އިންޑޮނޭޝިއާގައި އަލިފާން ފަރުބަދައެއް ގޮވައި 170،000 ފަސިންޖަރުން އެއާޕޯޓުތަކުގައި ތާށިވެއްޖެ
7 ސެޕްޓެމްބަރު 2026 | ހޯމަ 05:49އިންޑޮނޭޝިއާގެ 'އަނަކް ކްރަކަތައު' އަލިފާން ފަރުބަދަ ގޮވައި ވައިގެ ތެރެއަށް އަޅި ފެތުރުމުގެ ސަބަބުން، ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށް އާންމުންނަށް އިލްތިމާސްކޮށް ބައެއް މަދަރުސާތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފައި. މި ހާދިސާއާ ގުޅިގެން 1،500 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައި ވާއިރު، މިއީ ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުން އާންމު 'ރިންގް އޮފް ފަޔަރ' ސަރަހައްދުގައި ހިނގި ނުރައްކާތެރިކަމެއް

އިންޑޮނޭޝިއާގެ އަނަކް ކްރަކަތައު އަލިފާން ފަރުބަދަ މި ސެޕްޓެމްބަރު މަހުގެ 6 ވާ އާދީއްތަ ދުވަހު ގޮވައި، ވައިގެ ތެރެއަށް ގާތްގަނޑަކަށް 50،000 ފޫޓު އުސްމިނަށް އަޅިތައް ބުރައިގެންދިޔަ | އެކްސް
އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން، އެ ގައުމުގެ އަށް އެއާޕޯޓެއްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ކަމާބެހޭ އިދާރާތަކުން ނިންމުމާ ގުޅިގެން 170،000 އެއްހާ ފަސިންޖަރުން އެއާޕޯޓުތަކުގައި ތާށިވެއްޖެ އެވެ. މި ގޮތުން، 'އަނަކް ކްރަކަތައު' އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން އެ ފަރުބަދައިން ފެތުރެމުންދާ އަޅި ވެރިރަށް ޖަކާޓާގެ ސޮއެކާނޯ-ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގެ ވައިގެ ސަރަހައްދަށް ފެތުރެން ފެށުމާއެކު، އާދިއްތަ ދުވަހުގެ ހެނދުނު އެ އެއާޕޯޓު ވަނީ ބަންދުކޮށްފަ އެވެ.
އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ، އެއާޕޯޓްތައް ބަންދުކުރުމާ ގުޅިގެން 1،558 އުދުހުން ފަސްކުރަން ޖެހުނު ކަމަށެވެ. އަދި، އެއާޕޯޓްތައް އަލުން ހުޅުވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު ކަމަށެވެ. އެ ވުޒާރާއިން ބުނީ، އެއާޕޯޓްތަކުގެ މަސައްކަތް މެދުކަނޑާލުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ސިންގަޕޫރާއި އިންޑޮނޭޝިއާއާ ދެމެދު ކުރާ ދަތުރުތަކަށް ކަމަށް ވާއިރު، ދޯހާ، ސިޑްނީ އަދި ކުއަލަ ލަމްޕޫރު ފަދަ ބައިނަލްއަގުވާމީ މަންޒިލްތަކުގެ ދަތުރުތަކަށް ވެސް ބުރޫއަރާފައިވާ ކަމަށެވެ.
މި އަލިފާން ފަރުބަދަ ގޮވަން ފަށާފައި ވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މީގެ ސަބަބުން މެދުނުކެނޑި ބިންހެލުންތައް އައުމާއި، ދިޔާ އަލިފާން ފޭބުމުގެ އިތުރުން، ކައިރި ސަރަހައްދުތަކަށް ބާރުގަދަ އަޑުތައް އިވެމުންދާ ކަމަށާއި އާދީއްތަ ދުވަހުގެ ހެނދުނު ވެސް އިތުރު ދެ ފަހަރަކު ފަރުބަދަ ގޮވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަލިފާން ފަރުބަދައިން ފައިބަމުންދާ އަޅިތައް ހުޅަނގު ޖާވާ ސަރަހައްދަށް ފެތުރެމުންދާ ކަން ޓެސްޓްތަކުން ކަށަވަރުވުމާ ގުޅިގެން، އިތުރު އެއާޕޯޓްތަކެއް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު ދުދީ ޕުރުވަގަންދީ ވިދާޅުވި އެވެ. އަދި، ކެންސަލްވި ފްލައިޓްތަކުގެ ފަސިންޖަރުންނަށް ޓިކެޓް ރިފަންޑް ދިނުމުގެ ކަންކަން އަވަސްކުރުމަށާއި، އެއާޕޯޓްތަކުގައި މީހުން ތޮއްޖެހުން ކުޑަކުރުމަށް ޓަކައި ކުރިއަށް ހުރި ފްލައިޓްތަކުގެ މައުލޫމާތު ވަގުތުން ފަސިންޖަރުންނަށް ފޯރުކޮށްދިނުމަށް ވަޒީރު ވަނީ އެއާލައިންތަކަށް އިލްތިމާސް ކުރައްވާފަ އެވެ.
އިންޑޮނޭޝިއާގެ އަނަކް ކްރަކަތައު އަލިފާން ފަރުބަދަ މި ސެޕްޓެމްބަރު މަހުގެ 6 ވާ އާދީއްތަ ދުވަހު ގޮވައި، ވައިގެ ތެރެއަށް ގާތްގަނޑަކަށް 50،000 ފޫޓު އުސްމިނަށް އަޅިތައް ބުރައިގެންދިޔަ | އެކްސް
އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާއިން (ބީއެމްކޭޖީ) ބުނީ، އަލިފާން ފަރުބަދައިގެ އިރުމަތިން ޖާވާ ސަރަހައްދުގެ 20،000 ފޫޓު އުސްމިނަށް އަދި ހުޅަނގުން ސުމާތުރާ ސަރަހައްދުގެ 50،000 ފޫޓު އުސްމިނަށް އަޅިތައް ފެތުރެމުންދާ ކަމަށެވެ. ނަމަވެސް، ސުނާމީއެއްގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަލިފާން ފަރުބަދައިން ފެތުރެމުންދާ އަޅީގެ ސަބަބުން ނޭވާލާ ނިޒާމަށާއި، ލޮލަށާއި ހަމަށް ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށް ޓަކައި، ގޭތެރޭގައި މަޑުކުރުމަށާއި މާސްކް އެޅުމަށް ސިއްހީ ވުޒާރާއިން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް އަންގާފަ އެވެ. އިންޑޮނޭޝިއާގެ ނޫހެއް ކަމަށްވާ 'ކޮމްޕާސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަޅީގެ ސަބަބުން ލޮލަށް އުނދަގޫވާ ކަމަށް ދަރިވަރުންނާއި އާންމުން ބުނުމާ ގުޅިގެން ހޮނިހިރު ދުވަހު ބައެއް މަދަރުސާތަކުގެ ހަރަކާތްތައް ވަނީ މެދުކަނޑާލައިފަ އެވެ.
އަދި، ލޮލަށް ތަދުވާތީ ބައެއް މަސްވެރިން މަހަށް ދިއުން މެދުކަނޑާލާފައިވާ ކަމަށް ވެސް އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނީ، ހުކުރު ދުވަހުގެ އިރުއޮއްސުނީއްސުރެ ލޮލަށް ވެލި ފަދަ އެތިކޮޅުތަކެއް އެޅިގެން އުޅޭ ކަހަލަ އިހުސާސެއް ކުރެވޭތީ ލޮލަށް އަޅާ ބޭސް ބޭނުންކުރަން ޖެހިފައިވާ ކަމަށާއި، ވައިގެ ތެރޭގައި އަޅި ބޯކަމުން ކޮންމެ ފަސް މިނިޓަކުން އެއްފަހަރު ގޭގެ ގޯތިތެރެ ކުނިކަހަން ޖެހޭ ކަމަށެވެ.
'އަނަކް ކްރަކަތައު' ނުވަތަ "ޗައިލްޑް އޮފް ކްރަކަތައު" އަލިފާން ފަރުބަދައަކީ 1883 ވަނަ އަހަރު ކްރަކަތައު އަލިފާން ފަރުބަދަ ގޮވުމަށްފަހު އުފެދުނު އެހެން ފަރުބަދައަކަށް ވާއިރު، މި ފަރުބަދަ ކަނޑުގެ އަޑިން މައްޗަށް ފާޅުވެފައި ވަނީ މިދިޔަ ގަރުނުގެ ކުރީކޮޅުގަ އެވެ. މި އަލިފާން ފަރުބަދަ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގޮވައި، އޭގެ ބައެއް ފުނޑުފުނޑުވެގެން ކަނޑަށް ފޭބުމުގެ ސަބަބުން ބާރުގަދަ ސުނާމީއެއް އުފެދި، 400 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ޒަޚަމްވެ ގެދޮރު ވަނީ ގެއްލިފަ އެވެ. އެ ހާދިސާގައި ފަރުބަދަ ގޮވައިގެން ކަނޑަށް ފޭބި ބައެއް ހިލަތަކުގެ އުސްމިނުގައި 70 އާއި 90 މީޓަރު ހުރި ކަމަށް ސައިންސްވެރިން ބުނެ އެވެ.
އިންޑޮނޭޝިއާއަކީ ޕެސިފިކް 'ރިންގް އޮފް ފަޔަރ' ސަރަހައްދުގައި އޮންނަ ގައުމެވެ. މިއީ، ޕެސިފިކް ކަނޑުގެ ވަށައިގެންވާ އަލިފާން ފަރުބަދަތަކާއި ބިންހެލުން އާންމު ސަރަހައްދަކަށްވާއިރު، މި ސަރަހައްދު ދެކުނު އެމެރިކާގެ ދެކުނު ބިތުން ފެށިގެން ނިއު ޒިލެންޑާ ހަމައަށް 40،000 ކިލޯމީޓަރު އަށް ފެތުރިފަވެ އެވެ. ދުނިޔޭގައި އަންނަ ބިންހެލުންތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ މި ސަރަހައްދަށް އަންނައިރު، ދުނިޔޭގައި ހުރި ހަރަކާތްތެރި އަލިފާން ފަރުބަދަތަކުގެ 75 އިންސައްތަ ނުވަތަ ޖުމްލަ 452 އަލިފާން ފަރުބަދަ ހުރީ ވެސް މި ސަރަހައްދުގަ އެވެ.
މަސްދަރު: ބީބީސީ










