ސައުދީގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެ ކަމަށް ހޫޘީން ބުނުން، ސައުދީން ބުނީ ބެލިސްޓިކް މިސައިލްތައް ދިފާޢުކޮށްފައިވާނެ ކަމަށް
18 އޮކްޓޯބަރު 2026 | އާދީއްތަ 02:32ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ސައުދީ އިއްތިހާދުން ނައްތާލާފައިވާއިރު، ޔަމަންގައި ހުރި މިސައިލް ލޯންޗަރުތަކަށް ވެސް ވަނީ ހަމަލާދީފައި. ދެ ފަރާތުގެ ދެމެދުގައި ހަމަލާތައް ވަރުގަދަވެފައި މި ވަނީ 2022 ވަނަ އަހަރު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވުމާ ގުޅިގެން މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި


ޔަމަނުގެ ހޫޘީ ޖަމާއަތުގެ މަގާމުތަކަށް ސައުދީ އަރަބިއްޔާގެ އަޕާޗޭ މަރުކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ހަމަލާދެނީ | އަނަދޮލު އޭޖެންސީ
ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ ނަޖްރާން ސަރަހައްދު ކައިރީގައިވާ ހޫޘީންގެ މަގާމުތަކަށް ހަމަލާދިނުުމުގައި ހަރަކާތްތެރިވަމުންދިޔަ ސައުދީގެ އަސްކަރީ އެޕާޗީ މަރުކާގެ ހެލިކޮޕްޓަރެއް ވައްޓައިލައިފައިވާ ކަމަށް ޔަމަންގެ ހޫޘީ ޖަމާއަތުން ހޮނިހިރު ދުވަހު ބުނެފި އެވެ.
ބޯޑަރު ސަރަހައްދުގައި ހޫޘީންގެ މަގާމުތަކާ ދެކޮޅަށް "އަދާވާތްތެރި އަމަލުތައް" ހިންގަމުންދަނިކޮށް ހޫޘީ އަސްކަރީ ބާރުތަކުން އެ ހެލިކޮޕްޓަރު ވައްޓައިލި ކަމަށް، އެ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވި އެވެ. މި ކަން ރިޕޯޓުކޮށްފައި ވަނީ ހޫޘީންގެ ބާރުގެ ދަށުގައިވާ ޔަމަންގެ ސަބާ ނޫސް އޭޖެންސީންނެވެ.
ސަރީޢުގެ ވާހަކަފުޅުތަކާ ގުޅޭގޮތުން ސައުދީ އޮފިޝަލުންގެ ފަރާތުން އެއްވެސް ބަހެއް ލިބިފައެއް ނުވެ އެވެ.
މިސައިލާއި ޑްރޯން ހަމަލާތައް ހުއްޓުވުން
މި ދަނޑިވަޅުގައި، ސައުދީ އަރަބިއްޔާގެ ހުޅަނގުދެކުނުގައި އޮންނަ ޚަމީސް މުޝައިޠަށް ހަމަލާދިނުމަށް ޔަމަންގެ ހޫޘީ ޖަމާއަތުން ފޮނުވައިލި ދެ ބެލެސްޓިކް މިސައިލެއް ދިފާޢުކޮށް، ވައްޓައިލާފައިވާނެ ކަމަށް ސައުދީ އަރަބިއްޔާއިން އިސްވެ އެކުލަވާލާފައިވާ އަސްކަރީ އިއްތިހާދުން ވެސް ވަނީ ހާމަކޮށްފަ އެވެ. އެ އިއްތިހާދުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ކަން ކަށަވަރު ކޮށްދެއްވާ އެވެ.
އޭނާ މި ކަން ހާމަކުރެއްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ވެރިރަށް ރިޔާޟާއި ހުޅަނގުދެކުނުގެ ރަށްތައް ކަމަށްވާ އަބްހާއާއި ޚަމީސް މުޝައިޠަށް "ނުރައްކަލުގެ ފުރުސަތު އޮތް" ކަމުގެ އިންޒާރު، ސައުދީ އަރަބިއްޔާއިން ވަނީ ނެރެފަ އެވެ. ނަމަވެސް، ފަހުން އެ އިންޒާރު ވަނީ އުވާލާފަ އެވެ.
ހޮނިހިރު ދުވަހު އަލް-މާލިކީ ވިދާޅުވީ، ރިޔާޟު ސަރަހައްދާއި، ޝަރުޤީ ޕްރޮވިންސާއި، ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދޭން ފޮނުވާލި ހަތަރު ޑްރޯނެއް އިއްތިހާދުގެ ބާރުތަކުން އިންޓަސެޕްޓުކޮށް ވައްޓާލާފައިވާނެ ކަމަށެވެ.
ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް މިސައިލް ފޮނުވުމަށް ބޭނުންކުރުމަށްފަހު، އުތުރު ޔަމަންގެ ޞަޢުދާގައި ހުރި ދެ ބެލިސްޓިކް މިސައިލް ލޯންޗަރަށް ހަމަލާދީ ނައްތާލާފައިވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖެއް ވެސް އިއްތިހާދުން އާންމުކޮށްފައިވެ އެވެ.
ސަރަހައްދީ ނުތަނަވަސްކަން އިތުރުވުން
މި ހަމަލާތައް ބަދަލުކޮށްފައި މި ވަނީ، ސައުދީ އަރަބިއްޔާގެ އެތެރޭގެ މަދަނީ އޭވިއޭޝަން ފެސިލިޓީތަކާއި ހަކަތައިގެ ބިނާރަށް އަމާޒުކޮށް ދިން ހަމަލާތައް ހިމެނޭ ގޮތަށް، 2022 ޖުލައި މަހުން ފެށިގެން ޔަމަންގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
2014 ސެޕްޓެންބަރު މަހު ހޫޘީން ޞަންޢާއާއި އިތުރު ބައެއް ޕްރޮވިންސްތައް ހިފުމާ ގުޅިގެން، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވިފައިވާ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން 2015 މާރިޗު މަހު ސައުދީ އިސްވެ އޮވެ އަސްކަރީ އިއްތިހާދެއް ވަދެފައިވާއިރު، 2022 ގައި ގާއިމުކުރެވުނު ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން އުވައިލުމާ ގުޅިގެން މިދިޔަ ޖުލައި މަހު އަނެއްކާ ވެސް މި ވަނީ ހަމަލާ ބަދަލުކުރަން ފަށާފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











