500 ހެކްޓަރު ވިއްކާލުމަށް ފަހު ވެސް ރައީސް ވިދާޅުވަނީ މި ބިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށް، 500 ހެކްޓަރަކީ ކިތައް އިންޗިތޯ؟: ޒިޔާދު
8 އޮކްޓޯބަރު 2026 | ބުރާސްފަތި 10:05ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަށް ނިންމުމާ ގުޅިގެން، ސަރުކާރުގެ ދެފުށް ނުފެންނަ ސިޔާސަތުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. މި އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާއިރު، މިއީ ރާއްޖޭގެ ގާނޫނީ އޮނިގަނޑާ ޚިލާފު ކަމެއް ކަމަށް އެ މައްސަލައިގައި ބަޔާންކޮށްފައިވޭ


ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު | ރާއްޖެއެމްވީ
ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ނިންމުމަށްފަހު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ ދިވެހީންގެ ބިމުން އެންމެ އިންޗިއެއް ވެސް ދޫނުކުރާނެ ކަމަށާއި އެހެން ކަމުން 500 ހެކްޓަރުގައި ވަނީ ކިތައް އިންޗިކަން މި ސަރުކާރަށް ބުނެދޭން އެބަޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި ރާއްޖެޓީވީން ގެނެސްދޭ ހާއްސަ ކަވަރެޖްގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ ދިވެހީންގެ ބިމުން 500 ހެކްޓަރު ދޫކޮށްލުމަށްފަހު ވެސް އެންމެ އިންޗިއެއް ވެސް މި ބިމުން ނުދޭނެކަމަށް ބުނާ ބުނުން ހަމަނުޖެހޭ ކަމަށެވެ.
އަޅުގަނޑު މެން ބުނީމޭ މިތަނުން ބިމެއް ވިއްކާލަންށޭ އެއުޅެނީ. އޭރު ރައީސް ވިދާޅުވަމުން ދިޔައީ ނޫނެކޭ ބިމެއް ނުވެސް ވިއްކާނަމޭ، ކުއްޔަކަށް ވެސް ނުދޭނަމޭ އިންޗިއެއް ވެސް ދޫނުކޮށްލާނަމޭ. އަޅުގަނޑަކަށް ނޭނގެ 500 ހެކްޓަރުގައި އިންނަނީ ކިތަށް އިންޗި ކަމެއް. 500 ހެކްޓަރު ދޫކޮށްލާފައި މި ބުނަނީ މި މީހުން ތަރައްގީ ކުރެއޭ. ދެން މި ބަލަންޖެހޭ އެއްޗަކީ ބަޖެޓުން އެ ދުވަހު 200 މިލިއަން ނުދިނީމަ ކަމަށް, އެއަށް މަތިކޮށް މި ވިއްކާލަނީހުސެއިން ޒިޔާދު
މިކަމާ ގުޅިގެން މެންބަރު ޒިޔާދުގެ އިތުރުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދިވެހި ތާރީޚުގައި މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑު އެއް ބޭރުގެ އިންވެސްޓްމަންޓް ކަމަށްވާ 20 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި، އަބޫދާބީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިކަމުގައި ސަރުކާރުން ގެންގުޅެނީ ދެފުށް ނުފެންނަ ސިޔާސަތުތަކެއް ކަމަށް ބުނެ އެތައް ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މިހާރު ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވަނީ، ގާނޫނުއަސާސީގެ 250 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މުދަލެއް ކުއްޔަށް ދިނުން ނުވަތަ ދޫކޮށްލުން ކުރިއަށް ގެންދަންވާނީ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަމަށާއި، ބޭރުގެ ފަރާތަކަށް 99 އަހަރަށް ދައުލަތުގެ ބިން ދޫކުރުމަށް ހުއްދަދޭ އެއްވެސް ގާނޫނެއް މިހާރު ރާއްޖޭގައި ނެތް ކަމަށެވެ.











