ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު
4 އޮކްޓޯބަރު 2026 | އާދީއްތަ 06:30ރާއްޖޭގެ އިގުތިސާދީ ސިނާއަތްތަކާއި އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާއަށް ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު ވިދާޅުވި. ސިނާއަތުގެ މަޝްވަރާއާ ނުލައި ކުއްލި ގޮތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މާކެޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވި

އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ
އޭނާގެ ވެރިކަމެއް ގާއިމުވެއްޖެނަމަ، ދިވެހިރާއްޖޭގެ މައި އިގުތިސާދީ ސިނާއަތްތަކަށާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ގެނެސްދެއްވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ 'ފަށާއިރު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ސަރުކާރުތަކާއި ސިޔާސީ ނިޒާމާ ދޭތެރޭ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމުން އަރައިގަނެ، ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ގިނަ ޒަމާންތަކެއް ނަގާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ މައި ސިނާއަތަކީ ޓޫރިޒަމް ކަމަށާއި، ދިވެހިންނަށް މިއަދު ބަސްބުނެ، އިތުރު ކަންކަމަށް ޑިމާންޑް ކުރެވެނީ ވެސް މި ސިނާއަތް އޮތުމުން ކަމަށެވެ.
މީގެ އިތުރުން، އިންޑަސްޓްރީއަށް ބޮޑެތި ބަދަލުތައް އަންނަ ނިންމުންތައް ނިންމަންވާނީ ސިނާއަތުގެ މަޝްވަރާއާއެކު ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވެސް ދާންޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދައުލަތަށް ފައިސާ ބޭނުންވާ ކޮންމެ ފަހަރަކު ޓީޖީއެސްޓީ ބޮޑުކުރުން ފަދަ ނިންމުންތަކުގެ ސަބަބުން ވަގުތީ ފައިދާއެއް ލިބުނު ނަމަވެސް، އަންނަ މީހުން މަދުވެ މުސްތަގުބަލުގައި ލިބޭ މަންފާ ކުޑަވާނެ ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.
އަޅުގަނޑުގެ ވެރިކަމެއްގައި ގާއިމުވެއްޖެ ކަމަށް ވަންޏާ އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މައި އިންޑަސްޓްރީއަކީ ޓޫރިޒަމް. އަޅުގަނޑުމެން ތެރެއަށް އުޅޭ ޓޫރިޒަމްގެ މަހުޖަނުން ދެކެ ރުޅިއަންނަ މީހުން ވެސް. އެހެންނަމަވެސް ޓޫރިޒަމް އެ ގޮތުގައި ދިވެހިރާއްޖޭގައި އޮތީމާ އަޅުގަނޑުމެންނަށް މިހެން މި ތިބެވެނީ. އަޅުގަނޑުމެންނަށް ބަސް މި ކިޔެނީ އަޅުގަނޑުމެންނަށް އިތުރު އެއްޗެއްސަށް ބޭނުންވާ ޑިމާންޑް މި ކުރެވެނީ. އެއީ އަދި ޓޫރިޒަމް ނޫނަސް އެހެން ވެސް އިންޑަސްޓްރީއެއް އެ ވަރުގެ އިގުތިސާދެއް އޮތީމައި. އަޅުގަނޑު އިރާދަކުރެއްވިއްޔާ ގާނޫނީ ގޮތުން ޕްރޮޓެކްޝަން ގެންނާނަން. ޚާއްސަކޮށް ޓޫރިޒަމްގެ ސިނާއަތަށް. އެގޮތަށް ކުއްލި ކުއްލިއަށް ސަރުކާރެއް ބޭނުންވީމާ، ބޭނުންވީމާ އެހެން މަޖިލީހުގެ ސުޕަރ މެޖޯރިޓީއަށް އޮވެގެން އިންޑަސްޓްރީ ފުނޑާލެވޭނެ ކަންކަން ނުކުރެވޭނެ ނިޒާމެއް އެއީ. އަޅުގަނޑުމެން ޖެހޭނެ އިންޑަސްޓްރީއާ ވާހަކަ ދައްކަން ގާނޫނުއަސާސީގެ ތެރެއަށް ލާނީތޯ؟ މިސާލަކަށް އިންޑަސްޓްރީއަށް އެވަރުގެ ބޮޑެތި ބަދަލު އަންނަ ކަންކަން އެ ގޮތަށް ނުނިންމޭނެ ކަމަށް އިންޑަސްޓްރީއާ މަޝްވަރާކުރަންޖެހޭނެ ކަމަށް. މޭބީ ރިފަރެންޑަށް މޭ ވެސް ނަގަންޖެހިދާނެފައްޔާޒު އިސްމާއީލް
ފައްޔާޒު އިތުރަށް ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރާ އުސޫލުން، ރާއްޖެއަށް އަންނަ ސަރުކާރުތަކުން ފަތުރުވެރިކަމުގެ ސިނާއަތް ވެސް ހިމާޔަތްކޮށް ރައްކާތެރިކަން ދޭންޖެހޭ ކަމަށެވެ.
ސަރުކާރުން ކަންކަން ނިންމުމަށްފަހު ފަހުން ފެންނަނީ މާގިނަ ދުވަހެއް ނުވެ އުނބަށްޖަހާ މަންޒަރު ކަމަށާއި، އެކަމުގެ ސަބަބުން ވެސް މި ސަރުކާރުގެ ވިސްނުމުގެ ގާބިލުކަމާއި އަޑުއެހުމުގެ ގާބިލުކަން ނެތްކަން ހާމަވާކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެޑްވައިޒަރަކު އިސްތިއުފާ ދެއްވުމުން ވެސް ދޭހަވަނީ ކަންކަން ވަރަށް ގޯސްކޮށް ހިނގަމުންދާކަން ކަމަށާއި، އުފަންވާން ނުޖެހޭ މައްސަލަތައް އުފަންކޮށްގެން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ޓޫރިޒަމް މާކެޓްކޮށް ވިއްކުމުގައި ބޭރުގެ އެތައް ހާސް އޭޖެންޓުންނެއް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ މިފަދަ ނިންމުންތަކުގެ ސަބަބުން އެ ފަރާތްތަކުގެ ކުރިމަތީގައި ރާއްޖޭގެ އިތުބާރު ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި ކޮންމެ ވަގުތަކު ވެސް ހިތަށްނާރާ ވަރުގެ ބޮޑު ބަދަލެއް ގެނެސްފާނެކަމުގެ ބިރުވެރިކަން މިއަދު އޮތް ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މިފަދަ ބަދަލުތަކުގެ ސަބަބުން ހަމައެކަނި ގެއްލުން ވަނީ ރައީސް މުއިއްޒު އަށް އެކަނި ނޫން ކަމަށާއި، މުޅި ގައުމަށް ކަމަށެވެ.











