ސީއައިއޭގެ ސިއްރު ދިރާސާ: ބައިބައިވުން އުފެދި އިސްރާއީލް ދާޚިލީ ހަނގުރާމައަކަށް ވެއްޓިދާނެ
6 އޮކްޓޯބަރު 2026 | އަންގާރަ 04:57އިސްރާއީލުގެ އިގްތިސާދީ ދަތިތަކާއި، އަސްކަރީ ޚިދުމަތާ ގުޅޭ ބައިބައިވުންތަކުގެ އިތުރުން ބައިނަލްއަގްވާމީ އެކަހެރިކަމާ ހުރެ އެ ޤައުމުގެ ދާޚިލީ މަސްރަހު ނުރައްކަލެއްގެ ތެރޭގައިވާ ކަމަށް ސީއައިއޭގެ ރިޕޯޓެއްގައިވޭ. ޣައްޒާއާއި ލުބްނާނުގައި ހިންގަމުންދާ ގަތުލުއާންމުތަކުގެ ސަބަބުން ސިފައިންނަށް ނަފްސާނީ އަސަރުތަކެއް ކުރަމުންދާއިރު، ބޮޑުވަޒީރު ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން ދައުލަތް ފުނޑުފުނޑުވެދާނެ ކަމުގެ ބިރު އެބައޮތް


އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ | އޭޕީ
ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އުފެދެމުންދާ ބައިބައިވުންތަކުގެ ސަބަބުން އިސްރާއީލް ދާޚިލީ ހަނގުރާމައަކަށް، ނުވަތަ ދައުލަތް ފުނޑުފުނޑުވުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ (ސީއައިއޭ) ސިއްރު ދިރާސާއަކުން އިންޒާރުދީފައިވާ ކަމަށް ހޯމަ ދުވަހު ޝާއިޢުކުރި ރިޕޯޓެއްގައި އިންޒާރުކޮށްފި އެވެ.
'ފްރެކްޗަރ ވިތިން' ގެ ނަން ދީފައިވާ މި އެސެސްމެންޓަކީ، އާންމުކޮށް ގަބޫލުކުރެވޭ ޖާސޫސީ މައުލޫމާތުތަކަށް ގޮންޖެހުމާ ހަވާލުވެފައިވާ ސީއައިއޭގެ ޚާއްސަ ޔުނިޓެއް ކަމަށްވާ 'ރެޑް ސެލް' އިން އޮގަސްޓް މަހު ތައްޔާރުކޮށްފައިވާ އެސެސްމެންޓެއް ކަމަށް ޑްރޮޕް ސައިޓް ނޫހުން ބުނެފައިވެ އެވެ. އެ ނޫހުން މި ކަން ރިޕޯޓުކޮށްފައި ވަނީ، މި އެސެސްމެންޓުގެ މައުލޫމާތު އެނގޭ އެމެރިކާގެ ދެ މަސްދަރަކާ ހަވާލާދީ އެވެ. ނަމަވެސް، މި ކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް އެ ނޫހުން އެދުމުން ސީއައިއޭއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
އޮކްޓޫބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްރާއީލްގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ކުރިން ގިނަ ފިއްތުންތަކެއް ކުރިމަތިވަމުންދާ ކަމަށް މި އެސެސްމެންޓުގައި ފާހަގަކޮށްފައިވެ އެވެ. މި ގޮތުން އިގްތިސާދީ ދަތިތަކާއި، އަސްކަރީ ޚަރަދުތައް އިތުރުވުމާއި، މަޖުބޫރު އަސްކަރީ ޚިދުމަތުން އަލްޓްރާ-އޯތޮޑޮކްސް ޔަހޫދީން އިސްތިސްނާކުރުމާ ގުޅިގެން އުފެދިފައިވާ ރުޅިވެރިކަން ހިމެނެ އެވެ. އަދި، އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލްގެ ޓެރެރިސްޓު ވަޒަންވެރިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރުވުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމުގައި ދެމިހުރުމަށް ހިންގަމުންދާ ޖަރީމާތަކަކީ ވެސް ސިޔާސީ އަދި ދުސްތޫރީ އިތުރު ނުތަނަވަސްކަމެއް އުފެދޭ ސަބަބެއް ކަމަށް ސީއައިއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، ޣައްޒާ ގަތުލުއާންމާއި، ލުބްނާން އަދި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން މިހާރު ވެސް އޮތް ބައިބައިވުންތައް އިތުރަށް ގޯސްވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި، ދިގުލައިގެންދާ ހަނގުރާމަތަކަށްފަހު ސިފައިން އެނބުރި އަންނައިރު ގިނަ ބަޔަކު ނަފްސާނީ ބޮޑެތި ގެއްލުންތަކެއް ތަހައްމަލުކުރަމުންދާ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އަސްކަރިއްޔާއަށް މީހުން ވެއްދުމާ ގުޅޭގޮތުން އުފެދިފައިވާ މައްސަލައަކީ އިސްރާއީލްގެ އެތެރޭގައި އުފެދިފައިވާ އެންމެ ބޮޑު އެއް ބައިބައިވުން ކަމުގައި ސީއައިއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. ތަކުރާރުކޮށް ރިޒާވް ސިފައިން ނެރެމުންދާއިރު، އަލްޓްރާ-އޯތޮޑޮކްސް ޔަހޫދީ ފިރިހެނުން އަސްކަރީ ޚިދުމަތުން އިސްތިސްނާކުރުމާ ގުޅިގެން ނުރުހުންތައް ދަނީ އިތުރުވަމުންނެވެ.
ހަމަމިއާއެކު، ބައިނަލްއަގްވާމީ ގޮތުން އިސްރާއީލް އެކަހެރިވަމުންދާ ދިޔުން ވެސް މި އެސެސްމެންޓުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ތާއީދު ފަނޑުވަމުން ދިޔުން ހިމެނޭއިރު، މިއީ ދާޚިލީ ހަމަނުޖެހުން އިތުރަށް ގޯސްވެދާނެ އަނެއް ސަބަބު ކަމަށް ސީއައިއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











