ބެންކޮކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ހުރަސްއެޅި، އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް!
26 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:28ތައިލެންޑަށް ކުރަމުންދާ ބޯވިއްސާރައިގައި ބެންކޮކްގެ ކޯރުތައް ފުރި، މުޅި ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރައިފި. މި ކާރިސާގައި 21 ޕްރޮވިންސަކުން 84،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައި

ތައިލެންޑަށް ކުރަމުންދާ ބޯ ވިއްސާރައިގައި ވެރިރަށް ބެންކޮކުގައި ފެންބޮޑުވެފައިވާ މަގެއްގައި ގިނަ އަދަދެއްގެ އެއްގަމު އުޅަނދު ތާށިވެފައި | އެކްސް
ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި، ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ބުރޫއަރައި، ބައެއް ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވެއްޖެ އެވެ.
200 މިލިމީޓަރުގެ ވާރޭވެހި ބެންކޮކްގެ މައި ކޯރުތަކާއި ކެނަލްތައް ފުރިފައިވާ ކަމަށް އޮފިޝަލުން ހޮނިހިރު ދުވަހު ވިދާޅުވި އެވެ. އަދި، މި ފެންގަނޑު މުޅި ސިޓީއަށް، ޚާއްސަކޮށް މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކަށް ފެތުރިގެން ގޮސް މަގުތައް ބަންދުވެ، ދަތުރުފަތުރުގެ ނިޒާމު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ތައިލެންޑުގެ މެދުތެރޭ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑެއްގެ ސަބަބުންނާއި ހުޅަނގު ދެކުނު މޫސުމީ ވިއްސާރަ ގަދަވަމުން ދިޔުމާ ގުޅިގެން، އެ ގައުމުގެ ގިނަ ހިސާބުތަކަށް އާދީއްތަ ދުވަހާ ހަމައަށް ވެސް ބޯކޮށް ވާރޭވެހުން ދެމިއޮންނާނެ ކަމަށް ތައިލެންޑުގެ މޫސުމާބެހޭ އިދާރާއިން އިންޒާރު ދީފައިވެ އެވެ.
ހޮނިހިރު ދުވަހާ ހަމައަށް މުޅި ގައުމުގެ 21 ޕްރޮވިންސަކުން 84،000 އަށް ވުރެ ގިނަ މީހުންނަށް ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ މެދުތެރޭ ސަރަހައްދަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އަދި، ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ތިބި މީހުންނަށް ކުއްލި ނުރައްކަލުގެ އިންޒާރު ދިނުމުގެ ގޮތުން ސެލް-ބްރޯޑްކާސްޓް ނިޒާމު މެދުވެރިކޮށް މެސެޖު ފޮނުވާފައިވާ ކަމަށް ވެސް ސަރުކާރުން ހާމަކުރި އެވެ.
ހުކުރު ދުވަހުގެ ބޮޑު ބައެއްގައި ބެންކޮކަށް ބޯކޮށް ވާރޭވެހިފައި ވާއިރު، ހޮނިހިރު ދުވަހަށް އަލިވިލުނު އިރު ވެސް ގިނަ ސަރަހައްދުތަކަށް ވާރޭވެހެމުންދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މައި މަގުތައް އޮތީ ފެނުގެ އަޑީގަ އެވެ. އަދި، ފެންގަނޑު އުފުލި ދަތުރު ނުކުރެވޭ ހާލަތަށް ދިޔުމުން ޑްރައިވަރުން ވަނީ ކާރުތައް މަގުމައްޗަށް ދޫކޮށްލާފަ އެވެ.
މެދުތެރޭ ބެންކޮކްގެ އުތުރުން ކޯރެއްގެ ކައިރީގައި ދިރިއުޅޭ އުމުރުން 67 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ސޮމްކިޑް ފެއުކް-ންގާމް ބުނީ، "ފެންގަނޑު ދަނީ ހުއްޓުމެއް ނެތި އެތެރެއަށް ވަންނަމުން. މިހާރު ބޭރަށް ނުކުތުން ވަނީ އުނދަގޫ ކަމަކަށް ވެފައި. މިހާރު ފެންގަނޑު ހުރީ އަޅުގަނޑުގެ އުނަގަނޑާ ހަމައިގައި."
"އަޅުގަނޑަށް އެއްވެސް ތަނަކަށް ނުދެވޭ. އަޅުގަނޑުގެ ފިހާރަ ބަންދުކޮށްފައި ހުންނަތާ މިހާރު ދެ ދުވަސް ވެއްޖެ،" އޭއެފްޕީއަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ. އާންމުކޮށް ވެސް އޭނާ ދިރިއުޅޭ ސަރަހައްދުގައި ފެންބޮޑުވާކަން ފާހަގަކުރަމުން އޭނާ ބުނީ، "އަޅުގަނޑަށް ހީވަނީ މި ފަހަރު 2011 ވަނަ އަހަރުގެ ފެންބޮޑުވުމަށް ވުރެވެސް ހާލަތު ގޯސްހެން."
ތައިލެންޑުގައި 2011 ވަނަ އަހަރު މުޅި ގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ބޮޑު ކާރިސާގައި 500 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް މިލިއަން ގެދޮރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން ހުއްޓުމެއް ނެތި ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ، ބެންކޮކްގެ ކެނަލްތައް ފުރި ބަންޑުންވެގެން އޭގެ ކައިރީގައި ހުރި ގިނަ އަދަދެއްގެ ގެތަކަށާއި ރެސްޓޯރެންޓުތަކަށް ފެން ވަދެފައިވާ މަންޒަރު އާންމުކޮށްފައިވާ ވީޑިއޯތަލުން ފެނެ އެވެ.
އަރީ އަވަށުގައި ދިރިއުޅޭ ސައިކަލު ދުއްވާ މީހެއް ކަމަށްވާ ސަމްރުއޭ ނައްކަމްނުއެންގް ބުނީ، "ވަޒީފާއަށް ދާން ހޭލިއިރު ގޭދޮށު މަގުގައި އޮތީ ފެންބޮޑުވެފައި. މިހާ ބޮޑަށް ފެންބޮޑުވެފައި އޮތް މަގަކުން އަހަރެންގެ ސައިކަލު ދުއްވާފައި ދެވިދާނެތީ ކަންބޮޑުވޭ." އިތުރަށް ދެކުނު އިރުމަތީގައިވާ އޮން ނުޓް އަވަށުގައި، މަގުމަތީގައި ކަކުލާ ހަމައަށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުން އާންމުން ހިނގާފައި ދިޔަ މަންޒަރާއި، ގޭގެއަށް ގެންދިޔުމަށް ވެލިބަސްތާތައް ޖަހަމުން ދިޔަ މަންޒަރު ވެސް ވީޑިއޯތަކުން ފެނެ އެވެ.
"ހުރިހާ ކޯރެއް ވަނީ ފުރިފައި"
ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ބެންކޮކުގެ އިރުމަތީ ސަރަހައްދަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބެންކޮކްގެ ގަވަރުނަރު ޗަޑްޗާޓް ސިއްތިޕުންޓް ވިދާޅުވި އެވެ. "ވާރޭ އަދިވެސް ދަނީ ވެހެމުން، އަދި އަޅުގަނޑުމެން މި ދަނީ ކުރެވެން ހުރި އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރަމުން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ފެން ބޭރުކުރެވޭތޯ، ނަމަވެސް ކޯރުތަކުގައި ފެން ވަނީ ފުރިފައި،" އޭނާ ވިދާޅުވި އެވެ. "ނުރައްކާ އޮތް ސަރަހައްދުތަކަކީ ކޯރުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން. ހުރިހާ ކޯރެއް މިހާރު ވަނީ ފުރިފައި."
ފުރާނަ ސަލާމަތްކުރާ މެޑިކަލް އިކުއިޕްމަންޓްތަކަށް ބަރޯސާވާ އެނދުމަތިވެފައިވާ ބަލިމީހުން ވަގުތީ ގޮތުން ހޮސްޕިޓަލަށް ބަދަލުވުމާމެދު ވިސްނުމަށް ޗަޑްޗާޓް އިލްތިމާސްކުރެއްވި އެވެ. މި ގޮތުން، ރައްޔިތުންގެ ކާރުތައް އުސް ސަރަހައްދުތަކަށް ބަދަލުކުރުމަށް ވެސް އޭނާ ވަނީ ލަފާދެއްވާފަ އެވެ.
އޮކްޓޫބަރު 2 ގެ ނިޔަލަށް އެއްގަމު އުޅަނދުތައް ޕާކުކޮށްފައި ބެހެއްޓުމަށް ޓަކައި، އެމްއާރްޓީ ރޭލުގެ "ޕާކް އެންޑް ރައިޑް" ޕާކިންގ ސަރަހައްދުތަކުން ހިލޭ ޖާގަ ދިނުމަށް ބެންކޮކްގެ ޕަބްލިކް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހަމަޖައްސައިދީފަ އެވެ.
ތައިލެންޑުގެ އިރުމައްޗާއި، އިރުއުތުރާއި އަދި މެދުތެރޭ ސަރަހައްދުތަކުގައި އާދީއްތަ ދުވަހާ ހަމައަށް ވައިގެ ޕްރެޝަރު ދަށްވެފައި އޮންނާނެ ކަމަށް އެ ގައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ވަނީ އިންޒާރު ދީފަ އެވެ. އަދި، ކުއްލިއަކަށް ފެންބޮޑުވުމާއި، ޖަންގަލިތަކުން ފެންގަނޑު ފައިބައިގަތުމާއި، ބިންގަނޑު ކަނޑައިގެން ދިޔުމުގެ އިތުރުން ކޯރުތައް ފުރި ބަންޑުންވުމުގެ ނުރައްކާ އެބައޮތް ކަމަށް ވެސް އެ އިދާރާއިން އިންޒާރުކުރި އެވެ.
މަސްދަރު: ސީއެންއޭ











