ކުށެއް ނެތް އާންމުން ކަތިލައި ޤަތުލުއާންމު ހިންގަމުންދާ ޔަހޫދީން ޑިމޮކްރެސީގެ ދަރުސް ދޭން ކުފޫހަމަނުވޭ: ފަލަސްތީނުގެ ނައިބު ރައީސް
11 އޮކްޓޯބަރު 2026 | އާދީއްތަ 08:23ފަލަސްތީނުގެ އިންތިޚާބު 2027 އަށް ފަސްކުރުމާ ގުޅިގެން އިސްރާއީލުގެ ޚާރިޖީ ވަޒީރު ކީ ފާޑުކިޔުންތަކަށް، ފަލަސްތީނުގެ ނައިބު ރައީސް ޙުސައިން އަލް-ޝައިޚް ވަރުގަދަ ރައްދެއް ދެއްވައިފި. އިންތިޚާބު ބޭއްވުމަށް ހުރަސްއެޅީ އިސްރާއީލުގެ އަނިޔާވެރި އަމަލުތަކުން ކަމަށް ވިދާޅުވެ، ފަލަސްތީނުގެ ޑިމޮކްރެސީއާމެދު އިސްރާއީލުން ކަންބޮޑުވުން ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި


ފަލަސްތީނުގެ ނައިބު ރައީސް ޙުސައިން އަލް-ޝައިޚް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ
ފަލަސްތީންގެ އިންތިޚާބު ފަސްކުރުމާ ގުޅިގެން އިސްރާއީލްގެ ޚާރިޖީ ވަޒީރު އަމާޒުކުރި ފާޑުކިޔުންތަކަށް ފަލަސްތީންގެ ނައިބު ރައީސް ހޮނިހިރު ދުވަހު ރައްދު ދެއްވައިފި އެވެ. އިންތިޚާބު ފަސްކުރަން ޖެހުނީ އިސްރާއީލްގެ އަމަލުތަކުގެ ސަބަބުން ކަމަށް ނައިބު ރައީސް ޙުސައިން އަލް-ޝައިޚް ވިދާޅުވި އެވެ.
އަދި، ރައީސް މަޙްމޫދު ޢައްބާސްގެ ނިންމެވުމަށް ފާޑުކިޔަމުން، ފަލަސްތީންގެ ޑިމޮކްރެސީގެ ދިފާއުގައި ހުރި މީހެއްގެ ގޮތުގައި އިސްރާއީލްގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރް ހެދިގެން އުޅޭ ކަމަށް އަލް-ޝައިޚް ވިދާޅުވި އެވެ.
"އޭނާގެ [ސާރް] ޖަރީމާތަކާއި، ފިޔަވަޅުތަކާއި، ޓެރަރިޒަމްގެ އިތުރުން އަނިޔާވެރިކަމުގެ ސަބަބުން ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ފަސްކުރުމުން، ފަލަސްތީންގެ ޑިމޮކްރެސީގެ މުސްތަގުބަލާ މެދު އިސްރާއީލްގެ ޚާރިޖީ ވަޒީރު މިހާރު ކަންބޮޑުވާ ކަމަށް ފެނޭ" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލް-ޝައިޚް ވިދާޅުވި އެވެ. "ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ރައްޔިތުން ކަތިލުމުގެ ޒިންމާ އުފުލަންޖެހޭ މީހާ މިހާރު އަޅުގަނޑުމެންނަށް ދަރުސް ދެނީ ދީނީ އިލްމުވެރިއަކު ފަދައިން."
އައްޝައިޚް މި މޭރުމުން ވިދާޅުވީ، އިންތިޚާބު ފަސްކުރުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ މުޖުތަމައުއަށް އޮޅުވާލާފައިވާ ކަމަށާއި ޢައްބާސް ކޮރަޕްޝަން ހިންގަވާފައިވާ ކަމަށް ސާރް ތުހުމަތު ކުރުމާ ގުޅިގެންނެވެ. އިންތިޚާބު ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވީ އިސްރާއީލްގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ފަލަސްތީނުން ބުނާ ބުނުން ސާރް ދޮގުކުރި އެވެ. އެއީ، "ޒިންމާއާއި ޖަވާބުދާރީވުމުން" ރެކުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ސިފަކުރި އެވެ.
ނަމަވެސް، ފަލަސްތީނުގެ ސަރުކާރާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއަޅަމުން ދަނީ ޔަހޫދީ އިސްރާއީލުން ކަން މުޅި ދުނިޔެއަށް ވެސް ސާފު ކަމަށް މަސްރަހުގެ ދާރިސުން ފާހަގަކުރައްވަ އެވެ. އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ކޮންމެ ދުވަހަކު ޔަހޫދީ އިސްރާއީލުގެ ސިފައިން ލާއިންސާނީ ޖަރީމާތައް ހިންގަމުންދާއިރު، 2023 އޮކްޓޫބަރުގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ސިފައިން ފެށި ޤަތުލުއާންމު އަދިވެސް ހުއްޓައިލާފައެއް ނުވެ އެވެ. މިއީ، މުޅި ދުނިޔެއިން ގަބޫލުކުރާ ހަގީގަތްތަކެއް ކަމަށް ދާރިސުން ވިދާޅުވެ އެވެ.
މި އަހަރުގެ ނޮވެންބަރު މަހު ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތް ރިޔާސީ އަދި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު، 2027 ސެޕްޓެންބަރު 11 އަށް ފަސްކުރައްވައި ރައީސް ޢައްބާސް ވަނީ ހޮނިހިރު ދުވަހު ރިޔާސީ ގަރާރެއް ނެރުއްވާފަ އެވެ.
ފަލަސްތީންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާތްގަނޑަކަށް 2.97 މިލިޔަން މީހުން ތިބެ އެވެ. އޭގެ ތެރޭގައި އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ 1.59 މިލިޔަން މީހުންނާއި، ޣައްޒާގެ 1.24 މިލިޔަން ރައްޔިތުންގެ އިތުރުން އިސްތިއުމާރު ކޮށްފައިވާ އިރުމަތީ ގުދުސްގެ 140,000 މީހުން ހިމެނެ އެވެ.
ފަލަސްތީންގައި އެންމެ ފަހުން ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބެއް ބާއްވާފައި ވަނީ 2006 ވަނަ އަހަރު އެވެ. އެ އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބުކުރީ ހަމާސް ޖަމާއަތުންނެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











