މާމަޑުއްވަރީ ހިތާދޫއާ ހަވާލުކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ނުފުއްދަވައި، އަނެއްކާވެސް އިތުރު ތާރީޚެއް!
22 ސެޕްޓެމްބަރު 2026 | އަންގާރަ 07:28ބ. މާމަޑުއްވަރީ ހިތާދޫގެ އިހުތިސާސްގެ ތެރޭގައި ހިމަނައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުން ލަސްވާތީ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި. ބިމުގެ ދަތިކަން ބޮޑުވެފައިވާ ހިތާދޫގެ ތަރައްގީއަށް މި ރަށް މުހިންމުވާއިރު، އަންނަ ނޮވެމްބަރު މަހު އެ ރަށް ހަވާލުކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނޭ

މާމަޑުއްވަރީ ހިތާދޫއާ ހަވާލުކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ނުފުއްދަވައި، އަނެއްކާ ވެސް އިތުރު ތާރީޚެއް! | ރާއްޖެ ޓީވީ
ބ. އަތޮޅު މާމަޑުއްވަރީ އެ އަތޮޅު ހިތާދޫ ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު މިއަދާ ހަމައަށް ވެސް ފުއްދަވާފައި ނުވާތީ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މާމަޑުއްވަރީ ހިތާދޫގެ އިހުތިސާސްގެ ތެރޭގައި ހިމަނައި، އެ ރަށް ރައްޔިތުންނަށް ދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ.
މި މައްސަލައާ ގުޅޭގޮތުން ހިތާދޫ ކައުންސިލުގެ ކުރީގެ މެންބަރަކު "ރާއްޖެޓީވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް މާމަޑުއްވަރީ ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއްގައި ރައްޔިތުން ތިބި ނަމަވެސް، މިހާތަނަށް އެކަމުގައި އަމަލީ އެއްވެސް ސިފައެއް ޖެހިފައި ނުވާ ކަމަށެވެ. އަދި ސަރުކާރުގެ މި ލަސްވުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ހިތާދޫއަކީ ދަނޑުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ނަމަވެސް ރަށުގެ ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވުމުގެ ސަބަބުން، ދަނޑުވެރިކަން ކުރުމަށާއި އިގުތިސާދީ އެހެނިހެން މަސައްކަތްތައް ފުޅާކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.
އެހެންކަމުން މާމަޑުއްވަރީ އެ ރަށުގެ އިހުތިސާސްގެ ތެރެއަށް އިތުރުވެގެން ދިއުމަކީ ރަށުގެ ރައްޔިތުންގެ އާމްދަނީއާއި މުސްތަގުބަލާ ގުޅިފައިވާ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައްޔިތުން ދެކެ އެވެ.
މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެރަށު ކައުންސިލުގެ ކުރީގެ މެންބަރު ވިދާޅުވީ، މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށް މިހާރު މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާމަޑުއްވަރީ ހިތާދޫއާ ހަވާލުކުރާނެ އެވެ. ނަމަވެސް މީގެ ކުރިން ވެސް އެކި ތާރީޚުތައް ދިނުމަށްފަހު ވައުދު ފުއްދާފައި ނުވާތީ، ރައްޔިތުން ތިބީ މިފަހަރު ވެސް އެކަން ވާނެ ކަމާމެދު ސުވާލު އުފެދިފަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކުގައާއި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް ރަށްރަށުގެ ބިމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. އެހެންނަމަވެސް ހިތާދޫ ރައްޔިތުން ބުނަމުންދަނީ މާމަޑުއްވަރީގެ މައްސަލައިގައި ސަރުކާރުން ދައްކަނީ ހުސް އުއްމީދުތަކެއް ކަމަށާއި، އަމަލީ މަސައްކަތް ފެންނަން ބޭނުންވާ ކަމަށެވެ.










