80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 14:31ރާއްޖޭގެ އިގްތިސާދީ ހާލަތު ނާޒުކުވެ، ހަރަދު ކުޑަކުރުމަށް ބައިނަލްއަގްވާމީ އިދާރާތަކުން އިންޒާރުދެމުންދާ ދަނޑިވަޅެއްގައި، ޕީއެންސީގެ ކޮންގަރެސްއަށް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. ބައިވެރިންނަށް ބޮޑެތި އެލަވަންސްތަކާއި ދަތުރުފަތުރުގެ ހަރަދު ދީގެން ހިންގި މި ހަރަކާތަކީ ރައްޔިތުންގެ ދަތި ހާލަތަށް ބެލުމެއްނެތް އިސްރާފެއްގެ ގޮތުގައި އިގްތިސާދީ މާހިރުން ސިފަކުރޭ.


ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ޖަލްސާގެ ތެރެއިން | ސަން އޮންލައިން
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން، ބޮޑު، މާސިންގާ ކޮންގްރެސް އެއް ބާއްވާ ނިންމާލައިފި އެވެ. 1300 އަށް ވުރެ ގިނަ މީހުންނާ އެކު ބެއްވި މި ކޮންގްރެސް އަކީ ތާރީޚީ ކޮންގްރެސް އެއް ކަމަށް އެ ޕާޓީގެ ލީޑަރުން ބުނަމުންދަނީ ނުހަނު ފަޚުރުވެރިކަމާއެކުގަ އެވެ. އެ ކޮންގްރެސް ފުރިހަމަ ކޮށް، މުޅި ދުނިޔެ އަށް އެއީ ބޮޑު ކޮންގްރެސް އެއްކަން ދެއްކުމަށް ވެސް އެތައް މަސައްކަތެއް ކޮށްފި އެވެ. ނަން ނުޖެހުމަށް ޝަރުތު ކޮށް، ސީދާ ކޮންގްރެސްގެ ކަންކަމުގައި ހަރަކާތްތެރިވި މީހަކު ބުނި ގޮތުގައި މި ކޮންގްރެސް އަށް އެކަނި، ޕީއެންސީ އިން 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކޮށްފަ އެވެ.
ރާއްޖޭގެ އިގްތިސާދު މިއަދު އޮތް ނާޒުކު އަދި ނުރައްކާތެރި ހާލަތަށް ބަލާއިރު، ވެރިކަން ކުރާ ޕީއެންސީން ބޭއްވި ކޮންގަރެސްއަށް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރުމަކީ އާންމު ރައްޔިތުންގެ މިއަދު ހާލަތަށް ކުރި ބޮޑު މަލާމާތެކެވެ. ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި، ބައިނަލްއަގްވާމީ މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) ފަދަ މާލީ މުވައްސަސާތަކުން މެދުނުކެނޑި އިންޒާރުދެމުން ދަނީ ދައުލަތުގެ ހަރަދުތައް ވަގުތުން ކުޑަކޮށް، މާލީ ސިޔާސަތުތައް އަލުން ބައްޓަންކޮށް އިސްލާހުކުރުމަށެވެ. އެހެންނަމަވެސް، މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އިސްކަންދީފައި ވަނީ މުއްސަނދިކަން ދައްކައި، ބޮޑެތި ޚަރަދުތައް ކޮށްގެން ސިޔާސީ ބާރުވެރިކަން އޮތް ޕާޓީ އަކީ ޕީއެންސީ ކަމަށް ދައްކާށެވެ. އެކަމަކު އެކަން ދައްކަން މި ޕާޓީ އިން މި އުޅެނީ ކޮން ބަޔަކަށް ކަމެއް ހަމަ އުޅެއުޅެ ސާފެއް ނުވި އެވެ. ސަބަބަކީ މި ގައުމުގެ މާލީ ހާލަތު ގޯސްވެފައިވާ މިންވަރު މުޅި ދުނިޔެ އަށް އެނގި، ހާމަވެފައި ވުމެވެ.
މި ކޮންގަރެސް އަށް ޕީއެންސީ އިން ކުރި ޚަރަދުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި އަތޮޅުތަކުން މީހުން ގެނައުމަށްޓަކައި އެއްވެސް ބެލުމެއް ނެތި ފައިސާ ޚަރަދުކޮށްފައިވެ އެވެ. ރަށްރަށުން ދަތުރުކުރި މީހުންގެ ލޯންޗުތަކާއި ޑޮމެސްޓިކް ފްލައިޓް ޓިކެޓްގެ ހުރިހާ ޚަރަދެއް އެ ޕާޓީ އިން ކޮށްފައިވާއިރު އެ މީހުންނަށް ކޮންމެ ދުވަހަކު ތިން އިރުގެ ކެއުން ވެސް ހަމަ ޖެއްސީ ހަމަ އެ ޕާޓީ އިންނެވެ. މީގެ އިތުރުން އެ ވަރުގަދަ ކޮންގްރެސް ބޭއްވި ހޯލު ތައްޔާރުކުރުމަށާއި، ބައްދަލުވުމުގެ ކަންކަން އެންމެ ފުރިހަމައަށް ގެންދިއުމަށް ކަމަށް ބުނެ ބޮޑެތި އަދަދުތަކުން ފައިސާ ވަނީ އިސްރާފު ކޮށްފަ އެވެ. މި ހުރިހާ ކަމަކަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި އިރު، އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭ އެއް ކަމަކީ، މި ކޮންގަރެސްގައި ބައިވެރިވި 1300 އަށްވުރެ ގިނަ މީހުންނަށް، ކޮންމެ މީހަކަށް ކޮންމެ ދުވަހަކު 1000 ރުފިޔާގެ ބޮޑު އެލަވަންސެއް ދީފައިވުމެވެ.
އުފެދޭ ސުވާލަކީ މިއީ ކާކަށް ދެއްކުމަށް ކުރި ކަމެއް ތޯ އެވެ. ބޭރު ދުނިޔެއަށް ރާއްޖެއަކީ މާ މުއްސަނދި، އަދި އިގްތިސާދީ ގޮތުން އެއްވެސް ދައްކަމެއް ނެތް ގައުމެއްކަން ދެއްކުމަށްޓަކައި މިފަދަ ބޮޑެތި ޑްރާމާތައް ކުޅެމުންދާއިރު، ހަމަ ޔަގީނުން ވެސް ބޭރު ގައުމަކުން މިކަމަކަށް ޝައުގުވެރިވެގެނެއް ނޫޅެ އެވެ. ދެން އޮތް ސުވާލަކީ މިއީ ސީދާ ރައްޔިތުންގެ ނިކަމެތި ހާލަށް ކުރި މަލާމާތެއް ތޯ އުފެދޭ ސުވާލެވެ. އާންމު ރައްޔިތުން މިއަދު ތިބީ އިންތިހާއަށް ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ކާބޯތަކެއްޗާއި އަސާސީ ބޭސްފަރުވާއަށް ވެސް ޚަރަދު ކުރާނެ ގޮތެއް ނެތި އެންމެ އަސާސީ ކަންކަމަށް ވެސް ސަލާންޖަހަން ޖެހޭ ހާލަތުގަ އެވެ.
ކަރަންޓު ބިލުތައް ގޮސް ޖެހޭ ހިސާބެއް ބުނެދޭކަށް ނޭނގެ އެވެ. ތަކެތީގެ އަގު ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ދިރިއުޅުމުގެ ކޮންމެ ޚަރަދެއް އަތުނުޖެހޭ މިންވަރަށް މިއަދު މިވަނީ ބޮޑުވެފަ އެވެ. އެހެންވީމާ 80 މިލިއަން ރުފިޔާގެ މި ޑްރާމާއަކީ ރައްޔިތުންނަށް ކުރި މަލާމާތެއް ކަމަށް ބުނެވިދާނެ އެވެ. ދިވެހި ކޮންމެ ރައްޔިތަކު ވެސް މިއަދު އުފުލަމުންދާ ބުރަ އުދާސްތަކަށް ރިއާޔަތްކުރުމެއް ނެތި، ވެރިން އެމީހުންގެ ބާރާއި މުއްސަނދިކަން ދައްކަން އުޅުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. ބަޔަކަށް ދައްކަން ވިޔަސް، ނުވަތަ ރައްޔިތުންނަށް މަލާމާތް ކުރުމަށް ވިޔަސް، ނުފޯރާ ފޮތިން ފޫގަޅައިގެން ސަރުކާރު ހިންގާ ޕީއެންސީ އިން 80 މިލިއަން ޚަރަދު ކޮށް، މާ ބޮޑު ކޮންގްރެސް އެއް ބޭއްވި ކަމަށް ދައްކަން އުޅުނަސް، އެ މުއްސަނދިކަން ނެތް ކަން އެއީ މިއަދު އެންމެނަށް އެނގޭ ހަގީގަތެކެވެ. ޕީއެންސީ އިން ދުނިޔެ އަށް ދައްކަން މަސައްކަތް ކުރީ ގިރިޓީ މުއްސަނދިކަމެކެވެ. ރައްޔިތުންނަށް ކުރަން އުޅުނު މާލާމާތް މި ފަހަރު މި ރައްދުވީ ހަމަ ޕީއެންސީ އަށެވެ.









