އިޓަލީގެ ފީނުންތެރިން މަރުވީ ފުޅީގެ ވައި ހުސްވެގެން ކަން ކަށަވަރުވެއްޖެ
8 އޮކްޓޯބަރު 2026 | ބުރާސްފަތި 16:48ވ. އަތޮޅުގެ ފުން ހޮހަޅައެއްގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ފީނުންތެރިންގެ ހަށިގަނޑުން އެއްވެސް ވިހަ މާއްދާއެއް ނުވަތަ އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތްކަން ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ ކަށަވަރުވެފައި. މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށް އެ މީހުން ބޭނުންކުރި އިލެކްޓްރޯނިކް ސާމާނުތައް ތަހުލީލުކުރަމުންދާއިރު، ބެލެވޭ ގޮތުގައި އެ މީހުން މަރުވީ ހޮހަޅައިގެ ތެރޭގައި މަގުއޮޅި، ފުޅީގެ ވައި ހުސްވެގެން

މަތިން ވާތްފަރާތުން ފެށިގެން ގަޑީގެ ކަށި ހިނގާ މަގަށް: މޮނިކާ މޮންޓެފަލްކޯން، ޖޯޖިއާ ސޮމަކަލް، މުރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެއްޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީ އަކީ މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖޭގެ ފަރުގެ ހޮހަޅައެއްގެ ތެރޭގައި މަރުވި ފަސް މީހުން | ސޯޝަލް މީޑިއާ
މި އަހަރުގެ ކުރީކޮޅު ވ. އަތޮޅުގެ ފުން ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ފީނުންތެރިންގެ ޕޯސްޓްމޯޓަމް ރިޕޯޓުން، އެ މީހުން މަރުވީ ފުޅީގެ ވައި ހުސްވެގެންކަން ކަށަވަރުވެއްޖެ އެވެ.
މޭ މަހުގެ 14 ވަނަ ދުވަހު ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލިފައިވަނީ ޖެނޯއާ ޔުނިވާސިޓީގެ އިކޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް އާއި، ރިސާޗަރެއް ކަމަށްވާ މުރިއަލް އޮޑެނީނޯގެ އިތުރުން ފެޑެރިކޯ ގުއަލްޓިއޭރީ އެވެ.
އެ މީހުންގެ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރި އިޓަލީގެ ޑައިވް އިންސްޓްރަކްޓަރު އަދި ބޯޓު އޮޕަރޭޝަންސް މެނޭޖަރު ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު ފެނިފައިވަނީ އެ ދުވަހު، ހޮހަޅައިގެ ފުރަތަމަ ބައިގެ ތެރެއިން ގާތްގަނޑަކަށް 55 މީޓަރު އަޑިންނެވެ.
ބާކީ ތިބި ހަތަރު ފީނުންތެރިންގެ ހަށިގަނޑު ފެނިފައިވަނީ މޭ މަހުގެ 18 ވަނަ ދުވަހު ފިންލޭންޑުގެ ޓެކްނިކަލް ޑައިވަރުންގެ ޓީމަކަށެވެ. އެ މީހުން ފެނުނީ ހޮހަޅައިގެ 60 މީޓަރު އަޑީގައި އޮންނަ ދެވަނަ ބައިން ނުކުމެވޭ ގޮތަށް އޮތް ހަނި ބޯޅައެއްގެ ތެރެއިން، އެއްކޮޅު ބަންދުވެފައިވާ ހަނި މަގަކުންނެވެ.
ގެއްލުނު ފީނުންތެރިން ހޯދުމުގެ މަސައްކަތުގެ ތެރޭގައި، އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ޑައިވް ޓީމުގައި ހިމެނޭ ދިވެހި ސަލާމަތީ ފީނުންތެރިއެއް ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފަ އެވެ.
އިޓަލީގެ ފަސް ފީނުންތެރިން މަރުވި ރަސްމީ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ "އެނޮކްސިއާ" ނުވަތަ ހަށިގަނޑަށް އޮކްސިޖަން ނުލިބުމެވެ. ނަމަވެސް، އެ މީހުން އެހާ ފުން ހޮހަޅައެއްގެ ތެރެއަށް ވަނީ ކީއްވެގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
އޮކްޓޫބަރު މަހުގެ 2 ވީ ހުކުރު ދުވަހު ބުސްޓޯ އަރްސީޒިއޯ ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހުގެ ކޮންސަލްޓަންޓުން ހުށަހެޅި ރިޕޯޓުގައި، އެ ހާދިސާއާ ގުޅިގެން މީޑިއާތަކުން ފަތުރަމުންދިޔަ އެހެނިހެން ތުހުމަތުތައް ވަނީ ދޮގުކޮށްފަ އެވެ.
ޓޮކްސިކޮލޮޖީ ތަހުލީލުތަކުން ދެއްކި ގޮތުގައި، ފީނުންތެރިންގެ ހަށިގަނޑުން އެއްވެސް އާދަޔާ ހިލާފު މާއްދާއެއް ފެނިފައެއް ނުވެ އެވެ. މީގެ މާނައަކީ އެ މީހުން ބޭނުންކުރި ވައިގެ ތެރޭގައި ހޭނެތޭ ފަދަ އެއްވެސް ވިހަ މާއްދާއެއް ނެތް ކަމާއި، އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ނޫން ކަމެވެ.
އަދި ޕޯސްޓްމޯޓަމްއިން އެ މީހުންގެ ހަށިގަނޑުން ބޮޑު އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތުމުން، މިޔަރެއްގެ ހަމަލާއަކުން ސަލާމަތްވާން ހޮހަޅަ ތެރެއަށް ވަނީ ކަމަށް ދެކެވޭ ވާހަކަތައް ވެސް މިހާރު ވަނީ ބާތިލުވެ ފައެވެ.
މަރުވި ފެޑެރިކޯ ގުއަލްޓިއޭރީގެ އާއިލާގެ ވަކީލު އެންޓޮނެލޯ ރިޗިއޯ އިޓަލީގެ "ލާ ސްޓަމްޕާ" ނޫހަށް މައުލޫމާތު ދެމުން ބުނީ، ރިޕޯޓު އަދި ފެނިފައި ނުވި ނަމަވެސް، ފުރަތަމަ ހޯދުންތަކުން އެނގެނީ އެ މީހުން މަރުވީ ވައި ހުސްވެގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮންސަލްޓަންޓުން ކަމާބެހޭ މާހިރުންގެ ހޯދުންތައް ދިރާސާކުރުމުން ވަކި ގޮތެއް ނިންމާނަން. ފުރަތަމަ ލިބުނު މައުލޫމާތަށް ބަލާއިރު މަރުގެ ސަބަބަކީ އޮކްސިޖަން މަދުވުން،" ވަކީލު ބުންޏެވެ.
"މީގެ ސަބަބުން ބައެއް ތިއަރީތައް ނޫންކަން ކަށަވަރުވި ނަމަވެސް، އަސްލު ހިނގީ ކީއްކަން ދެނެގަތުމާ އަދިވެސް އަޅުގަނޑުމެން މިތިބީ ވަރަށް ދުރުގައި."
ވީގޮތެއް އަދިވެސް ނޭނގޭ
ހޮހަޅައަށް ވަނުމުގެ އެކަށީގެންވާ ތަމްރީނެއް ނެތި އަދި ބޭނުންވާ ވަރަށް ވައި ނެތި، އެހާ ފުން ހޮހަޅައެއްގެ ދެވަނަ ބަޔަށް އެ މީހުން ވަނީ ކީއްވެގެންތޯ ބެލުމަށް ގިނަ ތިއަރީތަކެއް ވަނީ އުފެދިފަ އެވެ.
މިޔަރުގެ ހަމަލާއެއް، ބާރުގަދަ އޮއިވަރެއް، ލިބުނު އަނިޔާއެއް ނުވަތަ މަގު އޮޅުން ފަދަ ކަންކަމަށް އޭރު ތުހުމަތު ކުރެވުނެވެ. ނަމަވެސް، ހަށިގަނޑުތައް ނެގި ފިންލޭންޑުގެ ޑައިވް ޓީމުން ވަނީ މިއަށްވުރެ ސާދާ ސަބަބެއް ފާހަގަކޮށްފަ އެވެ.
އެ މީހުން ވަން "ދެވަނަ ކަނޑު" ހޮހަޅަ ސިސްޓަމަކީ 50 އާއި 55 މީޓަރާ ދެމެދުގެ އަޑިމިނެއްގައި ބޮޑު ހުސް ޖާގައެއް އޮންނަ، އަދި ހަނި ބޯޅައަކުން 60 އާއި 70 މީޓަރުގެ ފުން ދެވަނަ ބަޔަކަށް ވަދެވޭ ގޮތަށް އޮންނަ ތަނެކެވެ.
ފިންލޭންޑުގެ ޓީމުން އެ ހޮހަޅަ ބެލުމަށްފަހު ފާހަގަކުރި ގޮތުގައި، އެންމެ ފުން ބައިން ނުކުންނަން އޮންނަ ދޮރު އޮންނަނީ ވެލިގަނޑެއްގެ ފަހަތުގައި ނިވާވެފަ އެވެ. އެހެންކަމުން، އެ މީހުންނަށް ނުކުމެވޭ މަގު ކަމަށް ހީކޮށް ވަދެވުނީ އެއްކޮޅު ބަންދުވެފައިވާ ހަނި މަގަކަށް ކަމަށާއި، އެތަނުގައި ތިއްބާ ވައި ހުސްވީ ކަމަށް ބެލެވެ އެވެ.
ރާއްޖޭގައި މުނިފޫހިފިލުވުމަށް ފީނުމަށް ހުއްދަދޭ ފުންމިނަށްވުރެ ދެގުނަ ފުން ތަނަކަށް، އަދި ދިވެހި ގައިޑަކާ ނުލައި އެ މީހުން ދިޔައީ ކީއްވެގެންތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.
ނަމަވެސް، ކަށަވަރުނުވާ ބައެއް ރިޕޯޓުތައް ބުނާގޮތުން، އެ ހޮހަޅައަކީ މޫސުމީ ދުވަސްވަރު މިޔަރުތައް ހިޔާވަހިކަން ހޯދާ ތަނަކަށް ވާތީ، ފީނުންތެރިން އާންމުކޮށް ކުޑަ ވަގުތުކޮޅަކަށް އެތަނަށް ވަދެލައި އުޅެ އެވެ.
އެ މީހުން އެންމެ ފަހުން ފީނަން ދިޔައިރު "ގޯޕްރޯ" ކެމެރާތައް ގެންގުޅުނެވެ. އެ ކެމެރާތަކުގެ ފޫޓޭޖާއި، އެ މީހުންގެ ލެޕްޓޮޕްތަކާއި ފޯނުތައް މިހާރު އޮތީ ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށުގަ އެވެ.
"އިތުރު ޖަވާބުތަކެއް ހޯދުމަށްޓަކައި، ޕޯސްޓްމޯޓަމްގެ މައުލޫމާތާއި، ކެމެރާތަކާއި ލެޕްޓޮޕް އަދި ފޯނުތަކުން ލިބޭ މައުލޫމާތު އަޅާކިޔަން ޖެހޭ،" ވަކީލު ރިޗިއޯ ބުންޏެވެ.
"އެ ތަހުލީލުތައް ނިމޭނެ ދުވަހެއް އަދި ނޭނގޭ. ފެޑެރިކޯގެ ތަކެތި އަނބުރާ ހޯދަން އަޅުގަނޑުމެން އެދިފައިވީ ނަމަވެސް، ތަހުލީލުތައް ނުނިމޭތީ އެކަން އަދި ވަނީ ނުވެފައި."










