ރަޝިޔާގެ ޚާރިޖީ ވަޒީރު ތެހެރާނަށް: ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މަސްރަހާމެދު މަޝްވަރާކުރައްވާނެ
19 އޮކްޓޯބަރު 2026 | ހޯމަ 09:33ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާފައިވާ ރަޝިޔާއާއި އީރާނުން ސިޔާސީ، އިގުތިސާދީ އަދި އަސްކަރީ ގުޅުން ވަރުގަދަކުރަމުންދާއިރު، ދެ ޤައުމުގެ ދެމެދުގައި 20 އަހަރު ދުވަހުގެ އިސްތިރާޖީ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި. މި އެއްބަސްވުމުގެ ދަށުން ދިފާޢީ، ހަކަތަ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ބައިނަލްއަގުވާމީ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައި


ރަޝިޔާގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ
ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފް ހޯމަ ދުވަހު ތެހެރާނަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އައިއާރުއައިބީން ރިޕޯޓްކޮށްފައިވެ އެވެ.
އަދި, މި ޒިޔާރަތުގެ ތެރޭގައި އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންއާ ވެސް ލެވްރޮފް ބައްދަލުކުރައްވާނެ ކަމަށް ބެލެވޭ ކަމަށް، ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީއާ ހަވާލާދީ އައިއާރުއައިބީން ބުންޏެވެ. ލެވްރޮފް ތެހްރާނަށް ދަތުރުފުޅެއް މި ކުރައްވަނީ، އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑްް ޓްރަމްޕް އިސްވެ އީރާނަށް ހަމަލާދިނުމަށް ނިންމެވީ ޔަހޫދީ ޞިހްޔޫނީން ރުއްސުމަށެވެ.
ލެވްރޮފްގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކާއި، ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށް ބަޣާއީ ވިދާޅުވި އެވެ. ދެ ޤައުމަށް ވެސް ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ދަނޑިވަޅެއްގައި، ފާއިތުވި އަހަރުތަކުގައި އީރާނާއި ރަޝިޔާއިން ވަނީ ސިޔާސީ، އިގުތިސާދީ އަދި އަސްކަރީ ގޮތުން އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކޮށްފަ އެވެ.
2025 ޖަނަވަރީ މަހު، ޕީޒިޝްކިޔާން އަދި ރަޝިޔާގެ ރައީސް ވްލަޑިމިޔަ ޕުޓިން ވަނީ ދިފާޢީ، ސަލާމަތީ، ހަކަތަ، ވިޔަފާރި އަދި ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނޭ ގޮތަށް، 20 އަހަރު ދުވަހުގެ އިސްތިރާޖީ ގުޅުމާބެހޭ އެއްބަސްވުމެއްގައި މޮސްކޯގައި ސޮއިކުރައްވާފަ އެވެ. އެއް ޤައުމުން އަނެއް ޤައުމުގެ ދިފާޢުގައި މަސައްކަތްކުރުމުގެ ވާޖިބެއް މި އެއްބަސްވުމުގައި ކަނޑަނޭޅި ނަމަވެސް، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި އިތުރަށް ގުޅިގެން މަސައްކަތްކުރުމަށް މި އެއްބަސްވުމުގައި ބާރުއަޅާފައިވެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











