ޤަތަރުގެ އުތުރުން ދަތުރުކުރި ޓޭންކަރަކަށް ހަމަލާދީފި، ބައެއް ފަޅުވެރިން ޒަޚަމްވި
8 އޮކްޓޯބަރު 2026 | ބުރާސްފަތި 07:40ގަލްފުގެ ހުޅަނގު ފަރާތުން ޤަތަރުގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ދަތުރުކުރި ޓޭންކަރަކަށް ދިން މި ހަމަލާއަކީ ފަހަކަށް އައިސް އެ ސަރަހައްދުގައި ހިނގި މިފަދަ ފުރަތަމަ ހާދިސާ. ހުރްމުޒް ކަނޑުއޮޅީގައި ހަމަލާތައް އިތުރުވެފައިވީ ނަމަވެސް، މެދުއިރުމަތިން ތެޔޮ ބޭރުކުރާ މިންވަރު މިހާރު ވަނީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށްވުރެ ވެސް މައްޗަށް ގޮސްފައި. މި ގޮތުން ދުވާލަކު އެވްރެޖްކޮށް 18.3 މިލިއަން ފީފާ ތެޔޮ މިހާރު އެކްސްޕޯޓު ކުރޭ


ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ދޭ ހަމަލާތައް އިތުރުވެފައިވާ ކަމަށް ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ރިޕޯޓުކޮށްފައިވޭ | ގެޓީ އިމޭޖަސް
ޤަތަރުގެ އުތުރު އައްސޭރިފަށުން ދަތުރުކުރަމުންދިޔަ ޓޭންކަރަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދިނުމުގެ ސަބަބުން ބަޔަކު މަރުވެ ޒަޚަމްވެފައިވާ ކަމަށް، އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އޭޖެންސީން ހާމަކޮށްފި އެވެ. މަދީނަތު އަލް-ޝަމާލްގެ އުތުރުން 94 ކިލޯމީޓަރު ދުރުގައި އޮތް މި އުޅަނދަށް ގިނަ ހަމަލާތަކެއް އަރާފައިވާ ކަމަށް ބުދަ ދުވަހު ޔޫކޭއެމްޓީއޯއިން ބުނެފައިވެ އެވެ. މި ހާދިސާ ހިނގާފައި މި ވަނީ، ހުރްމުޒް ކަނޑުއޮޅީގައި އުޅަނދުތަކަށް ދޭ ހަމަލާތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށް އެ އޭޖެންސީން ރިޕޯޓުކޮށްފައި ވަނިކޮށެވެ.
މި ފަހުގެ ހަމަލާގައި މަރުވީ ނުވަތަ ޒަޚަމްވީ ކިތައް މީހުން ކަމެއް ޔޫކޭއެމްޓީއޯއިން ހާމަކޮށްފައެއް ނުވެ އެވެ. އަދި, ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ. އެ އުޅަނދަކީ ކޮން ޤައުމަކަށް ނިސްބަތްވާ އުޅަނދެއް ކަމެއް ވެސް އެ އިދާރާއިން ބުނެދީފައެއް ނުވެ އެވެ.
ގަލްފުގެ މެދުތެރޭގައި އުޅަނދަކަށް ހަމަލާ ދިނުމަކީ އާންމުކޮށް ހިނގާ ކަމެއް ނޫނެވެ. ވިޔަފާރި ބޯޓުފަހަރުގެ ޚަބަރުތަކަށް ޚާއްސަ ނޫހެއް ކަމަށްވާ 'ދި މެރިޓައިމް އެގްޒެކެޓިވް' އިން ބުނީ، މިއީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި ގަލްފުގެ ހުޅަނގު ފަޅީގައި ޓޭންކަރަކަށް ދިން ކަމަށް ރިޕޯޓުކުރެވުނު ފުރަތަމަ ހަމަލާ ކަމަށެވެ. މި ހަމަލާ ދީފައި ވަނީ ޤަތަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރޭގައި ކަމަށް ވާއިރު، މިކަމާ ގުޅޭގޮތުން ޤަތަރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އާންމުގޮތެއްގައި އުޅަނދުތަކަށް ހަމަލާދެމުން ދަނީ، ގަލްފާއި ގަލްފް އޮފް އޮމާން ގުޅުވައިދޭ ހަނި ކަނޑުއޮޅި ކަމަށްވާ، އިސްތިރާޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅީގަ އެވެ. ފެބުރުވަރީ 28 ގައި އިރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ޣައިރުގާނޫނީ ހަނގުރާމައިގެ ކުރިން، އެ ކަނޑުއޮޅިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 125 އާގުބޯޓު ދަތުރުކުރެ އެވެ. އަދި, ދުނިޔޭގެ ސާފުނުކުރާ ތެލާއި ލިކުއިފައިޑް ނެޗަރަލް ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް %20 އުފުލާފައި ވަނީ މި މަގުން ކުރެވޭ ދަތުރުތަކުންނެވެ.
އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އަދި, ވޮޝިންގޓަނުން ދަނީ އިރާނުގެ ބަނދަރުތައް ހިސާރު ކުރަމުންނެވެ. އަންގާރަ ދުވަހު ޔޫކޭއެމްޓީއޯއިން ބުނީ، މި މަހުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅީގައި ޓޭންކަރުތަކަށް ނުވަ ހަމަލާއެއް ދީފައިވާ ކަމަށެވެ. މިއީ ސެޕްޓެންބަރު މަހު އެ ކަނޑުއޮޅިއާއި ގަލްފުގައި ދެވުނު ޖުމްލަ ހަމަލާގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ.
މި ފަދަ ހަމަލާތައް ދެމުންދިޔަ ނަމަވެސް، މެދުއިރުމަތިން ތެޔޯ އެކްސްޕޯޓުކުރާ މިންވަރު ވަނީ ފަހުގެ ހަފްތާތަކުގައި ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް އުފުލިފަ އެވެ. އަދި, ވަގުތީ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ މިންވަރު ވަނީ ކުރިއަށްވުރެ ވެސް މައްޗަށް ގޮސްފަ އެވެ. ޑޭޓާ ފާމެއް ކަމަށްވާ ކެޕްލަރއިން ބުނީ، ސެޕްޓެންބަރު 30 ގެ ނިޔަލަށް މެދުއިރުމަތީގެ ސާފުނުކުރާ ތެލުގެ އެކްސްޕޯޓުގެ ހަތް ދުވަހުގެ މޫވިންގް އެވްރެޖް ދުވާލަކު 18.3 މިލިއަން ފީފާއަށް އުފުލިފައިވާ ކަމަށެވެ. މިއީ، ހަނގުރާމައިގެ ކުރީގެ 12 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު އެކްސްޕޯޓުކުރި 18 މިލިއަން ފީފާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މަސްދަރު: އަލް ޖަޒީރާ











