345 މިލިޔަން ޑޮލަރު ދޫކުރަން ތައްޔާރުވެ، ސްރީ ލަންކާއަށް ފުރިހަމަ އެހީތެރިކަން ދޭނެކަން އައިއެމްއެފުން ހާމަކޮށްފި
15 އޮކްޓޯބަރު 2026 | ބުރާސްފަތި 09:25ސްރީ ލަންކާގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އަންނާތީ، އައިއެމްއެފްގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީގެ ދަށުން 345 މިލިޔަން ޑޮލަރު ދޫކުރުމަށް މުވައްޒަފުންގެ ފެންވަރުގައި މިހާރު ވަނީ އެއްބަސްވެފައި. ކުރިއަށް އޮތް ހަފުތާތަކުގައި އައިއެމްއެފްގެ ބޯޑުން މި ކަން ފާސްކުރާނެ ކަމަށް ބެލެވޭއިރު، އެ ޤައުމުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން މެދުކެނޑުމެއްނެތި ދޭނެ ކަމުގެ ޔަގީންކަން އައިއެމްއެފުން ދޭ


ސްރީ ލަންކާގެ ދިދައާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ (އައިއެމްއެފް) ލޯގޯ ޖެހި ދިދައެއް | އަދަ ދެރަނަ
ސްރީ ލަންކާއަށް "ބޭނުންވާ ކޮންމެ ގޮތަކަށް، އެންމެ އެކަށީގެންވާ ގޮތެއްގައި" އެހީތެރިކަން ފޯރުކޮށްދޭން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން (އައިއެމްއެފް) ތައްޔާރަށް އޮތް ކަން، އެ އިދާރާގެ އޭޝިޔާ އެންޑް ޕެސިފިކް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ސޮނާލީ ޖައިން-ޗަންދްރާ ހާމަކުރައްވައިފި އެވެ.
ސްރީ ލަންކާގެ މާލީ ފޯރުންތެރިކަން ވަރަށް ވަރުގަދަވެ، ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ބޮޑުބައެއް ނިމިފައިވުމާއެކު އެ ޤައުމުގެ މެކްރޯ އިގުތިސާދީ ހާލަތު "ވަރަށް ބޮޑަށް ރަނގަޅުވެފައިވާ،" ކަމަށް، ބެންގކޮކްގައި ކުރިއަށްދާ އައިއެމްއެފްގެ ސަމިޓުގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖައިން-ޗަންދްރާ ވިދާޅުވި އެވެ. އަދި, ހިންގުމުގެ ނިޒާމު ހިމެނޭގޮތަށް، އޮނިގަނޑާ ގުޅޭ މައްސަލަތަކަށް ވެސް ސްރީ ލަންކާ ސަރުކާރުން މުހިންމު ކުރިއެރުންތަކެއް ގެނެސްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ގާތްގަނޑަކަށް 345 މިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާ ދޫކުރުމަށް ޓަކައި، އައިއެމްއެފްގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ ހަތްވަނަ ރިވިއުއާ ގުޅޭގޮތުން ސްރީ ލަންކާއާއެކު އައިއެމްއެފްގެ މުވައްޒަފުންގެ ފެންވަރުގެ އެއްބަސްވުމަކަށް މި މަހުގެ ކުރީކޮޅު ވަނީ އާދެވިފައި އެވެ. މި ރިވިއު ނިމުމުން، ގާތްގަނޑަކަށް 345 މިލިޔަން ޑޮލަރާ އެއްވަރުގެ އައިއެމްއެފްގެ ސްޕެޝަލް ޑްރޯއިންގ ރައިޓްސް ސްރީ ލަންކާއަށް ލިބިގެންދާނެ އެވެ.
ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އައިއެމްއެފްގެ ބޯޑުން މި އެއްބަސްވުމާމެދު ގޮތެއް ނިންމާނެކަމަށް ޖައިން-ޗަންދްރާ ވިދާޅުވި އެވެ. އަދި, މާރިޗު މަހު މި ޕްރޮގްރާމްގެ މުއްދަތު ހަމަވުމުގެ ކުރިން އިތުރު ރިވިއު މިޝަނެއް ކުރިއަށް ގެންދާނެ ކަން ވެސް އޭނާ ހާމަކުރެއްވި އެވެ. މި އެއްބަސްވުމުގެ އިތުރުން، އާ މާލީ އިންތިޒާމެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމާއި، މޮނިޓަރުކުރުން ނުވަތަ ގާބިލުކަން އިތުރުކުރުމުގެ ސިފައިގައި ސިޔާސަތުތަކާ ގުޅޭ ލަފާދިނުން ހިމެނޭގޮތަށް، ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކާއެކު އައިއެމްއެފުން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ގެންދާނެކަމަށް ވެސް ޖައިން-ޗަންދްރާ ވިދާޅުވި އެވެ.
މަސްދަރު: ސީއެންއޭ










