންނަން އޮތީ އިމާރަތް ކުރުމުގެ ކުރިން އެޑްވާންސްކޮށް ޕްރޮޕަޓީތައް ވިއްކަން ނުކުމެގެން 60 މިލިއަން ޑޮލަރު ވޭސްޓް ކުރިތަން ކަމަށެވެ. އަދި ޖޯޖިއާގައި މަޝްރޫއުއެއް ހިންގުމަށް 2025 ވަނަ އަހަރު ސޮއި ކުރި ނަމަވެސް އެއްވެސް ކަމެއް މިއަދާއި ހަމައަށް ފެންނަން ނެތް ކަމަށް އީސަ ވިދާޅުވި އެވެ.
ހަމައެއާއެކު ސާބިއާގައި އިންވެސްޓް ކުރަން ސޮއި ކުރެވުނީ 3 ބިލިއަން ޑޮލަރު ކަމުގައި ވީ ނަމަވެސް 10 އަހަރުން އިންވެސްޓް ކުރެވުނީ 150 މިލިއަން ޑޮލަރު ކަމަށް އީސަ ވިދާޅުވި އެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބެނީ ކިހާވަރެއްގެ ފައިދާއެއްތޯ އީސަ ވަނީ ސުވާލު އުފައްދާފައި އެވެ.











