ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން
17 އޮކްޓޯބަރު 2026 | ހޮނިހިރު 10:33ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް 99 އަހަރަށް ދޫކޮށްލުމަކީ ގައުމުގެ އަގުހުރި ވަސީލަތްތައް ނަގާލުން ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލު އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފި. ބިޑުކުރުމެއް ނެތި މިފަދަ ބޮޑެތި މަޝްރޫއުތައް ހަވާލުކުރުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެއް ކަމަށާއި، ސަރުކާރުން އިސްކަންދޭންވާނީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކަމަށް އޭނާ ވިދާޅުވި


ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރާއްޖެއަށް ޒިޔާރަތްކުރެއްވި އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް ކަމަށާއި، މަދު ފައިސާކޮޅެއްގެ ބޭނުމުގައި ރަންބިސް އަޅާ އަސްދޫނި ކަތިލައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އަލީ ހުސައިން ވިދާޅުވީ، މީހުން މީހުންނާ ރައްޓެހިވާން އުޅޭ ދުވަސްވަރު "ތަރިބާލައިދޭނަމޭ" ބުނާ ބީދައިން، ރައީސް ޑރ.މުހައްމަދު މުއިއްޒަށް އަލަށް ވެރިކަމުގެ ބާރު ލިބުމުންވެސް ވެވަޑައިގަންނަވަމުން ދަނީ އެފަދަ ވައުދުތަކެއް ކަމަށެވެ. އަދި އެގޮތަށް ރާއްޖެއަށް ޒިޔާރަތްކުރެއްވި އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ވެސް ރަސްމާލެ މަޝްރޫއާ ގުޅުވައި ތަރިބާލަދީފައިވާ ކަމަށެވެ.
ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ، އެކަމުގެ ހަގީގަތް އޮޅުވާލުމަށްޓަކައި ވަރަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަޝްރޫއު ދިފާއު ކުރުމަށް ވަޒީރުން އެއްކޮށްލައިގެން މުޅި ނިޒާމުގެ ތެރޭގައި އެންމެ އިސްކޮށް ބަސްބުނާ މީހަކީ އަލައްބާރުކަން ދައްކާފައިވާ ކަމަށެވެ.
އެހެންކަމުން މިއީ މިއަދު ގައުމު ވެއްޓިފައިވާ ހިތާމަވެރި ހާލަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަދު ފައިސާކޮޅެއްގެ ބޭނުމުގައި ގައުމުގެ އަގުހުރި ވަސީލަތްތައް ނަގާލުމާ ދެކޮޅަށް ތެދުވަން ޖެހޭކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ، ރަންބިސް އަޅާ އަސްދޫނި ކަތިލުމުގެ ސިޔާސަތެއް ގެންގުޅެގެން ނުވާނެ ކަމަށެވެ. އަދި އެއްވެސް ބިޑުކުރުމެއް ނެތި، ބޭރު ފަރާތްތަކަށް 99 އަހަރަށް ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ދޫކުރަން ފަށައިފިނަމަ، އެކަމުގައި ދެން އަންނަ ބަޔަކުވެސް ހުރިހާ ތަނެއް އެގޮތަށް ދީ ހުސްކޮށްލުމަށް ހުރަހެއް ނޯންނާނެ ކަމުގެ އިންޒާރު އަލީ ހުސެއިން ދެއްވި އެވެ.
ހަމައެގޮތަށް އަލައްބާރު ވެސް އައިސްފައި ތަރިބާލަނީ ހަގީގަތުގަ. ދެން އަނެއްކާ އޭނާ ގެ ސްޓްރެންތު ދެއްތޯ؟ އެ ދައްކާލަނީ. ހުރިހާ މިނިސްޓަރުންނާ އެއްޗެހި އެއްކޮށްލާފައި އިނގޭތޯ. ރައީސުލްޖުމްހޫރިއްޔާ ވެސް ކަނެއްގަ ބައިންދާލާފައި ކާކުހޭ ބޮސްއަކީ އިނގޭތޯ އެ ބުނަނީ އިނގޭތޯ. އެހެންވީމާ މިއީ ހަގީގަތުގަ އަޅުގަނޑުމެން ގޮސްފައިވާ ހާލު އިނގޭތޯ. އެހެންވެ އަޅުގަނޑު މި ދަންނަވަނީ މަދު ފައިސާކޮޅެއްގެ ބޭނުމުގައި އަޅުގަނޑުމެން ނުވާނެ އަސްދޫނި ކަތިލާކަށް ނުވާނެ. ރަންބިސް އަޅާ އަސްދޫނި ކަތިލާކަށް ނުވާނެ.ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން
މީގެއިތުރުން މާލޭގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވައި އަލީ ހުސެއިން ވިދާޅުވީ، މާލޭގައި އެތައް ހާސް ބަޔަކު ނޭވާނުލެވޭ ފަދަ ދަތި ހާލުގައި، މަގުމަތީގައި ހިނގައިބިނގާވެ ނޫޅެވޭ ވަރަށް ތޮއްޖެހިފައިވާއިރު، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ކަމަށެވެ.
ބިން ހިއްކަނީވެސް ރައްޔިތުންގެ އެ ބޯހިޔާވަހިކަން ހައްލުކޮށްދިނުމުގެ ނަމުގައި ކަމަށްވާއިރު، އިސްކަންދޭންޖެހޭ އަސްލު މަގުސަދަކީ އެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމުގައި އަލީ ހުސައިން ވިދާޅުވި އެވެ.










