އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!
8 އޮކްޓޯބަރު 2026 | ބުރާސްފަތި 05:02އީރާނާއެކު ކުރަމުންދާ ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ. އީރާނުގެ އަތުގައި ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެ ގައުމުން އެއްބަސްވުމަކަށް އައުމަށް ބޭނުންވި ނަމަވެސް އެއީ އޭނާ އެންމެ ބޭނުންފުޅުވާ ގޮތް ނޫން ކަމަށް. މީގެ އިތުރުން، އީރާނަކީ ނާކާމިޔާބުވެފައިވާ ގައުމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އީރާނާއެކު ކުރައްވަމުން ގެންދަވާ މަޝްވަރާތަކުގައި "ވަރަށް ބިނާކުރަނިވި" މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ. ނަމަވެސް، އީރާނާއެކު އެއްބަސްވުމެއް އެކުލަވައިލުމަކީ އޭނާ އެންމެ ބޭނުންފުޅުވާ ގޮތް ނޫންކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓެކްސަސްގެ ސެން އެންޓޯނިއޯގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ޓްރަމްޕް ވިދާޅުވީ، ވިޓްކޮފް އީރާނުގެ އެއްބަސްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި "ވަރަށް ރަނގަޅަށް" އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. "އަޅުގަނޑު ދެކޭ ގޮތުގައި އެއްބަސްވުމަކީ އަޅުގަނޑު ހަގީގަތުގައި ކުރަން ބޭނުންވާ ކަމެއް ނޫން، އެކަމަކު [ހަނގުރާމަޕ ހުއްޓާލުމަށްޓަކައި އެ މީހުން [އީރާނުން] ތިބީ ކޮންމެ އެއްޗެއް ވެސް އަޅުގަނޑުމެންނަށް ހުށަހަޅަން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ. "އެ މީހުންގެ އަތުގައި ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނޯންނާނެ."
ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދިޔަ ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމަށް ހަވާލާދެއްވައި، ޓްރަމްޕް ވަނީ ވިޓްކޮފް އަކީ "އާދަޔާ ޚިލާފު ކަންތައްތަކެއް" ކޮށްފައިވާ "މޮޅު ނެގޯޝިއޭޓަރެއްގެ" ގޮތުގައި ސިފަކުރައްވާފައި އެވެ. މި ގޮތުން، އީރާނާއެކު ކުރަމުންދާ ހަނގުރާމަ ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އީރާނަކީ "ނާކާމިޔާބުވެފައިވާ ޤައުމެއްގެ" ގޮތުގައި ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، "އެ ހަނގުރާމަ ނިމޭނެ - އެ ކަން ވާނީ ވަރަށް އަވަހަށް. އެ ކަން ވަރަށް އަވަސް ވާން ޖެހޭނެ" ކަމަށް އެވެ. އޭނާ އިޝާރާތް ކުރައްވާފައި މި ވަނީ، އޭނާ އިސްވެ ފެށްޓެވި ޣައިރުގާނޫނީ ހަނގުރާމަ ނިމުމަކަށް ގެންނެވުމަށެވެ.
ޓްރަމްޕް މި ހެން ވިދާޅުވެފައި މި ވަނީ، ނޮވެންބަރު 3 ވަނަ ދުވަހު އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބުގެ ކުރިން އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމުގެ ގޮތްތަކެއް އެކުލަވާލުމަށް ވައިޓް ހައުސް އިން ޕެންޓަގަންގައި އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަމުންދާ ދަނޑިވަޅެއްގައި އެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށާފައިވަނީ ފެބުރުވަރީ 28 ވަނަ ދުވަހު އެވެ. މިއާއެކު، އީރާނުގެ ވެރިރަށް ތެހެރާނުން ވަނީ މުޅި ސަރަހައްދަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީ، ހަކަތަ ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިންމު މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އެވެ. ހަމަލާތައް އަމާޒުކޮށްފައި ވަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަގާމުތަކަށެވެ.
ހަތިޔާރު ބޭނުންކުރުން ހުއްޓާލައި މަޝްވަރާތަކަށް މަގުފަހިކުރުމަށް ޕާކިސްތާނާއި ޤަތަރުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، އެމެރިކާއާއި އީރާނުން ވަނީ ޖޫން މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި އެވެ. އަދި, ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ދަތުރުފަތުރާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، އެ އެއްބަސްވުމަށް އަމަލުކުރުން ވަނީ މަޑުޖެހިފައި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











