ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި
11 އޯގަސްޓު 2026 | އަންގާރަ 08:40މި މައްސަލައިގައި ބައްޝާރުލް އަސަދާއި އާތިފް ނަޖީބުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ، ސީރިއާގައި ދިގުލައިގެން ދިޔަ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ރައްޔިތުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތަކާ ގުޅިގެން


ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު | ރޮއިޓާސް
ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އެ ޤައުމުގެ ދެކުނުގެ ދަރުޢާ ޕްރޮވިންސްގެ ސިޔާސީ ސަލާމަތާ ބެހޭ ކުރީގެ ވެރިޔާ އާތިފް ނަޖީބަށް މަރުގެ އަދަބު ދިނުމަށް އެ ޤައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
މިއީ ސީރިއާގެ ތާރީޚުގައި ވެސް ނެރުނު މިފަދަ އެންމެ ފާހަގަކޮށްލެވޭ އެއް ހުކުމެވެ.
މި މައްސަލައިގައި ބައްޝާރުލް އަސަދާއި އާތިފް ނަޖީބުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ، ސީރިއާގައި ދިގުލައިގެން ދިޔަ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ރައްޔިތުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތަކާ ގުޅިގެންނެވެ.
ޚާއްސަކޮށް ދަރުޢާ ޕްރޮވިންސްގައި އާތިފް ނަޖީބުގެ ބެލުމުގެ ދަށުން ހިންގި ސަލާމަތީ ޚިދުމަތްތަކުން އާންމުންނަށް ދިން އަނިޔާތަކަކީ މި ހުކުމް އިއްވުމުގައި މުހިންމު ދައުރެއް އަދާކުރި ކަންކަމެވެ.
ސީރިއާފެ ކޯޓުން މި ހުކުމް އިއްވާފައިވަނީ ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓި، އޭނާ ޤައުމުން ފިލައިގެން ގޮސްފައިވާ ދަނޑިވަޅެއްގައި އެވެ. އަސަދުގެ ވެރިކަމުގައި ސީރިއާގެ އެތައް ހާސް ރައްޔިތުންނެއް މަރާލައި، ގައުމުގެ ބޮޑު ބައެއް ސުންނާފަތި ކޮށްލާފައިވާ ކަމަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މީގެ ކުރިން ވެސް ވަނީ ތުހުމަތުކޮށްފައި އެވެ.
މި ހުކުމާ ގުޅިގެން ސީރިއާގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އުފާ ފާޅު ކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އަސަދުގެ އަނިޔާވެރި ވެރިކަމުގައި ގެއްލުން ލިބުނު އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، މި ދެ ބޭފުޅުން މިވަގުތު ތިއްބެވީ ކޯޓުގެ ބާރު ނުފޯރާ ފަދަ ތަންތަނުގައި ކަމަށް ވާތީ، މި ހުކުމް ތަންފީޒު ކުރެވޭނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައި އެވެ.
އާތިފް ނަޖީބު އަކީ ބައްޝާރުލް އަސަދުގެ ތިމާގެ ބޭފުޅަކަށް ވާއިރު، 2011 ވަނަ އަހަރު ސީރިއާގައި ފެށުނު އިހުތިޖާޖުތައް ހުއްޓުވުމަށް އޭނާ އިސްކޮށް ހުންނަވާ ހިންގެވި ހަރުކަށި އަމަލުތަކަކީ މުޅި ގައުމުގައި ދާޚިލީ ހަނގުރާމަ ފެށުމަށް މެދުވެރިވި އެއް ސަބަބު ކަމަށް މުހައްލިލުން ފާހަގަކުރެ އެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ސީރިއާ މިހާރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.









