ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!
19 އޮކްޓޯބަރު 2026 | ހޯމަ 14:10ރަސްމާލޭގެ ބިން ބޭރުގެ ކުންފުންޏަކަށް ދާއިމީކޮށް ދޭން އުޅޭ ކަމަށް ބުނެ "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށްގެންދާ ހަރަކާތުގެ ފަރާތުން ރައީސްއާ ބައްދަލު ކުރުމަށް އެދޭނެކަން ހާމަކުރި. މި މަޝްރޫއު ހުއްޓާލުމަށް ގޮވާލައްވަމުން ޝެއިޚް އިމްރާން ވިދާޅުވީ، ގައުމުގެ ބިން ފޭރުމާ ދެކޮޅަށް ގިނަ ބަޔަކު ތިބީ ތައްޔާރަށް ކަމަށާއި، މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހަންޖެހޭ ކަމަށް


ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ
ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމީކޮށް ދޭ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، އިތުރު ބޮޑު ކަމަކައިގެން ކުރިއަށް ދިއުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް އެދިވަޑައިގަންނަވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، އެ ބޭފުޅުން ދެކޮޅު ހައްދަވަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ނޫން ކަމަށާއި، ދެކޮޅު ހައްދަވަނީ ރާއްޖޭގެ ބިން ފޭރުމާ ކަމަށެވެ. އަދި ޒަޔަނިސްޓުން އައިސް ރާއްޖޭގެ ބިން ފޭރިގަތުމަށް ފުރުސަތު ނުދެއްވާނެކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، ރައީސް މުއިއްޒު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަށަވަރު ކުރެއްވުމަށް 500 މިލިއަން ޑޮލަރު ހޯއްދެވުމުގެ ބޭނުމުގައި މި ގައުމު ވިއްކައިނުލެވޭނެ ކަމަށެވެ.
ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށް ގެންދާ ހަރަކާތަކަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވީ، މި ހަރަކާތަކީ ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ވަރަށް ގިނަ ބޭފުޅުން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެ ޓީމަށްވުރެ މާ ޖޯޝާއި ހިތްވަރު ހުރި، ގާބިލު ވަރުގަދަ ބޭފުޅުން އެ ބޭފުޅުންގެ ފަހަތުގައި އެބަތިއްބެވި ކަމަށާއި ވަގުތު ޖެހުމުން އެ ހުރިހާ ބޭފުޅުން ފެންނާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، މިއީ އެންމެ މީހަކު ދެ މީހަކު ނުވަތަ އެއް ނޫހަކުން ދެ ނޫހަކުން ކުރާ ކަމެއް ނޫން ކަމަށާއި، އެ ބޭފުޅުންގެ ފަހަތުގައި ޒުވާނުންނާއި، އަންހެނުން އަދި ސަރުކާރުގެ ތެރެއިން ވެސް އެ ބޭފުޅަކު ކުރައްވަންޖެހޭ ކަމެއް ކުރައްވާނެ ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. މީގެ އިތުރުން، އެ ހަރަކާތުގެ ފަހަތުގައި ތިއްބެވި ވަރުގަދަ ބޭފުޅުން އެއްފަރާތަކަށް ޖެހިލުމުން މި ގައުމުގެ 80 ޕަސެންޓް ރައްޔިތުން ތިބީ އެ ބޭފުޅުންގެ ފަހަތުގައިކަން އެނގިގެންދާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އަތޮޅުތެރޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން ވެސް މިކަމުގައި އިޝާރާތަކަށް ކެތްމަދުވެފައި ތިބިކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، އެމީހުން ދަތުރުކުރާނީ ރިޔަލުދޯނީގައި ނޫން ކަމަށާއި، ސްޕީޑް ލޯންޗުތަކާއި އެއާލައިންތައް މެދުވެރިކޮށް ވަރަށް އަވަހަށް މާލެ އަންނާނެ ކަމަށެވެ. ނަމަވެސް ވަރަށް ހިމޭން އިހުތިޖާޖަކުން މިކަން ނިމިގެންދިއުމަށް ގިނަ ބަޔަކު އެދޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ، މި ހަރަކާތާ ގުޅިގެން އިތުރު ބޮޑު ކަމަކައިގެން ކުރިއަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނގެންފަހުން މި ހަރަކާތާއެކު ކުރިއަށްދާނެ މަގު ފެންނާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
އަޅުގަނޑު އެދެނީ ރައީސް މުޢިއްޒު އަޅުގަނޑުމެންނަށް ބޭނުންފުޅު ބޭފުޅަކު ގޮވައިގެން، އެއަށް އަތްބާރުކަމަށް ވިޔަސް ގޮވައިގެން އަޅުގަނޑުމެންނާ ބައްދަލުކޮށްދެއްވުން. އޭރުން އަޅުގަނޑުމެން މި ދައްކާ ވާހަކަ ރައީސް މުއިއްޒަށް ވެސް އަދި އެ ބޭފުޅުންނަށްވެސް އަޑުއިވަޑައިގަންނަވާނެ.ޝެއިޚް އިމްރާން އަބްދުﷲ
އިމްރާން ވަނީ ފާއިތުވި އެއް މަސްދުވަހު ރައްޔިތުން ދެއްކި ވާހަކަތައް އަޑުއައްސަވައި، މި މަސައްކަތް މި ގޮތަށް ކުރިއަށް ނުގެންދެވޭނެކަން މާދަމާ އިއުލާނުކުރައްވައި މި މައްސަލަ ނިންމަވައިދެއްވުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ.











