ސޫރިޔާގައި ނިއުކްލިއާ ރިއެކްޓަރެއް ބިނާކުރި ކަން އައިއޭއީއޭއިން ހާމަކޮށްފި
2 ސެޕްޓެމްބަރު 2026 | ބުދަ 07:48ސޫރިޔާގެ ކުރީގެ ސަރުކާރުން ސިއްރިއްޔާތުގައި ނިއުކްލިއާ ރިއެކްޓަރެއް ބިނާކޮށް، 73 ޓަނުގެ ޔުރޭނިއަމް ރައްކާކޮށްފައިވާކަން އައިއޭއީއޭގެ ތަހުގީގުން މިހާރު ވަނީ ކަށަވަރުވެފައި. އެ ގައުމުގެ އާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ހޯދުންތަކުގައި ފެނުނު ނިއުކްލިއާ މާއްދާތައް މިހާރު ހުރީ ބައިނަލްއަގުވާމީ އިދާރާގެ ބެލުމުގެ ދަށުގައި. އާ ސަރުކާރުން ވަނީ މަދަނީ ބޭނުންތަކަށް ނިއުކްލިއާ ހަކަތަ އުފެއްދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި.


ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ ރިޔާސީ ގަނޑުވަރު، ތިޝްރީން ޕެލަސްގައި އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ގައުމުގެ ފޮރިން މިނިސްޓަރު އަސަދު އަލް-ޝައިބާނީ ވާހަކަދައްކަވަނީ. މި ނޫސްވެރިންގެ ބައްދަލުވުމަކީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް ގްރޮސީއާއެކު ބޭއްވި ގުޅިފައިވާ ބައްދަލުވުމެކެވެ. | އީޕީއޭ
ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގައި، އެ ގައުމުގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ދައިރުއްޒޫރުގައި ނިއުކްލިއާ ރިއެކްޓަރެއް ބިނާކުރުމަށް މަސައްކަތްކޮށްފައިވާ ކަން އދ ގެ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާއިން ކަށަވަރުކޮށްދީފި އެވެ. ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އެޖެންސީން (އައިއޭއީއޭ) އަންގާރަ ދުވަހު ނެރުނު ސިއްރު ރިޕޯޓެއްގައި ބުނެފައިވަނީ، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެ އެޖެންސީން ސޫރިޔާގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތްކޮށް، ތަހުގީގީ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ދައިރުއްޒޫރުގައި ހުރި ސައިޓުން ފެނުނު ކަންކަމަށް ރިއާޔަތްކޮށް އެ އެޖެންސީން ބުނީ، އެ ސަރަހައްދުން ފެނިފައިވާ ފެން ފިނިކުރާ ނިޒާމުގެ އޮނިގަނޑަކީ ނިއުކްލިއާ ރިއެކްޓަރެއްގައި ހުންނަ ފަދަ އޮނިގަނޑެއްކަން ކަށަވަރުވާ ކަމަށެވެ. އަދި، އެ ސަރަހައްދު ކޮނުމުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް، އެ ތަނުގައި ހާލަތު ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އަސަދުގެ ސަރުކާރުން އުތުރު ކޮރެއާގެ އެހީތެރިކަމާއެކު ދައިރުއްޒޫރުގައި ނިއުކްލިއާ ރިއެކްޓަރެއް ބިނާކުރުމުގެ އިތުރުން، ސިއްރިޔާތުގައި ނިއުކްލިއާ ޕްރޮގްރާމެއް ހިންގާފައިވާ ކަމަށް ކުރިން ވެސް ބެލެވިފައިވެ އެވެ. މި ތަނުގެ މައުލޫމާތު އާންމުންނަށް އެނގިގެންދިޔައީ 2007 ވަނަ އަހަރު އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި އެ އިމާރާތް ސުންނާފަތިކޮށްލުމާ ގުޅިގެންނެވެ. އޭގެ ފަހުން ސޫރިޔާގެ އޭރުގެ ސަރުކާރުން ވަނީ އެ ސަރަހައްދު ސުންނާފަތި ކޮށްލާފަ އެވެ. އަދި، އެ ކަމާ ގުޅޭގޮތުން އައިއޭއީއޭއިން ކުރި ސުވާލުތަކަށް ސޫރިޔާއިން ފުރިހަމަ ޖަވާބެއް ދީފައެއް ނުވެ އެވެ.
އިސްރާއީލަކީ މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރު ހުރި ހަމައެކަނި ގައުމު ކަމަށް ބެލެވޭއިރު، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސިއްރިޔާތުގައި، އެއްވެސް ހާމަކަމެއް ނެތި ހިންގާ ޕްރޮގްރާމެކެވެ. އެ ގައުމުގައި ނިއުކްލިއާ ހަތިޔާރު ހުރިކަމަށް އިސްރާއީލުން އެއްބަސްވެފައެއް ވެސް އިންކާރު ކޮށްފައެއް ވެސް ނުވެ އެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު އަސަދުގެ ސަރުކާރު ވެއްޓުމާ ގުޅިގެން، ސޫރިޔާގެ އާ ސަރުކާރުން ވަނީ ކުރިން ނިއުކްލިއާ މަސައްކަތްތައް ކުރި ކަމަށް ޝައްކުކުރެވޭ ސައިޓްތަކަށް ވަނުމުގެ ހުއްދަ އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ދީފަ އެވެ. އެ އިދާރާއިން 2024 ވަނަ އަހަރު އެ ސަރަހައްދުން ސާމްޕަލް ނަގާފައިވާއިރު، މިދިޔަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސާމްޕަލްތަކުން ޔުރޭނިއަމްގެ މާއްދާތައް ވަނީ ފެނިފަ އެވެ.
އަންގާރަ ދުވަހުގެ ރިޕޯޓުގައި އައިއޭއީއޭއިން ބުނެފައި ވަނީ، ސޫރިޔާގެ ކުރީގެ ކަމާބެހޭ ފަރާތްތަކުން ނިއުކްލިއާ މާއްދާތަކާއި، ވަސީލަތްތަކާއި އަދި ހަރަކާތްތަކުގެ މައުލޫމާތު ރިޕޯޓްކޮށްފައި ނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. ދައިރުއްޒޫރުގައި ބިނާކުރަމުންދިޔަ ނިއުކްލިއާ ރިއެކްޓަރުގެ އިތުރުން، އެ ރިއެކްޓަރަށް ބޭނުންވާ ތެޔޮ އުފައްދާ ކާރުޚާނާއަކާއި، ނިއުކްލިއާ ތެލާއި ޔުރޭނިއަމްގެ ބާކީބައިތައް ރައްކާކޮށްފައި ހުރި ތަނެއްގެ މައުލޫމާތު ވެސް އައިއޭއީއޭއިން ވަނީ ހާމަކޮށްފަ އެވެ.
ސޫރިޔާއަށް ކުރެއްވި ޒިޔާރަތުގައި އައިއޭއީއޭގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީއާއި އިސް އިންސްޕެކްޓަރުންގެ ޓީމަކުން ވަނީ މީގެ ކުރިން ހާމަކޮށްފައިނުވާ ސައިޓަކަށް ވެސް ޒިޔާރަތްކޮށްފަ އެވެ. ސޫރިޔާގެ އާ ސަރުކާރުން ޖުލައި 17 ގައި ފޮނުވި ސިޓީއެއްގައި އެ ތަނުގެ މައުލޫމާތު އެ އިދާރާއަށް ދީފައިވާއިރު، އެ ސަރަހައްދު ބަލައި ފާސްކުރުމުގައާއި އެ ތަނުން ފެނިދާނެ ނިއުކްލިއާ މާއްދާތައް ކަށަވަރުކުރުމުގައި އެހީތެރިވުމަށް ސޫރިޔާގެ ސަރުކާރުން ވަނީ އައިއޭއީއޭއަށް ދައުވަތު ދީފައެވެ.
އައިއޭއީއޭގެ ރިޕޯޓުގައިވާ ގޮތުން، އަލަށް ފެނުނު މި ސައިޓުގައި "ފިއުލް ރޮޑް" ގެ ގޮތުގައި ރައްކާކޮށްފައި ހުރި ގުދުރަތީ ޔުރޭނިއަމް މެޓަލް ފެނިފައިވެ އެވެ. އެ އިދާރާއިން އެ ތަކެތި ތަހުގީގުކޮށް، ގާތްގަނޑަކަށް 73 ޓަނުގެ ގުދުރަތީ ޔުރޭނިއަމް މެޓަލް ހުރިކަން ވަނީ ކަށަވަރުކޮށްފަ އެވެ. އަދި، މި ހުރިހާ ނިއުކްލިއާ މާއްދާތަކެއް މިހާރު ހުރީ އެ އިދާރާގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ސޫރިޔާގެ އާ ސަރުކާރުން ވަނީ މަދަނީ ބޭނުންތަކަށް ނިއުކްލިއާ ހަކަތައިގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި، ގައުމުން ފެންނަ ކޮންމެ ނިއުކްލިއާ މާއްދާއެއް ވެސް ބައިނަލްއަގުވާމީ ރައްކާތެރިކަމުގެ މިންގަނޑުތަކުގެ ދަށުން ސޫރިޔާގެ ބެލުމުގެ ދަށުގައި ބަހައްޓާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
މަސްދަރު: އަލް ޖަޒީރާ










