ވައި ތަޣައްޔަރުވުމުގެ ސަބަބުން މެލޭޝިޔާގެ ޖޮހޯގެ މަދަރުސާތައް އިތުރު ފަސް ދުވަހަށް ބަންދުކޮށްފި
11 އޮކްޓޯބަރު 2026 | އާދީއްތަ 08:05މެލޭޝިޔާގެ ޖޮހޯ ސްޓޭޓްގެ ވައި ނުސާފުވުމާ ގުޅިގެން ދަރިވަރުންގެ ސަލާމަތަށް ޓަކައި އެ ސަރަހައްދުގެ 1,198 މަދަރުސާއެއް ބަންދުކޮށް، ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށްގެންދަން ވަނީ ނިންމާފައި. އިންޑޮނޭޝިޔާއިން ޖެހޭ ވަޔާއެކު ދުމުގެ އަސަރު ބޮޑުވެ، ވައިގެ ފެންވަރު ސިއްހަތަށް ނުރައްކާވާ މިންވަރަށް ދަށަށް ގޮސްފައިވާތީ، މި މުއްދަތުގައި ބާއްވަން ހުރި އިމްތިހާނުތައް ވެސް ވަނީ ފަސްކޮށްފައި


މެލޭޝިޔާގެ ޖޮހޯއަށް ދުމުގެ އަސަރުކުރުމުގެ ސަބަބުން ވަގުތީ ގޮތުން ބަންދުކޮށްފައިވާ މަދަރުސާއެއް ކައިރީގައި ސެކިޔުރިޓީ ގާޑެއް ހަރަކާތްތެރި ވަނީ | ސީއެންއޭ
ދުމުގެ އަސަރު ފެތުރި ވައި ތަޣައްޔަރުވުމާ ގުޅިގެން، މެލޭޝިޔާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޖޮހޯގެ ހުރިހާ މަދަރުސާތަކާއި ތައުލީމީ މުއައްސަސާތައް އޮކްޓޫބަރު 12 އިން ފެށިގެން 16 ގެ ނިޔަލަށް އިތުރު ފަސް ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ނިންމައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި، ޖޮހޯގެ އެޑިއުކޭޝަން އެންޑް އިންފޮމޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ނަޤީބް އެމްޑީ ޣަޒާލީ ވިދާޅުވީ މަދަރުސާތައް ބަންދުކޮށްފައި އޮތް މުއްދަތު އިތުރުކުރަން ނިންމީ ވައި ނުސާފުވަމުންދާ މިންވަރަށާއި، ދަރިވަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ސިއްހަތަށް ހުރި ނުރައްކާތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
ޖޮހޯގެ މަދަރުސާތައް އެންމެ ފުރަތަމަ ބަންދުކުރަން ފެށީ ބުރާސްފަތި ދުވަހު އެވެ. އަދި, އޭގެ ފަހުން ހުކުރު ދުވަހު ދުމުގެ އަސަރުކޮށްފައިވާ އެހެން ބައެއް ސްޓޭޓްތަކާއި ސަރަހައްދުތަކުގައި ވެސް ވަނީ މަދަރުސާތައް ބަންދުކޮށްފަ އެވެ. "މި ނިންމުން ނިންމާފައި ވަނީ ޖޮހޯގެ ރައްޔިތުންގެ ސަލާމަތާއި، ސިއްހަތާއި، ދުޅަހެޔޮކަމަށް އަބަދު ވެސް އިސްކަންދެއްވާ ޖޮހޯގެ ރީޖެންޓް، ތުންކޫ މަކޯތާ އިސްމާޢީލްގެ ގަރާރަށް އިހުތިރާމް ކުރުމުގެ ގޮތުން،" ނަޤީބް ވިދާޅުވި އެވެ.
މި ނިންމުން ނިންމުމުގައި މިހާރުގެ ހާލަތު ވަޒަންކުރުމަށްފަހު މުހިންމު ކަންތައްތަކަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ވެސް ނަޤީބް ވިދާޅުވި އެވެ. މި ގޮތުން، އޮކްޓޫބަރު 13 އާއި 15 އާ ދެމެދު އިންޑޮނޭޝިޔާގެ ކަލިމަންތަންއިން ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ މިސްރާބަށް ބަލާފައިވާނެ ކަމަށާއި، އޭގެ ސަބަބުން ސަރަހައްދީ އިމުން ބޭރަށް ވައި ނުސާފުވެ، ޖޮހޯގެ ވައިގެ ފެންވަރަށް އަސަރުކޮށްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
'ދި ސްޓާރ' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖޮހޯގެ މަދަރުސާތައް ބަންދުކުރުމުގެ ސަބަބުން 1،198 ސްކޫލަކަށާއި 617،258 ދަރިވަރުންނަށް އޭގެ އަސަރުކުރާނެ އެވެ. މީގެ ތެރޭގައި ތައުލީމާ ބެހޭ ވުޒާރާގެ ހިންގުމުގެ ދަށުގައިވާ މަދަރުސާތަކާއި ސްޓޭޓް ސަރުކާރުގެ ދީނީ މަދަރުސާތައް ހިމެނެ އެވެ.
މަދަރުސާތައް ބަންދުކޮށްފައިވާ މުއްދަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް، ޖޮހޯ އެޑިއުކޭޝަން ޑިޕާޓްމަންޓާއި ކަމާބެހޭ ތައުލީމީ އިދާރާތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަސްކުރެވި، އަލުން ތާވަލުކުރެވޭނެ ކަން ނަޤީބް ފާހަގަކުރެއްވި އެވެ. "ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެކަން ކަށަވަރުކުރުމަށް ޓަކައި، އެކަށީގެންވާ ހާލަތްތަކުގައި ގޭގައި ތިބެގެން ކިޔަވައިދިނުމާއި އުނގެނުމުގެ ކަންކަން ކުރިއަށްދާނެ،" އޭނާ ވިދާޅުވި އެވެ.
އާދީއްތަ ދުވަހު މެލޭޝިޔާ ގަޑިން ހެނދުނު 9:00 އާ ހަމައަށް، އެ ޤައުމުގެ 15 ސަރަހައްދެއްގެ ވައިގެ ފެންވަރު ހުރީ "ސިއްހަތަށް ގެއްލުންހުރި" މިންވަރުގަ އެވެ. މީގެ ތެރެއިން އަށް ސަރަހައްދެއް އޮތީ ޖޮހޯގަ އެވެ. މެލޭޝިޔާގެ އެއާ ޕޮލިއުޓަންޓް އިންޑެކްސްއިން (އޭޕީއައި) ވައިގެ ފެންވަރު ގިންތިކުރާ ގޮތުގައި 101 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ އެއީ "ސިއްހަތަށް ގެއްލުންހުރި" މިންވަރެކެވެ. 201 އާއި 300 އާ ދެމެދު ނަމަ "ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުންހުރި" މިންވަރެވެ. އަދި, 300 އިން މަތިވެއްޖެނަމަ އެއީ "ނުރައްކާތެރި" މިންވަރެއްގެ ގޮތުގައި ބަލާނެ އެވެ.
ޖޮހޯގެ ސްޓޭޓް ސަރުކާރުން ކަމާބެހޭ އިދާރާތަކާ ގުޅިގެން ވައިގެ ފެންވަރު މޮނިޓާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ނަޤީބް ވިދާޅުވި އެވެ. "ތައުލީމީ މުއައްސަސާތައް އަލުން ހުޅުވުމާ ގުޅޭގޮތުން އިތުރު ނިންމުމެއް އިއުލާންކުރާނީ ވައިގެ ފެންވަރަށް އަންނަ އެންމެ ފަހުގެ ބަދަލުތަކާއި ސިއްހަތާއި ސަލާމަތާ ގުޅޭގޮތުން ހަދާ އެސެސްމަންޓްތަކަށް ރިއާޔަތްކުރުމަށްފަހު، ރަސްމީ ޗެނަލްތައް މެދުވެރިކޮށް،" އޭނާ ތަފުސީލުކޮށްދެއްވި އެވެ.
މަސްދަރު: ސީއެންއޭ











