އިސްތަންބޫލަށް ރެކޯޑު މިންވަރަކަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކަރަންޓުގައި ޖެހި ޒުވާނަކު މަރުވެއްޖެ
15 އޮކްޓޯބަރު 2026 | ބުރާސްފަތި 09:51ތުރުކީވިލާތުގެ އިސްތަންބޫލަށް ކުރަމުންދާ ބޯ ވިއްސާރައިގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިޓީގެ ސްކޫލްތައް ބަންދުކޮށް ސައިކަލު ދުއްވުން ވަނީ މަނާކޮށްފައި. މި ހާދިސާގައި ގިނަ އަދަދެއްގެ ގެދޮރަށާއި އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މުހިންމު ބޭނުމެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި

ތުރުކީވިލާތުގެ އިސްތަންބޫލަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާގައި އަންހެނަކު ފެންގަނޑުގެ ތެރެއަށް ދަމައިގަންނަ ކަމަށް ބުނާ މަންޒަރުތައް | އެކްސް
ތުރުކީވިލާތުގެ އެންމެ ބޮޑު ސަހަރު ކަމަށްވާ އިސްތަންބޫލަށް ބޯކޮށް ވާރޭވެހި އެތައް ސަތޭކަ ގެއަކަށް ފެންވަދެ، މަގުތައް ހަލާކުވެ، ޓްރެފިކް ހުއްޓުމަކަށް އައިސްފައި ވަނިކޮށް، 14 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ. ބޯ ވިއްސާރައިގެ ތެރޭގައި އިސްތަންބޫލްގެ ފާތިހް ޑިސްޓްރިކްޓްގެ ބަލާތު ސަރަހައްދުގައި ހެދިފައިވާ ފެންގަނޑަކަށް އެރުނު ވަގުތު ކަރަންޓުގައި ޖެހި އެ ކުއްޖާ މަރުވި މަންޒަރު ސީސީޓީވީ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކާރު ޕާކުކުރާ ތަނެއްގެ މައި ދޮރޯށި ކައިރީގައި ހެދިފައިވާ ފެންގަނޑެއްގެ ތެރެއިން ހިނގާފައި ދަނިކޮށް، ކުއްލިއަކަށް އެ ކުއްޖާ ވެއްޓޭ މަންޒަރު އެ ވީޑިއޯއިން ފެންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހޭނެތިފައިވާ ހާލަތުގައި އެ ކުއްޖާ ހަސްފަތާލަށް ގެންދެވުނު ނަމަވެސް، ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވެ އޭނާ މަރުވެފައިވާ ކަމަށާއި، މި ހާދިސާގެ ތަހުގީގެއް ފަށާފައިވާ ކަމަށް، އިސްތަންބޫލްގެ ގަވަރުނަރުގެ އޮފީހުން ހާމަކުރި އެވެ.
އިންތިހާއަށް މުހިންމު ބޭނުމެއްގައި މެނުވީ ބުރާސްފަތި ދުވަހު ގެއިން ބޭރަށް ނުނިކުތުމަށް އާންމުންނަށް އިލްތިމާސްކުރައްވާ ކަމަށް، އިސްތަންބޫލްގެ ގަވަރުނަރު ދަވުތު ގުލް ވިދާޅުވި އެވެ. އަދި، އިމާރާތްތަކުގެ ބޭސްމަންޓްތަކުގައި ދިރިއުޅޭ މީހުން އުސް އިމާރާތްތަކަށް ބަދަލުވުމަށާއި ކޯރުތަކާއި، ބިންގަރާސް މަގުތަކުގެ އިތުރުން ފެންބޮޑުވުމުގެ ފުރުސަތު އޮތް ސަރަހައްދުތަކާ ދުރުގައި ތިބުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ބުރާސްފަތި ދުވަހު މުޅި ސަހަރުގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައި، މަގުތަކުގައި ސައިކަލު ދުއްވުން މަނާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި، ދައުލަތުގެ ވަޒީފާތަކުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިން ތިބޭ މައިންނަށް ވަނީ ޗުއްޓީ ދީފަ އެވެ.
ސައިކަލު ދުއްވުން މަނާކުރުމުގެ އަމުރަށް ބުދަ ދުވަހުގެ ރޭ ތުރުކީވިލާތު ގަޑިން 9:00 އިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، ވަކި ގޮތެއް އަންގަންދެން މި އަމުރު ދެމިއޮންނާނެ އެވެ. ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ތުރުކީވިލާތުގެގެ ބައެއް ޕްރޮވިންސްތަކުގައި ކުއްލިއަކަށް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އެ ޤައުމުގެ ދާޚިލީ ވުޒާރާއިން ބުންޏެވެ.
ތުރުކީވިލާތުގެ އިސްތަންބޫލަށް ކުރަމުންދާ ވިއްސާރައިގައި ބަހެއްގެ ތެރެއަށް ފެންވަންނަ ވަގުތު ސަލާމަތްވުމަށް ފަސިންޖަރުން މަސައްކަތް ކުރަނީ
ގާތްގަނޑަކަށް 16 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މި ސަހަރުގެ އެކި ކަންކޮޅުތަކުގައި 8,000 އަށްވުރެ ގިނަ އޮފިޝަލުންނާއި 2,000 އުޅަނދާއި އިމާރާތްކުރުމަށް ބޭނުންކުރާ މެޝިނަރީ ހަރަކާތްތެރިވަމުންދާ ކަމަށް ތުރުކީގެ ނޫހެއް ކަމަށްވާ ޑެއިލީ ސަބާހްއިން ރިޕޯޓުކޮށްފައިވެ އެވެ.
މަގުތައް ބަންދުވުން
ވިއްސާރަވެ ވާރޭވެހެން ފަށާފައި ވަނީ، ތުރުކީވިލާތުގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރުތަކެއް ނެރެފައި ވަނިކޮށް، އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. މަގުތަކާއި ބިންގަރާސް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އެސެންޔުރްތުއާއި ސުލްތާންގާޒީ ހިމެނޭ ގޮތަށް ގިނަ ޑިސްޓްރިކްޓްތަކެއްގައި އުޅަނދުތައް ވަނީ ތާށިވެފަ އެވެ. އަދި، ގިނަ ގެތަކަށާއި ފިހާރަތަކުގެ އިތުރުން އިމާރާތްތަކުގެ ބިންގަރާސްތަކަށް ވެސް ވަނީ ފެން ވަދެފަ އެވެ.
މޫސުމާ ގުޅުންހުރި އެކި ހާދިސާތަކުގެ 2,500 އަށްވުރެ ގިނަ ރިޕޯޓު ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިފައިވާ ކަމަށް ޑެއިލީ ސަބާހްއިން ރިޕޯޓުކޮށްފައިވެ އެވެ. ފެންބޮޑުވުމުގެ 1،277 ހާދިސާއަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ 15 ހާދިސާއެއް ރެކޯޑުކުރެވިފައިވާ ކަމަށާއި، 47 މީހަކު ތާށިވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުންޏެވެ. މީގެ އިތުރުން 800 އަށްވުރެ ގިނަ ގެއަށާއި 280 ވިޔަފާރިއަކަށް އަދި 76 އުޅަނދަކަށް ވަނީ ގެއްލުންވެފަ އެވެ.
އެޔުޕްސުލްތާންއާއި ގާޒީއޮސްމާންޕާޝާ ޑިސްޓްރިކްޓްގެ ބައެއް މަގުތައް ހަލާކުވެގެން ވެއްޓިފައިވާ ކަމަށް 'ތުރުކީ ޓުޑޭ' ނޫހުން ރިޕޯޓުކޮށްފައިވެ އެވެ. އިސްތަންބޫލްގެ އެސެންޔުރްތު ޑިސްޓްރިކްޓްގައި ފެންގަނޑުގެ ތެރޭގައި އޮޔާދިޔަ އަންހެނަކު އާންމުންގެ ބަޔަކު ސަލާމަތްކޮށްފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ގިނަ އަވަށްތަކަކަށް ގެއްލުންވެ، މަގުތަކުގައި ފެންބޮޑުވެ، އުޅަނދުތައް ތާށިވެ، ގެތަކަށާއި ވިޔަފާރިތަކަށް ވަނީ ފެން ވަދެފަ އެވެ. މީގެ އިތުރުން ދެ ހަސްފަތާލަކަށް ފެން ވަދެފައިވާއިރު، ހާޖީއޮސްމާން މެޓްރޯ ސްޓޭޝަންގެ ފުރާޅުން ވެސް ވަނީ ފެން ފައިބާފަ އެވެ. އަދި، ސުލްތާންގާޒީގައި ހުންނަ ޕްރައިމަރީ ސްކޫލެއްގެ ކުދިން ކިލާސްރޫމްތަކުގައި ތިއްބާ އެ މަދަރުސާގެ ފާރެއް ވަނީ ވެއްޓިފަ އެވެ. މި ހާދިސާގައި އެއްވެސް ދަރިވަރަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައެއް ނުވެ އެވެ.
އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ އިސްތަންބޫލްގެ އޭޝިޔާ ފަޅީގައި އޮންނަ ބޭކޯޒްގެ އުމެރްލީ ސަރަހައްދަށް ކަމަށާއި، އެ ސަރަހައްދަށް ގާތްގަނޑަކަށް 194 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ ކަމަށް ޑެއިލީ ސަބާހްއިން ބުންޏެވެ. މީގެ އިތުރުން 12 ގަޑިއިރުގެ ތެރޭގައި ސަހަރުގެ ބައެއް ސަރަހައްދުތަކަށް ގާތްގަނޑަކަށް 100 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އިސްތަންބޫލްގެ އެކްޓިންގ މޭޔަރު ނޫރީ އަސްލާން ވިދާޅުވި އެވެ.
ހަވީރުގެ ކާރުބާރޫ ބޮޑު ވަގުތުގައި ޓްރެފިކްގެ ތޮއްޖެހުން ގާތްގަނޑަކަށް %90 އަށް އަރާފައިވާ ކަމަށާއި، ނަމަވެސް ފްލައިޓްތަކުގެ ދަތުރުތައް އާންމު ގޮތެއްގައި ކުރިއަށްދާ ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
މަސްދަރު: އަލް ޖަޒީރާ











