ހާލު ކިހިނެއް: "ނޮޅިވަރަމުގައި އެޅި ބިންގާ ގެއްދިޔައީ ނޮޅިވަރަމްފަރަށް، މުއިއްޒު ކޮށްދެއްވި ކަމެއް މިރަށަކު ނެތް"
ރައީސް މުއިއްޒަށް ނޮޅިވަރަމުން އެންމެ ގިނަ ވޯޓު ލިބުނު ނަމަވެސް، އޭނާ އެވޯޓު އެލީ ވަށިގަނޑަށް ކަމަށާއި، ތަކެތީގެ އަގު ދުވަހަކަށްވުރެ ދުވަހެއް އަރަމުންދާތީއާއި މަހުގެ އަގު ބޮޑު ނުވާތީ މަސްވެރިން މުޒާހަރާއަށް މާލެ އެރުމަށް އޭނާ ގޮވާލި.


ނޮޅިވަރަމް ކެޔޮޅެއް، އޭނާ ވަނީ މަސްވެރިން މުޒާހަރާއަށް މާލެ އެރުމަށް ގޮވާލާފައި | ރާއްޖެ އެމްވީ
ހދ. ނޮޅިވަރަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވި އެއްވެސް ކަމެއް ނެތް ކަމަށާއި، ރަށަށް ވަޑައިގެން އެޅުއްވި ބިންގާ ވެސް ހިފައިގެން އެނބުރި ވަޑައިގެންފައިވާ ކަމަށް އެރަށުން ވާހަކަދެއްކި ކެޔޮޅަކު ބުނެފި އެވެ.
ހާލު ކިހިނެއް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ނޮޅިވަރަމްގެ ކެޔޮޅަކު ބުނީ އާންމު ހާލަތު ރަނގަޅު ނޫން ކަމަށެވެ. އަތާ އަނގަޔާ ދިމާ ނުވާ ކަމަށް އޭނާ ބުންޏެވެ. މީގެ ކުރިން މުދާ އުފުލާ ދޯންޏެއްގައި އުޅުމަށްފަހު ނޮޅިވަރަމަށް ދިރިއުޅުން ބަދަލުކޮށް، ކުރި މަސައްކަތަކީ ދޮށީގެ މަސްވެރިކަން ކަމަށާއި، ނަމަވެސް މިހާރު ދަނީ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ކަމަށެވެ. އޭނާ ބުނީ ބޮޑުކަންނެލީގެ އަގު މިހާރު އިންތިހާ ދަރަޖައަށް މައްޗަށް އަރާ ކަމަށެވެ.
އަހަރުމެންނާ ދިމާލަށް ޖެޓީގައި ހުރެފައި ބުނީ، މޭ ދަށަށް އަތްޖަހާލާފައި ބުނީ ކީކޭ؟ ތިމަންނަގެ ވެރިކަމެއްގައި 100 ރުފިޔާ 80 ރުފިޔާ އަށް ކަންނެލި ކިރާދޭނަމޭ. ބުނި މީހާ، މީގެ ކުރީގައި އަހަރުމެން ކަންނެލި ކިރާ އައިސް އަޅަން ވަންނަ ކަނޑުއޮތްގިރި، ރާޅު ދަމާނެ ކެތް ނުވާ ވަރަށް. ފަލަ ވާތައް ބުރިކޮށްލާނެ، އެހާ ވެސް ގަދަވާނެ އެތަން. އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެތަން ހަދާފައި އޮއްވާ މީނަ މިދިނީ އެތަން އެމްއެންޑީއެފް މީހުންނަށް. މިއީ ރައްޔިތުންނަށް ފަސޭހަ ކޮށްދޭނަމޭ ބުނި މީހާ، ކަންނެލި ރަނގަޅަށް ކިރަން ބުނި މީހާ. ދިނީމަ އެތަން އޮއޮތީ ދޮންވެލި ފިނޮޅަކަށް ހަދާފައި.ނޮޅިވަރަމް ކެޔޮޅު
ކެޔޮޅު ބުނީ ކަންނެލީގެ އަގަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ކާންދެއްވަނީ ވަކި ބަޔަކަށް ކަމަށާއި، ކާންދެއްވާ ހަތަރު ފަސް މީހަކު އެތަނުގައި ތިބެގެން ޖީބަށް އަޅައި ފުރަމުންދާ ކަމަށެވެ.
ކެޔޮޅު ބުނީ ނޮޅިވަރަމުގައި ހުރިހާ ކަމެއް ނިމެއްޖެ ކަމަށެވެ. ހުރިހާ މަގެއްގައި އޮތީ ތާރު އަޅާފައި ކަމަށާއި، 4 ބަނދަރު 4 ފަރާތުން ކޮނެފައިވާ ކަމަށާއި، މުޅި ރަށް އޮތީ މަތިން އެއްކޮށް ހިޔާކޮށްފައި ކަމަށެވެ. އޭނާ ބުނީ މިއީ މުއިއްޒު ނޮޅިވަރަމް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ކަމަށާއި، އެއިރުވެސް އޭނާ ގޮވަމުން ދިޔައީ މުއިއްޒަށް ވޯޓު ނުދިނުމަށާއި، މުއިއްޒު ރަނގަޅެއް ނުވާނެ ކަމަށެވެ.
ދެން ހުރީ އަހަރުމެންގެ އަބްދުއްރަހީމް. އަބްދުއްރަހީމްގެ ގޮތް އަހަރުމެންނަށް އިނގޭ. މިކަން ދާނީ މިހެންނޭ، ނުދޭށޭ ނުދޭށޭ. މުއިއްޒު އަށް އެންމެ ގިނަ ވޯޓު ލިބުނީ ނޮޅިވަރަމުން. އެކަމަކު ނޮޅިވަރަމުން ލިބުނު ވޯޓު އޭނަ އެލީ ވަށިގަނޑަށް. ދެން މިތާ މެންބަރަކަށް ހުރި މީހާ. އޭނާ ބޯ ޖަހާލާފައި ބަޓަނަށް އޮބާލީމާ ހުރިހާ ކަމެއް ހަމަވީ. އޭނާ ބޭންދުމެކޭ ބުދެއް ބޭންދުމެކޭ ނެތް އަހަރުމެންނަށް ތަފާތެއް. އަނގައިން އެއްޗެކޭ ބުނަނީ ނޫން ދާއިރާ އަށް ކަމެއް ކުރަނީކީ ނޫން. މިރަށުގައި ކަމެއް ކޮށްފައި ހުންނާނީ މިރަށު ކައުންސިލުން.ނޮޅިވަރަމް ކެޔޮޅު
ކެޔޮޅު ބުނީ މުއިއްޒު ނޮޅިވަރަމަށް އައީ އުވަދޯންޏަކާ އުދައްޔަކާ ފަކީރާއެއް ހިފައިގެން ކަމަށެވެ. އަދި ރަށުގައި ފައުންޑޭޝަން އަޅާފައި، އެ ފައުންޑޭޝަން ހިފައިގެން ގޮސް ބޭންވީ ނޮޅިވަރަން ފަރުގައި ކަމަށެވެ.
ކެޔޮޅު ވަނީ ރާއްޖޭގެ ހުރިހާ މަސްވެރިން މުޒާހަރާއަށް މާލެ އެރުމަށް ގޮވާލާފަ އެވެ. އޭނާ ބުނީ މި ނޫން ގޮތަކަށް އެއް ކަމެއް ވެސް ހައްލެއް ނުވާނެ ކަމަށެވެ. އަދި ދަރިންގެ ދަރިންނާ ހަމައަށް މި ރާއްޖެ ގެންދަން މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެހެން ނޫން ނަމަ ރާއްޖެ ދިވެހިންނަށް ނުލިބޭނެ ކަމަށެވެ.
ކެޔޮޅު ވަނީ އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އޭނާ ބުނީ ވެރިކަމަށް މުއިއްޒު އައުމުގެ ކުރިން ގާސިމް ވިދާޅުވަމުން ގެންދެވީ މުއިއްޒު ބޮޑު އިމާރާތެއް އެޅީ ކޮޅުދާލިކޮޅަކުން ކަމަށާއި، ނަމަވެސް މިއަދު އެއްޗެއް ދިއްކޮށްލާ އިރަށް އާދެ މަސާހިބާ ވެފައިވާ ކަމަށެވެ.
ކެޔޮޅު ބުނީ ތަކެތީގެ އަގު ދުވަހަކަށް ވުރެ ދުވަހެއް އަގު ބޮޑުވަމުން އަންނަ ކަމަށެވެ. ކެޔޮޅު ބުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވޯޓުލުމުގެ ހައްގު ވެސް ކަށަވަރުވެ އެހެން ކަންކަން ވެސް ފަހިވެގެން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު ކަންކަން ދަނީ ގޯހުން ގޯހަށް ކަމަށެވެ.







