ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: ފަނާކޮށްލާފައިވާ ސަހަރެއްގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލު
7 އޮކްޓޯބަރު 2026 | ބުދަ 08:08އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި އެ ސަރަހައްދުގެ އުމްރާނީ ވަސީލަތްތަކާއި، އިގުތިސާދާއި، ތައުލީމީ އަދި ސިއްހީ ނިޒާމު ވަނީ އެއްކޮށް ފުނޑުފުނޑުކޮށްލާފައި. މި ހަމަލާތަކުގެ ސަބަބުން 74,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އާބާދީގެ ބޮޑު ބައެއް ވަނީ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެ، ކުޑަ ބިންކޮޅަކަށް ތޮއްޖެހި، އިންތިހާ ދަރަޖައިގެ ނިކަމެތި ހާލަތެއްގައި


ޣައްޒާ ސިޓީގެ ސުންނާފަތި ކޮށްލާފައިވާ އިމާރާތްތައް ކައިރިން ޢާންމުން ހިނގަނީ | އޭޕީ
ހަމާސް އިސްވެ އޮވެ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު އިސްރާއީލަށް ދިން ޖިހާދީ ހަމަލާއާ ގުޅިގެން އިސްރާއީލުން ޣައްޒާގައި ފެށި ނަސްލުހޭދުކުރުމުގެ ޤަތުލުއާންމަށް ތިން އަހަރު ފާއިތުވެފައިވާއިރު، ފަލަސްތީނުގެ އެ ސަރަހައްދު ވަނީ ނޭނގޭ މިންވަރަށް ބަދަލުވެފަ އެވެ.
އިސްރާއީލުން މެދުކެނޑުމެއްނެތި ވައިގެ މަގުންނާއި އެއްގަމު މަގުން ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށްލާފަ އެވެ. މި ގޮތުން، ގެދޮރާއި އަވަށްތައް ހަލާކުކޮށް، އުމްރާނީ ތަރައްގީއާއި އަސާސީ ޚިދުމަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
މި ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް ދެ މިލިޔަން މީހުންގެ އާބާދީއެއްގެ ދިރިއުޅުން ވަނީ ވިއްސިވިހާލިވެފަ އެވެ. ތަކުރާރުކޮށް މީހުން ގެދޮރުން ނެރުމަށް ކުރާ އަމުރުތަކުގެ ސަބަބުން އާއިލާތަކާއި މުޖުތަމައުތައް ރޫޅިފައިވާއިރު، 74,245 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރެ އެވެ.
2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު "ޤަތުލުއާންމު ހަމަލާތައް ހުއްޓާލިކަން" އިއުލާނުކުރި ނަމަވެސް، އޭގެ ސަބަބުން ތަހައްމަލުކުރަމުންދާ ވޭނަށް ނިމުމެއް އައިސްފައެއް ނުވެ އެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ހަމަލާތައް ހުއްޓާލުމަށް އަމަލުކުރަން ފެށިފަހުން 1,462 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި، އިސްރާއީލުގެ ހަމަލާތަކާއި އަސްކަރީ އެހެނިހެން ހަރަކާތްތައް ޣައްޒާގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށެވެ.
އަހަރުތަކެއް ވަންދެން ކުރި ހަނގުރާމައިގެ ސަބަބުން ތައުލީމީ ނިޒާމާއި، ސީއްހީ ދާއިރާ އަދި އިގުތިސާދު ވަނީ ފުނޑުފުނޑުވެފަ އެވެ. ހަމަމިއާއެކު، ކާބޯތަކެއްޗާއި، ފެނާއި، ބޯހިޔާވަހިކަމުގެ އިތުރުން އެހެނިހެން އަސާސީ ބޭނުންތައް ފުއްދުމަކީ ކޮންމެ ދުވަހެއްގެ ބުރަ މަސައްކަތަކަށް ވަނީ ވެފަ އެވެ.
ކޮންމެ ދުވަހެއްގެ އާންމު ދިރިއުޅުމަކީ ވެސް ހަނގުރާމައެއް
ޣައްޒާގެ ރައްޔިތުންނަށް، މި ހަނގުރާމައިގެ ސަބަބުން ބަދަލުވެފައިވަނީ ހަމައެކަނި އެ މީހުން ދިރިއުޅޭ ތަނެއް ނޫނެވެ. އޭގެ ބަދަލުގައި، ކޮންމެ ދުވަހެއްގެ އާންމު ކަންކަން ކުރާ ގޮތްވެސް ވަނީ މުޅިން ބަދަލުވެފަ އެވެ. ފަލަސްތީނުގެ ގިނަ ރައްޔިތުންނަށް، ދިރިއުޅުމުގެ އަސާސީ ކަންކަން ކަމަށްވާ ގެދޮރާއި، ސާފު ބޯފެނާއި، ކަރަންޓުގެ އިތުރުން ދަތުރުފަތުރުކުރާނެ ވަސީލަތްތައް މިހާރު ޣައްޒާއިން ލިބެން ނެތެވެ.
އދ. އިން ބުނީ، ސެޕްޓެންބަރު މަހު ޣައްޒާގެ އާބާދީގެ %94 މީހުންނަށް ބޯހިޔާވަހިކަމާއި ގޭތެރޭގެ އަސާސީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. މީގެ އިތުރުން، އިސްރާއީލުގެ ހަމަލާތަކާއި މީހުން ގެދޮރުން ނެރުމަށް ކުރި އަމުރުތަކުގެ ސަބަބުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ %65 އާއިލާތައް ދިރިއުޅެމުންދަނީ އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބޭ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައި ކަމަށް އެ ޖަމިއްޔާއިން ހާމަކުރެ އެވެ. އަދި، ގިނަ އާއިލާތަކަށް އެކަށީގެންވާ ގޮދަޑިއާއި، އަލިކުރާނެ ވަސީލަތްތަކާއި، ބަދިގޭގެ ސާމާނުގެ އިތުރުން ނަރުދަމާގެ ނިޒާމު ވެސް ލިބިފައި ނުވާ ކަމަށް އދ. އިން ހާމަކުރެ އެވެ.
ސާފު ބޯފެން ހޯދުމަކީ ވެސް ދުވަހުގެ ދިރިއުޅުމުގައި ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އދ. އިން ރިޕޯޓުކުރީ، ޖޫން މަހު ފެނުގެ ދަތިކަން ތަހައްމަލުކުރި %84 އާއިލާތަކާ އަޅާބަލާއިރު، އޮގަސްޓު މަހުގެ ކުރީކޮޅު އެ ނިސްބަތް %91 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.
ކަރަންޓުގެ ހާލަތު ވެސް ވަނީ ހަމަ މި ފަދައިން ގޯސްވެފަ އެވެ. ޣައްޒާގައި ކަރަންޓު ވިއުގައެއް މަސައްކަތް ނުކުރާތީ، އަސާސީ ޚިދުމަތްތަކާއި އާއިލާތަކުން ބަރޯސާވާން ޖެހިފައިވަނީ ޖަނަރޭޓަރުތަކަށެވެ. މިއާއެކު، ތެޔޮ، އިންޖީނު ތެޔޮ އަދި ސްޕެއާ ޕާޓްސް ލިބުން ވަނީ އިންތިހާއަށް ދަތިވެފަ އެވެ. މަގުތަކާއި މުވާސަލާތީ ވިއުގަތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ދަތުރުފަތުރުކުރުމާއި، ފޯނާއި އިންޓަނެޓުގެ ޚިދުމަތް ހޯދުމުގެ އިތުރުން އަސާސީ ޚިދުމަތްތަކަށް ވާސިލުވުން ވަނީ އިތުރަށް އުނދަގޫވެފަ އެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، ކޮންމެ ދުވަހެއްގެ ދިރިއުޅުން ބިނާވެފައި ވަނީ ހަމައެކަނި ފުރާނަ ސަލާމަތްކުރުމުގެ މައްޗަށެވެ. ފެން ހޯދުމާއި، ފޯނު ޗާޖުކުރުމާއި، ކެއްކުމާއި، ދޮވެސާފުކުރުން ފަދަ ކަންކަމަށް ވަގުތާއި ވަސީލަތްތައް ހޯދުމަކީ ކުރިން އެއްވެސް ވަރަކަށް އުނދަގޫ ކަންކަމަށް ނުވި ނަމަވެސް، މިހާރު އެއީ ބޮޑު ރޭވުންތެރިކަމެއް ބޭނުންވާ ކަންކަމަށް ވަނީ ވެފަ އެވެ.
ޣައްޒާގެ އިގުތިސާދު ފުން ވަޅުގަނޑެއްގައި
ޤަތުލުއާންމުގެ ސަބަބުން ޣައްޒާގެ އިގުތިސާދު ވަނީ އެއްކޮށް ފުނޑުފުނޑުވެފަ އެވެ. ވިޔަފާރިތަކާއި އަމިއްލަ ސިނާއަތްތައް ހަލާކުވެގެން ދިއުމުގެ ސަބަބުން އާއިލާތަކުގެ އާމްދަނީ މަދުވެ، ތަކެތި ގަތުމުގެ ގާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
އދ. ގެ ވިޔަފާރިއާއި ތަރައްޤީއާ ބެހޭ ޖަމިއްޔާއިން (އަންކްޓެޑް) ސެޕްޓެންބަރު މަހު ލަފާކުރީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާގެ އިގުތިސާދީ މުއައްސަސާތަކުގެ %92 އަށް ގެއްލުންވެ ނުވަތަ ހަލާކުވެފައިވާ ކަމަށެވެ. އަދި, ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ %78 އަރާފަ އެވެ.
ބޮލަކަށް ޖެހޭ ޖީޑީޕީ 2025 ވަނަ އަހަރު ހުރީ އެންމެ 212 ޑޮލަރުގަ އެވެ. މިއީ، 2022 ވަނަ އަހަރާ އަޅާބަލާއިރު އެންމެ %17 އެވެ. ދަނޑުވެރިކަމާއި ސިނާއީ މަސައްކަތްތައް ކުރިއަށްދިޔައީ 2022 ވަނަ އަހަރުގެ އުފެއްދުންތެރިކަމުގެ އެންމެ %6 އެވެ. އަދި, އިމާރާތްކުރުމުގެ ދާއިރާ ވަނީ %1 އަށް ވެއްޓިފަ އެވެ.
އިގުތިސާދު އިނދަޖެހުމުގެ ސަބަބުން އަސާސީ މުދާ ގަތުމަކީ އާންމުންނަށް ނުކުޅަދާނަ ކަމަކަށް ވަނީ ވެފަ އެވެ. މުދާ އެތެރެކުރުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ޣައްޒާގެ އިގުތިސާދަށް ލިބިފައިވާ ގެއްލުންތައް ވަނީ އިތުރަށް ގޯސްވެފަ އެވެ. ތާރީޚީ ގޮތުން ބަލާއިރު، ބޭރު ދުނިޔެއާއެކު ކުރެވޭ ވިޔަފާރީގެ ގިނަ މުދާ ޣައްޒާއަށް އެތެރެކުރަނީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައިވާ ބޯޑަރުތަކުންނެވެ. މީގެ ނޭދެވޭ އަސަރު ސީދާ ގޮތެއްގައި ކޮށްފައިވަނީ އާންމު ރައްޔިތުންނަށެވެ. ނިކަމެތިންނަށެވެ. އދ. އިން ބުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ހުރި އަގުތަކާ އަޅާބަލާއިރު، ސެޕްޓެންބަރު މަހު ތަކެތީގެ އަގުތައް ހުރީ ގާތްގަނޑަކަށް %200 މަތީގައި ކަމަށެވެ.
ވަޒީފާތަކާއި އާމްދަނީ ގެއްލުމާއެކު، އިގުތިސާދީ ހަރަކާތްތައް މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ އެހީއާއި، ދަރަންޏާއި، ކުދި އަދި ނުރަސްމީ މަސައްކަތްތަކުގެ މައްޗަށެވެ. "މި ޤަތުލުއާންމުން މުޖުތަމައު އެތައް އަހަރެއް ފަހަތަށް ޖައްސާލައިފި" އިގުތިސާދީ ދާރިސެއް ކަމަށްވާ ރާމީ އަލް-ޒައިޣު ވިދާޅުވި އެވެ. އަދި، މީގެ ސަބަބުން ކުރީގެ މަސައްކަތްތައް އަލުން ދިރި، ލިބެން ހުރި އާދައިގެ ވަސީލަތްތައް ބޭނުންކޮށްގެން އާ ބާވަތްތަކުގެ މަސައްކަތްތައް އުފެދިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޣައްޒާގެ ގިނަ އާއިލާތައް މިހާރު ބަރޯސާވަނީ އިންސާނީ އެހީދޭ ޖަމާއަތްތަކުން ފޯރުކޮށްދޭ ފައިސާގެ އެހީއަށެވެ. ނަގުދު ފައިސާ ލިބުން އިންތިހާއަށް ދަތިވެފައިވާއިރު، މީހުން މިހާރު ބޭނުންކުރަމުން ދަނީ ޑިޖިޓަލް ޕޭމަންޓްތަކާއި އީ-ވޮލެޓްތައކެވެ.
ޣައްޒާގެ ކުޑަކުދިންގެ ތައުލީމަށް އޮތް ހުރަސްތައް
މި ޤަތުލުއާންމުގެ ސަބަބުން ޣައްޒާގެ ތައުލީމީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ގާތްގަނޑަކަށް ތިން އަހަރު ވަންދެން، ލައްކައަކަށްވުރެ ގިނަ ކުދިންނަށް ސްކޫލަށް ހާޒިރުވެގެން ކިޔެވުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ސްކޫލްތައް ހަލާކުވެ ނުވަތަ ބިމާ ހަމަވުމެވެ. ބާކީ ހުރި ގިނަ ސްކޫލްތައް މިހާރު ބޭނުންކުރަމުންވދަނީ ވަގުތީ ހިޔާތަކުގެ ގޮތުގަ އެވެ.

ގެދޮރު ގެއްލި ހާލުގައި ޖެހުމުގެ ސަބަބުން ތައުލީމަށް ދެ އަހަރުގެ މެދުކެނޑުމެއް އައުމަށްފަހު، އުމުރުން 11 އަހަރުގެ ޖިހާދު (ކަނާތްފަރާތުގައި) އަދި 10 އަހަރުގެ އިބްރާހީމް (ވައަތްފަރާތުގައި) އަލުން ސުކޫލަށް ދާން ފަށަނީ | އަލް ޖަޒީރާ
އދ. ގެ ކުޑަކުދިންނާ ބެހޭ ފަންޑުން (ޔުނިސެފް) ބުނީ، ޣައްޒާގެ %98 ސްކޫލަށް ގެއްލުންވެ ނުވަތަ އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށެވެ. 2026 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް، އުމުރުން 4 އަހަރާއި 17 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 700،000 ކުދިންނަށް، ޖެހިޖެހިގެން ތިން އަހަރު ވަންދެން ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
ކްލާސްރޫމްތަކަށް އެނބުރި ދިއުމުގެ ބަދަލުގައި، ގިނަ ކުދިން މިހާރު ކިޔަވަމުން ދަނީ ފޭލިގެތަކާއި ވަގުތީ ގޮތުން ހަދާފައިވާ ކިޔަވައިދޭ ތަންތަނުގަ އެވެ. ގާތްގަނޑަކަށް 200،000 ކުދިންނަށް ތައުލީމު ހާސިލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.
މި މެދުކެނޑުމުގެ ސަބަބުން ކުދިންގެ އުނގެނުމުގެ ފަރަގު ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. ފަލަސްތީނުގެ ތައުލީމާބެހޭ ވުޒާރާއިން ވަނީ، އަސާސީ ހުނަރުތައް ވަރަށް ބޮޑަށް ގެއްލި، ތައުލީމީ ފަރަގު ބޮޑުވަމުންދާ ކަމުގެ އިންޒާރު ދީފަ އެވެ. ތިން އަހަރު ވަންދެން ތައުލީމު މެދުކެނޑުމުގެ ސަބަބުން މުޅި ޖީލެއްގެ ދިގު މުއްދަތުގެ ތައުލީމީ ކުރިމަގަށް ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިވެފަ އެވެ.
ޞިއްޙީ ނިޒާމު ފުނޑުފުނޑުކޮށްލުން
ޣައްޒާގެ ސީއްހީ ނިޒާމު ވެސް ވަނީ އެއްކޮށް ހަލާކުވުމުގެ ތުންފަތްމައްޗަށް ގޮސްފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން (ޑަބްލިޔުއެޗްއޯ) ބުނީ، ޣައްޒާގެ 36 ހޮސްޕިޓަލަށް ގެއްލުންލިބިފައިވާއިރު، މިހާރު ޚިދުމަތްދެމުން ދަނީ އެންމެ 19 ހޮސްޕިޓަލުން ކަމަށެވެ. މީގެ ތެރެއިން އެއްވެސް ހޮސްޕިޓަލެއް އޭގެ ފުރިހަމަ ގާބިލުކަމުގައި މަސައްކަތެއް ނުކުރެ އެވެ.
މަދު ވަސީލަތްތަކާއެކު ހިންގަމުންދާ މަދު ހޮސްޕިޓަލްތަކަށް ވަނީ އަސާސީ ބޭހާއި، ސީއްހީ ސާމާނާއި، ބަލި ދެނެގަތުމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ތެޔޮ ލިބުމުގައި އިންތިހާއަށް ދަތިވެފަ އެވެ. މި ދަތިކަމުގެ ސަބަބުން ކެންސަރު ބަލީގެ ފަރުވާއާއި، ޑަޔަލިސިސް ހެދުމާއި، ދާއިމީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް ފަރުވާދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފަ އެވެ.
ޣައްޒާއިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު ވެސް އޮތީ ވަރަށް ހަނިކޮށެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ސިއްހީ ފަރުވާއަށް 12،400 ބަލިމީހުން ޣައްޒާއިން ބޭރަށް ގެންދެވިފައިވީ ނަމަވެސް، ޑަބްލިޔުއެޗްއޯއިން ބުނީ ޣައްޒާގެ އެތެރެއިން ލިބެން ނެތް ޚާއްސަ ފަރުވާ ބޭނުންވާ ދިހަހާހަށްވުރެ ގިނަ މީހުން އަދިވެސް އެބަތިބި ކަމަށެވެ. ސިއްހީ ނިޒާމު ފުނޑުފުނޑުވުމާއި ދިރިއުޅުމުގެ ހާލަތު ދަށަށް ދިއުމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާތެރި ހާލަތްތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ޣައްޒާގައި ދައިރް އަލް-ބަލަހުގައި ފޭލިގެތަކެއް ކައިރީގައި ހުރި ބޭހާއި ސިއްހީ ސާމާނު ރައްކާކޮށްފައިވާ ގުދަނަކަށް އިސްރާއީލުގެ ސިފައިން ބޮންއަޅާފައިވާ ސަރަހައްދު | ރޮއިޓަރސް
މީހުން ތޮއްޖެހުމާއި، އެކަށީގެންވާ ބޯހިޔާވަހިކަމާއި ފެން އަދި ނަރުދަމާގެ ނިޒާމު ނެތުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާ ބޮޑުވަމުންދާ ކަމަށް ވެސް ޑަބްލިއުއެޗްއޯއިން އިންޒާރު ދިނެވެ. މި ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން ސިއްހީ ނިޒާމުގައި ނެތް ކަމަށް ވެސް އެ ޖަމުއިއްޔާއިން ބުންޏެވެ. މި ގޮތުން، މެދުކެނޑުމެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، އަސާސީ ބޭހާއި ސާމާނު ފޯރުކޮށްދިނުމަށާއި، ސިއްހީ މަރުކަޒުތައް އަލުން އާރާސްތުކުރުމުގެ އިތުރުން ސިއްހީ ފަރުވާއަށް މީހުން ބޭރަށް ގެންދިއުމުގެ ކަންކަން ފުޅާކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
ޣައްޒާގެ ދެ މިލިޔަން މީހުން ކުޑަ ބިންކޮޅެއްގައި ތޮއްޖެއްސުން
ޤަތުލުއާންމުގެ ސަބަބުން ޣައްޒާގެ ޖިއޯގްރަފީއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލާއި ދަތުރުފަތުރުކުރުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އެ ސަރަހައްދު ވަނީ ބައިބައިވެފަ އެވެ. މިއާއެކު، ފަލަސްތީނުގެ ރައްޔިތުން ދުވަހެއް ދުވަހަކަށް ކުޑަވަމުންދާ ސަރަހައްދަކަށް ފިތެމުންދާއިރު، އެ މީހުންގެ ގެދޮރާއި، ދަނޑުބިންތަކާއި އަސާސީ ވަސީލަތްތަކާ ވަނީ ވަކިވެފަ އެވެ.
'ޔެލޯ ލައިން' ގެ ނަމުން ނަންދީފައިވާ ސަރަހައްދަކީ އިސްރާއީލު ސިފައިން ހަރަކާތްތެރިވާ އަދި އާންމުންނަށް ވަނުން މަނާކޮށްފައިވާ ޣައްޒާގެ އެތެރޭގެ އަސްކަރީ ސަރަހައްދެކެވެ. 2025 އޮކްޓޫބަރުގެ "ހަމަލާތައް ހުއްޓާލުމުގެ" އެއްބަސްވުމުގެ ދަށުން މި ރޮނގު ކަނޑައެޅި ފަހުން، އިސްރާއީލުން ވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ މާ އެތެރެއަށް އެ ރޮނގު ޖައްސާފަ އެވެ. މީގެ ސަބަބުން ގިނަ އާއިލާތަކަށް ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ.
ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓަރއިން ސެޕްޓެންބަރު މަހު ބުނީ، ޣައްޒާގެ ގާތްގަނޑަކަށް %70 ސަރަހައްދު އޮތީ އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދެ މިލިޔަނަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ތޮއްޖެހިފައިވަނީ ޣައްޒާގެ %30 އަށްވުރެ ކުޑަ ސަރަހައްދެއްގައި ކަމަށް އެ ޖަމިއްޔާއިން ހާމަކުރެ އެވެ.
މި ބަދަލުގެ އެންމެ ސާފު އެއް މިސާލަކީ ރަފަޙެވެ. މިޞްރާ ގުޅިފައިވާ ބޯޑަރު ކައިރީގައި ޣައްޒާގެ ދެކުނުގައި އޮންނަ މި ސަހަރަކީ، ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ އެކި ކަންކޮޅުތަކުން ގެދޮރު ގެއްލުނު އެއް މިލިޔަނަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންނަށް ހިމާޔަތް ހޯދައިދިން ތަނެކެވެ.
2024 މެއިގައި އިސްރާއީލުން ރަފަޙުގައި ހިންގި އަސްކަރީ އޮޕަރޭޝަންގެ ސަބަބުން 800،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ. އިން ހާމަކުރި އެވެ. މިއަދު ރަފަޙްގެ ހުޅަނގު ސަރަހައްދު ކަމަށްވާ މަވާސީ ފިޔަވައި އެހެން ހުރިހާ ސަރަހައްދެއް އޮތީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގަ އެވެ. މީގެ ސަބަބުން އެ ސަހަރުން ފައިބަން މަޖުބޫރުވި ފަލަސްތީނުގެ ރައްޔިތުންނަށް އެނބުރި ގެދޮރަށް ދިއުމުގެ މަގު ވަނީ ބަންދުވެފަ އެވެ.
އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތައް ފުޅާކުރުމަކީ ގަދަކަމުން މީހުން ހުސްކުރުން އިތުރުކުރުން ކަމަށް ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު ޔޫރޯ-މެޑްއިން އިންޒާރުދިނެވެ. އަދި, ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ގެދޮރާއި ބިންތަކަށް ވަނުމުގެ ހައްގު ނިގުޅައިގަނެ، އެނބުރި އާދެވޭނެ އެއްވެސް ޔަގީންކަން ނެތް ހާލަތަކަށް އެ މީހުން ވައްޓާލާފައިވާ ކަމަށް ވެސް އެ ޖަމުއިއްޔާއިން ބުނެ އެވެ.
ޣައްޒާގެ އިދާރީ ހިންގުމުގެ އޮނިގަނޑު
ޤަތުލުއާންމުގެ ކުރިން، 2007 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރަމުން އައީ ހަމާސްއިންނެވެ. އެ ޖަމާއަތުން އައީ ޣައްޒާގެ މަދަނީ އިދާރާތަކާއި ސަލާމަތީ ޚިދުމަތްތައް ހިންގަމުންނެވެ. ނަމަވެސް، ޤަތުލުއާންމުގެ ސަބަބުން އެ ނިޒާމު ވަނީ ޚަރާބުވެފަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޣައްޒާގެ މަދަނީ ހިންގުން ވަނީ އިންތިހާއަށް ދަށްވެފަ އެވެ.
ޣައްޒާ ހިންގުމުގެ ބާރުތައް، ހަނގުރާމައަށްފަހު އެކުލަވާލާފައިވާ ފަލަސްތީނުގެ ޓެކްނޮކްރެޓިކް އިދާރާއެއް ކަމަށްވާ ނޭޝަނަލް ކޮމިޓީ ފޯ ދި އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާއާ (އެންސީއޭޖީ) ހަވާލުކުރާނެ ކަމަށް ޖުލައި މަހު ހަމާސްއިން ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް، މި ބަދަލު ގެނައުމުގެ މަސައްކަތް އަދިވެސް ފެށިފައެއް ނުވެ އެވެ. އާންމު އަމަންއަމާންކަން ގާއިމުކުރުމާ ހަވާލުވެފައިވާ ނިޒާމުތައް ވެސް ޤަތުލުއާންމުގެ ސަބަބުން ވަނީ ބަލިކަށިވެފަ އެވެ.
އިސްރާއީލު ސިފައިން ވަނީ ފުލުހުންނަށާއި ސަލާމަތީ މަރުކަޒުތަކަށް ތަކުރާރުކޮށް ހަމަލާދީފަ އެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ރެކޯޑުކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ފުލުހުންނަށް އަމާޒުކޮށް ގާތްގަނޑަކަށް 12 ހަމަލާއެއް ދީފައިވެ އެވެ. މި ހަމަލާތަކުގައި 53 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 35 ފުލުހުން ހިމެނެ އެވެ. އާންމު އިދާރާތަކަށް އަމާޒުކޮށް ދޭ ހަމަލާތަކުގެ ސަބަބުން ހަމަނުޖެހުންތައް އިތުރުވެ، އާންމުންގެ ރައްކާތެރިކަން ގެއްލިފައިވާ ކަން ވެސް އދ. އިން ހާމަކުރެ އެވެ.
ޕަލަސްޓީނިއަން ސެންޓަރ ފޯ ހިއުމަން ރައިޓްސްއިން ވެސް ވަނީ މިކަމާ ގުޅިގެން އިންޒާރުދީފަ އެވެ. އެ މަރުކަޒުން ބުނީ، ފުލުހުންނާއި ސަލާމަތީ ބާރުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ރައްކާތެރިކޮށްދޭ މަދަނީ ނިޒާމު ބަލިކަށިވެފައިވާ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސަލާމަތީ ހުސްކަމެއް އުފެދި، މީހުން ރަހީނުކުރުމާއި، މުދަލަށް ހަމަލާދިނުމުގެ އިތުރުން އިންސާނީ އެހީ ފޭރުން ފަދަ ކަންކަން އިތުރުވެފައިވާ ކަމަށް އެ މަރުކަޒުން ހާމަކުރެ އެވެ. ޣައްޒާގެ ރައްޔިތުންނަށް، ތިން އަހަރުވީ މި ޤަތުލުއާންމުން ދޫކޮށްލާފައި ވަނީ ކުރިއަށް ދާނެ ސާފު މަގެއް ނެތް، ނުތަނަވަސް އަދި ޔަގީންކަން ނެތް މުސްތަގުބަލެކެވެ.
މަސްދަރު: އަލް ޖަޒީރާ











