އިންޑޮނޭޝިއާގެ ފެރީއެއް ގެއްލުނު ހާދިސާގައި 102 މީހުން ސަލާމަތްކޮށްފި، އެކަކު މަރު
13 ސެޕްޓެމްބަރު 2026 | އާދީއްތަ 06:46ސުރަބާޔާ އިން ބަންޖަރުމާސިންއަށް 243 މީހުންނާއެކު ދަތުރުކުރި "ވާގޯ ޓްރާންސްޕޯޓް 8" ފެރީއާ ގުޅުން ކެނޑުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނޭ. މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ހެލިކޮޕްޓަރާއި ކަނޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު، އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުތަކުގެ އެހީތެރިކަމަށްވެސް ވަނީ އެދިފައި

އިންޑޮނީޝިއާގައި 243 މީހުންނާއެކު ދަތުރުކުރަމުންދިޔަ "ވާގޯ ޓްރާންސްޕޯޓް 8" ނަމަކަށް ކިޔާ އުޅަނދުގެ ޚަބަރެއް ނުވެގެން، އެ އުޅަނދު ހޯދުމަށްޓަކައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފަށައިފި | ގެޓީ އިމޭޖަސް
އިންޑޮނޭޝިއާގެ ޖާވާ ކަނޑުން ގެއްލުނު ފެރީއަކުން 102 މީހުން ސަލާމަތްކޮށް، އެކަކު މަރުވެފައިވާކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފި އެވެ.
އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީން ބުނީ، ޖުމްލަ 243 މީހުންނާއެކު ދަތުރުކުރި "ވާގޯ ޓްރާންސްޕޯޓް 8" ނަމަކަށް ކިޔާ މި އުޅަނދާ ގުޅުން ކެނޑުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެ އުޅަނދު ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.
މި ހާދިސާގައި ގެއްލުނު އިތުރު މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ.
ސުރަބާޔާ އިން ފުރައިގެން ދެކުނު ކަލިމަންޓަންގެ ބަންޖަރުމާސިން ސިޓީއަށް ދަތުރުކުރި މި ފެރީއާ އެންމެ ފަހުން ގުޅިފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު، އެ ގައުމުގެ ގަޑިން 02:00 ހާއިރު އެވެ. އެ ވަގުތު ފެރީ އޮތީ ބަންޖަރުމާސިންގެ ދެކުނުން ގާތްގަނޑަކަށް 150 ކިލޯމީޓަރު ބޭރުގަ އެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ސާޗް އެންޑް ރެސްކިއު އުޅަނދުތަކާއި ހެލިކޮޕްޓަރެއް ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން، ޖާވާ ކަނޑުގެ އެ ސަރަހައްދުން ދަތުރުކުރާ އެހެން ހުރިހާ އުޅަނދުތަކަކުންވެސް ގެއްލުނު މީހުންނާ ބެހޭ އެއްވެސް ނިޝާނެއް ފެނޭތޯ ބަލައި، އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ އެކަން ރިޕޯޓްކުރުމަށް ވަނީ އަންގާފަ އެވެ.
މި ހާދިސާ ހިނގާފައި މިވަނީ، މިދިޔަ މަހު އިންޑޮނޭޝިއާގެ މަދޫރާ ރަށުގެ ކައިރިން ދަތުރުކުރި އެހެން ފެރީއެއްގައި އަލިފާން ރޯވެ، ފަސް މީހުން މަރުވެފައިވަނިކޮށެވެ.
17،000 އަށްވުރެ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވޭ އިންޑޮނޭޝިއާގައި އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަށް އާންމުކޮށް ބޭނުންކުރަނީ ފެރީ އެވެ.
މަސްދަރު: ބީބީސީ











