ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި
20 އޮކްޓޯބަރު 2026 | އަންގާރަ 03:25ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާއިރު، ފާއިތުވި ދުވަސްތަކުގައި ދިން ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލާފައި. މި ޤަތުލުއާންމުގައި މިހާތަނަށް 74,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ %90 ވަނީ ސުންނާފަތިކޮށްލާފައި


ޣައްޒާ ސިޓީގެ ރިމާލް އަވަށަށް ޔަހޫދީ އިސްރާއީލު ސިފައިން ދިން ހަމަލާތަކެއްގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކާއި އެއްގަމު އުޅަނދެއް ކައިރިން އާންމުންގެ ބަޔަކު ހިނގަނީ | ގެޓީ އިމޭޖަސް
ހުޅަނގު ޣައްޒާ ސިޓީގެ އަލް-ޝިފާ މެޑިކަލް ކޮމްޕްލެކްސް ކައިރީގައި ހުރި އާންމުން ދިރިއުޅޭ އިމާރާތެއްގެ އެޕާޓްމަންޓަކަށް އަންގާރަ ދުވަހުގެ ހެނދުނު ޔަހޫދީ އިސްރާއީލު ސިފައިން ދިން ނިރުބަވެރި ހަމަލާއެއްގައި ފަލަސްތީނުގެ ފިރިހެނަކާއި އޭނާގެ އަނބިމީހާ ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަޚަމުކޮށްލާފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން ހާމަކޮށްފި އެވެ. ޝަހީދުކޮށްލާފައިވާ ދެމަފިރިންނަކީ އަކްރަމް ޔާސީން އަދި އޭނާގެ އަނބިމީހާ ދީނާ ޔާސީނެވެ.
މީގެ އިތުރުން، މެދުތެރޭ ޣައްޒާގެ އަލް-ބުރައިޖް ރެފިއުޖީ ކޭމްޕުގެ އިރުމަތީ ސަރަހައްދުތަކަށް އިސްރާއީލު ސިފައިން ވަނީ އާޓިލަރީ ބަޑީގެ ހަމަލާތަކެއް އަމާޒުކޮށްފަ އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. މި ހަމަލާތައް ދީފައި މި ވަނީ 2025 އޮކްޓޫބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށެވެ.
ހޯމަ ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ވަކިވަކި ހަމަލާތަކެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުކޮށްލައި، އިތުރު ތިން މީހަކު ޒަޚަމުކޮށްލާފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން ބުންޏެވެ. މި ގޮތުން، ހުޅަނގު ޣައްޒާ ސިޓީގެ ޝައިޚް ރަޟްވާން އަވަށުގައި އާންމުން އެއްވެ ތިބި ތަނަކަށް އިސްރާއީލުގެ ޑްރޯނަކުން ދިން ނިރުބަވެރި ހަމަލާއެއްގައި ފިރިހެނަކު ޝަހީދުވެ، އިތުރު ދެ މީހަކު ވަނީ ޒަޚަމުވެފަ އެވެ. އަދި، ދެކުނު ޣައްޒާގެ ޚާން ޔޫނިސްގެ ހުޅަނގު ދެކުނުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ފޭލިގެތަކަކަށް ޔަހޫދީ އިސްރާއީލުގެ ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ އިތުރު މީހަކު ވަނީ ޒަޚަމުވެފަ އެވެ.
ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވެ މިހާތަނަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 1,522 މީހުން ޝަހީދުކޮށްލައި، 5,421 މީހުން ޒަޚަމުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވެ އެވެ. 2023 އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާގައި ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުގެ 74,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 175,000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުކޮށްލާފަ އެވެ. އަދި، މި ހަމަލާތަކުގައި އާންމު އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް %90 ވަނީ ސުންނާފަތިކޮށްލާފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











