ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި
7 އޮކްޓޯބަރު 2026 | ބުދަ 09:01ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ ލާއިންސާނީ އުދުވާނުގައި ފަލަސްތީނުގެ 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ ތައުލީމީ މުވައްޒަފުން ވަނީ ޝަހީދުކޮށްލާފައި. މި ހަމަލާތަކުގައި ތައުލީމީ މުއައްސަސާތައް ސުންނާފަތިކޮށް، އެތައް ހާސް ބަޔަކު ޒަޚަމްކޮށް ހައްޔަރުކޮށްފައިވާއިރު، ޣައްޒާގެ އުމްރާނީ ތަރައްޤީގެ %90 ވަނީ ފުނޑުފުނޑުކޮށްލާފައި


ޣައްޒާ ސިޓީގައި ހުންނަ އިސްލާމިކް ޔުނިވަރސިޓީއަށް ދިން ހަމަލާތަކުގައި ސުންނާފަތިވެ، އަނދާފައިވާ އެ ޔުނިވަރސިޓީގެ ލެބޯޓްރީތަކާއި ކްލާސްރޫމްތަކަށް ލިބިފައިވާ ގެއްލުންތައް ފަލަސްތީނުގެ ދަރިވަރުން ބަލާލަނީ | ގެޓީ އިމޭޖަސް
އިސްރާއީލުން ހިންގަމުންދާ ތިން އަހަރުގެ ޤަތުލުއާންމުގެ ތެރޭގައި ޣައްޒާ އަދި އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 20،748 ދަރިވަރުންނާއި ތަޢުލީމީ އަދި އިދާރީ ދާއިރާގެ 1،058 މުވައްޒަފުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ތަޢުލީމާބެހޭ ވުޒާރާއިން ބުދަ ދުވަހު ހާމަކޮށްފި އެވެ.
ތަޢުލީމީ ދާއިރާއާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ޖަރީމާތަކުގެ ތަފާސްހިސާބުތަކާ ބެހޭ ރިޕޯޓެއްގައި އެ ވުޒާރާއިން ބުނީ، މި އަދަދުތަކުގެ ތެރޭގައި ސްކޫލްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނާއި މުވައްޒަފުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކު ޒަޚަމްކޮށް ހައްޔަރުކޮށްފައިވާއިރު، ތަޢުލީމީ އެތައް މުއައްސަސާއެއް ވަނީ ފުނޑުފުނޑުކޮށްލާފައި ނުވަތަ ހަމަލާގެ އަމާޒަކަށް ހަދާފައި ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
ތިން އަހަރު ތެރޭގައި މުޅި ޣައްޒާ ސުންނާފަތިކޮށްލުން
ޣައްޒާގައި ސްކޫލްތަކުގެ 19،189 ދަރިވަރުންނާއި 1،386 ޔުނިވަރސިޓީ ދަރިވަރުން ޝަހީދުކޮށްލާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި، 28،586 ސްކޫލް ދަރިވަރުންނާއި 3،082 ޔުނިވަރސިޓީ ދަރިވަރުން ވަނީ ޒަޚަމްކޮށްލާފައިވެ އެވެ.
މީގެ އިތުރުން ސްކޫލްތަކުގެ ތަޢުލީމީ އަދި އިދާރީ 805 މުވައްޒަފުންނާއި ޔުނިވަރސިޓީތަކުގެ 246 މުވައްޒަފުން ޝަހީދުކޮށްލާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެ އެވެ. ހަމަމިއާއެކު، ސްކޫލްތަކުގެ 3،298 މުވައްޒަފުންނާއި ޔުނިވަރސިޓީތަކުގެ 1،493 މުވައްޒަފުން ޒަޚަމްކޮށްލާފައިވެ އެވެ.
ހުޅަނގު އައްސޭރީގައި ވެސް ލާއިންސާނީ ޖަރީމާތަކެއް
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި 134 ސްކޫލް ދަރިވަރުންނާއި 39 ޔުނިވަރސިޓީ ދަރިވަރުން ޝަހީދުކޮށްލާފައިވެ އެވެ. މީގެ އިތުރުން 871 ސްކޫލް ދަރިވަރުންނާއި 283 ޔުނިވަރސިޓީ ދަރިވަރުން ޒަޚަމްކޮށްލާފައިވެ އެވެ. މީގެ އިތުރުން، އިސްރާއީލްގެ ފައުޖުތަކުން ވަނީ 416 ސްކޫލް ދަރިވަރުންނާއި 481 ޔުނިވަރސިޓީ ދަރިވަރުން ހައްޔަރުކޮށްފަ އެވެ.
ހުޅަނގުގެ އައްސޭރީގައި ސްކޫލްތަކުގެ ތަޢުލީމީ އަދި އިދާރީ ދާއިރާގެ ހަތް މުވައްޒަފުން ޝަހީދުކޮށްލާފައިވާއިރު އިތުރު 26 މީހަކު ވަނީ ޒަޚަމްކޮށްލާފަ އެވެ. އަދި، އިސްރާއީލް ސިފައިން ވަނީ 176 އަށްވުރެ ގިނަ ޓީޗަރުންނާއި ސްކޫލް މުވައްޒަފުންގެ އިތުރުން 21 ޔުނިވަރސިޓީ މުވައްޒަފުން ހައްޔަރުކޮށްފަ އެވެ.
2023 އޮކްޓޫބަރުން ފެށިގެން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމުގައި 74،000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 175،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފަ އެވެ. މީގެ އިތުރުން، ޣައްޒާގެ އުމްރާނީ ތަރައްގީގެ ގާތްގަނޑަކަށް %90 ވަނީ ހަލާކުކޮށް ނުވަތަ ފުނޑުފުނޑުކޮށްލާފަ އެވެ.
ހަމަ މި މުއްދަތުގެ ތެރޭގައި، އިސްރާއީލްގެ ފައުޖުތަކާއި ޓެރެރިސްޓު ވަޒަންވެރިން ވަނީ އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ކަންކޮޅުތަކުގައި ލާއިންސާނީ ޖަރީމާތައް ވަރުގަދަކޮށްފަ އެވެ. މި ހަމަލާތަކުގައި 1،210 ފަލަސްތީން ރައްޔިތުން ޝަހީދުކޮށްލައި، ގާތްގަނޑަކަށް 13،350 މީހުން ޒަޚަމްކޮށް، އަދި 24،600 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











