ހޫޘީންގެ ހައްޔަރުގައި ތިބި 159 އަސީރުން މިނިވަންކޮށްފި، ވިލަރެސްކުރީ ރެޑް ކްރޮސްއިން
18 އޮކްޓޯބަރު 2026 | އާދީއްތަ 03:15ޔަމަނުގެ ހޫޘީންގެ ބަންދުގައި ތިބި 159 އަސީރުން، އައިސީއާރްސީގެ އެހީތެރިކަމާއެކު މިނިވަންކޮށްފި. މިއީ ހޫޘީންގެ އިސް އޮފިޝަލެއް ދެއްވި މައާފެއްގެ ދަށުން ދޫކޮށްލި ބައެއް ކަމަށާއި، މި ކަމަކީ ސްޓޮކްހޯމް އެއްބަސްވުމުގެ ބޭރުން ހިނގި އިންސާނީ އެހީތެރިކަމުގެ އަމަލެއް ކަމަށް އެ ޖަމިއްޔާއިން ބުނޭ. އަސީރުން ދޫކޮށްލާފައި ވަނީ ޔަމަނުގެ ސަރުކާރާއި ހޫޘީންނާ ދެމެދު ހަނގުރާމަ އަލުން ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި


ޔަމަނުގެ ހަތިޔާރު އެޅި ހޫޘީ ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް ފަރުބަދަމަތީ ސަރަހައްދެއްގައި ހަރަކާތްތެރި ވަނީ | އަނަދޮލު އޭޖެންސީ
ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން 159 އަސީރުން މިނިވަން ކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސްއިން (އައިސީއާރްސީ) ހޮނިހިރު ދުވަހު ހާމަކޮށްފި އެވެ.
މިއީ، ޔަމަނުގެ ސަރުކާރާއި ހޫޘީންނާ ދެމެދު އަސީރުން ބަދަލުކުރުން ނޫން ކަމަށާއި، ހޫޘީންގެ ހައްޔަރުގައި ތިބި އަސީރުންތަކެއް މިނިވަން ކޮށްފައި ވަނީ، އައިސީއާރްސީއާ ޞަންޢާގެ އިދާރާތަކާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށް އެ ޖަމުއިއްޔާއިން ބުންޏެވެ.
އަސީރުންތައް ދޫކޮށްލުމުގެ ކުރިން އައިސީއާރްސީގެ މަންދޫބުން ވަނީ ބަންދުގައި ތިބި މީހުންނާ އިންޓަވިއުކޮށް، އެ މީހުންގެ އާއިލާތަކަށް މައުލޫމާތު ދީ، އެނބުރި ގެއަށް ދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި، މެޑިކަލް ޓީމުތަކުން ވަނީ އެ މީހުންގެ ސިއްހީ ހާލަތާއި އެއްގަމު މަގުން ދަތުރުކުރުމުގެ ގާބިލުކަން ވަޒަންކޮށް، އިތުރު އެހީތެރިކަން ބޭނުންވި މީހުންނަށް ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދީފަ އެވެ.
މި މީހުން ދޫކޮށްލުމުގެ ކަންކަން އިސްނަގައިގެން ކުރިއަށް ގެންދިޔައީ ހޫޘީންނާ ގުޅުން އޮންނަ ނޭޝަނަލް ކޮމިޓީ ފޯ ޕްރިޒަނާސް އެފެއާޒުން ކަމަށާއި، މިއީ ސްޓޮކްހޯމް އެއްބަސްވުމުގެ ދަށުން ހިނގި ކަމެއް ނޫން ކަމަށް އައިސީއާރްސީން ބުންޏެވެ. މީގެ އިތުރުން، ދޫކޮށްލާނީ ކޮން ބައެއްކަން ނުވަތަ ކިތައް މީހުންކަން ކަނޑައެޅުމުގައި އެ ޖަމާއަތުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އައިސީއާރްސީން ފާހަގަކޮށްފައިވެ އެވެ. ސްޓޮކްހޯމް އެއްބަސްވުމަކީ އދ. ގެ ބެލުމުގެ ދަށުން ސްވިޑަންގައި، ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރާއި ހޫޘީންނާ ދެމެދު 2018 ޑިސެންބަރު މަހު ވެވުނު އެއްބަސްވުމެކެވެ.
ބަންދުކޮށްފައި ތިބި އަސީރުންނަކީ "އެންމެ ފަހުގެ ހާދިސާތަކުގައި ހަނގުރާމަކުރުމެއް ނެތި އަމިއްލައަށް އިސްވެ އަމާންދިން" ބައެއް ކަމަށް ހުކުރު ދުވަހު ހޫޘީން ބުންޏެވެ. އެ މީހުން ދޫކޮށްލަނީ އެ ޖަމާއަތުގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ވެރިޔާ މަހްދީ އަލް-މައްޝާޠު ދެއްވި މައާފެއްގެ ދަށުން ކަމަށާއި، އެ މީހުންގެ އާއިލާތަކާއި އުފަން ސަރަހައްދުތަކަށް ފޮނުވުމުގެ ކަންކަން ވިލަރެސްކުރާނީ އެ ސަރަހައްދުގެ އިދާރާތަކުން ކަމަށް އެ ޖަމާއަތުން ބުންޏެވެ.
މި އަސީރުން ދޫކޮށްލާފައި މި ވަނީ، ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުގެ ވާގިވެރިކަން ލިބިފައިވާ، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ ބާރުތަކާއި ހޫޘީންނާ ދެމެދު ހަނގުރާމަ އަލުން ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. ހޫޘީން ވަނީ 2014 ވަނަ އަހަރުން ފެށިގެން ވެރިރަށް ޞަންޢާއާއި ޔަމަނުގެ އުތުރާއި ހުޅަނގުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ހޯދާފަ އެވެ. އަދި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރަށް އެހީތެރިވުމަށް ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އިއްތިހާދުން މި ހަނގުރާމައިގެ ތެރެއަށް ވަދެފައިވަނީ 2015 ވަނަ އަހަރު އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











