މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް!
17 އޮކްޓޯބަރު 2026 | ހޮނިހިރު 08:49މިއަހަރުގެ މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ މީހުން އައިސްފައިވަނީ ޗައިނާ މާކެޓުން. ތަފާސްހިސާބުތައް ދައްކާގޮތުން ގިނަ ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު، ވައިގެ މަގުން ރާއްޖެއަށް އެތެރެވި މީހުންގެ ބޮޑު އިންސައްތައެއް ބޭނުންކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް


ފަތުރުވެރިން - އެންމެ ގިނަ މީހުން އައިސްފައިވަނީ ޗައިނާ މާކެޓުން ކަމަށް ތަފާސް ހިސާބުތަކުން ދައްކާ | ވެލާނާ އެއާޕޯޓް
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ދުވަހު ރިޕޯޓުގައިވާ ގޮތުން، އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 3.4 އިންސައްތަ ދަށަށް ގޮސްފައި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 14 އާ ހަމައަށް 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 1،682،550 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުގަ އެވެ. އެ މަހު 254،556 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޮކްޓޯބަރު މަހުގެ ފުރަތަމަ 14 ދުވަހު އެކަނިވެސް 79،529 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 1.6 މިލިއަން ފަތުރުވެރިންނާއި، 15،461 ބިޒްނަސް ވިސާގައި އައި މީހުންގެ އިތުރުން 15،583 ކްރޫޒް ޕަސިންޖަރުންނެވެ. އޮކްޓޯބަރު މަހުގެ ދުވަސްތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އޮކްޓޯބަރު 10 ވަނަ ދުވަހު އެވެ. އެ ދުވަހު 7،241 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކުގެ އެއްވަނައިގައި އަދިވެސް އޮތީ ޗައިނާ އެވެ. ޗައިނާއިން މިއަހަރުގެ މިހާތަނަށް 317،524 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މުޅި މާކެޓުގެ 19.2 އިންސައްތަ އެވެ. ދެވަނައިގައި އޮތް ރަޝިއާއިން 239،816 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތީ 125،051 ފަތުރުވެރިންނާއެކު ޔުނައިޓެޑް ކިންގްޑަމް އެވެ. މީގެ އިތުރުން ޖަރުމަނުވިލާތް، އިޓަލީ، އިންޑިއާ، އޮސްޓްރޭލިއާ، އެމެރިކާ، ފްރާންސް އަދި ސްޕެއިން ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުގެ ތެރޭގަ އެވެ.
ފަތުރުވެރިން ރާއްޖެއަށް އެތެރެވާ ބަނދަރުތަކަށް ބަލާއިރު، 99.1 އިންސައްތަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ވައިގެ މަގުންނެވެ. މީގެ ތެރެއިންވެސް އެންމެ ގިނަ މީހުން ބޭނުންކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެ އެއާޕޯޓުން 1،647،889 ފަތުރުވެރިން އެތެރެވިއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުން 5،835 މީހުން އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 5،271 މީހުން ވަނީ ރާއްޖެއަށް އެތެރެވެފަ އެވެ. ކަނޑު މަގުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ ފަތުރުވެރިންގެ 0.9 އިންސައްތަ މީހުންނެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން ތިބޭ ތަންތަނަށް ބަލާއިރު، އެންމެ ގިނަ މީހުން ހިޔާރުކޮށްފައިވަނީ ރިސޯޓުތަކެވެ. އެގޮތުން 73.9 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު، 21.8 އިންސައްތަ މީހުން ތިބީ ގެސްޓްހައުސްތަކުގައެވެ. ހޮޓާތަކުގައި 2.3 އިންސައްތަ މީހުން އަދި ސަފާރީ އުޅަނދުފަހަރުގައި 1.9 އިންސައްތަ ފަތުރުވެރިން ވަނީ ވަގުތު ހޭދަކޮށްފަ އެވެ. މިހާތަނަށް ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،294 ތަނެއް އޮޕަރޭޓް ކުރަމުންދާއިރު، މީގެ ތެރޭގައި 180 ރިސޯޓާއި، 932 ގެސްޓްހައުސް އަދި 166 ސަފާރީ ހިމެނެ އެވެ.
ރާއްޖޭގެ ބެޑް ކެޕޭސިޓީ ނުވަތަ އެނދުގެ އަދަދަށް ބަލާއިރު، މިހާރު އޮޕަރޭޝަނުގައި ހުރީ ޖުމްލަ 68،091 އެނދެވެ. މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތީ ރިސޯޓުތަކުގަ އެވެ. ރިސޯޓުތަކުގައި 45،171 އެނދު ހުރިއިރު، މިއީ މުޅި ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 66 އިންސައްތަ އެވެ. ގެސްޓްހައުސްތަކުގައި 16،900 އެނދު ހުރިއިރު، ސަފާރީ އުޅަނދުފަހަރުގައި ހުރީ 3،366 އެނދެވެ. އަދި ހޮޓާތަކުގައި 2،654 އެނދު އޮޕަރޭޝަނުގައި ހުރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.










