އިޓަލީ ޑައިވަރުން މަރުވީ ހޮހަޅައިގެ ބޭރަށް ނުކުމެވޭ މަގު އޮޅިގެން
އަލިމަތާ ކައިރީގައި އޮތް ފުން ހޮހަޅައަކަށް ޑައިވްކުރި އިޓަލީގެ ފަސް ފަތުރުވެރިން މަރުވީ، ބޭރަށް ނުކުމެވޭނެ މަގު އޮޅި ހަނި ގޯޅިއެއްގެ ތެރޭގައި ތާށިވުމުން ކަމަށް ހޯދުންތަކުން ވަނީ އެނގިފައި. ސައިންޓިފިކް ދިރާސާއަކަށް ރާއްޖެ އައި މި ޓީމު 60 މީޓަރު އަޑިއަށް ފޭބީ ކަނޑައެޅިފައިވާ މިންގަނޑަށްވުރެ މާ ފުންކޮށް ކަމަށްވާތީ، އެކަން ހިނގި ގޮތް ކަމާބެހޭ ފަރާތްތަކުން ދަނީ ބަލަމުން. މި ހާދިސާގައި އެ މީހުން ހޯދަން އުޅުނު ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ މަރުވެފައި.

ފިންލޭންޑުގެ ޚާއްޞަ ޑައިވަރުންގެ ޓީމަކުން، މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑު އަންގާރަ ދުވަހު މޫދު އަޑިން ނަގަނީ. | ރޮއިޓާސް
ދިވެހިރާއްޖޭގައި ހިނގި ޑައިވިން ހާދިސާއެއްގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންނަށް ކަނޑުއަޑީގެ ހޮހަޅައަކުން ބޭރަށް ނުކުމެވޭނެ މަގު އޮޅި، ނުބައި ފަރާތަކަށް ދެވުނީ ކަމަށް ބެލެވޭ ކަމަށް، އެ މީހުންގެ ހަށިތައް ނެގުމުގައި ހަރަކާތްތެރިވި ކުންފުނީގެ އިސްވެރިޔާ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.
އިޓަލީގެ "ލާ ރިޕަބްލިކާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ޑޭން ޔޫރަޕް" އަށް މަސައްކަތްކުރާ ފިންލޭންޑްގެ ޑައިވަރުންނަށް މި ފަސް މީހުންގެ ހަށިތައް ފެނިފައިވަނީ ކަނޑުގެ 165 ފޫޓު އަޑީގައި އޮތް ހޮހަޅައެއްގެ ތެރޭގައި، ބޭރަށް ނުކުމެވޭނެ މަގެއް ނެތް ހަނި ގޯޅިއެއްގެ ތެރެއިންނެވެ.
އެ ކުންފުނީގެ ސީއީއޯ ލައުރާ މެރޯނީއާ ހަވާލާދީ "ލާ ރިޕަބްލިކާ" ނޫހުގައި ބުނެފައިވަނީ، އެ މީހުން ތިބި ތަނުން ބޭރަށް ނުކުމެވޭނެ އެއްވެސް މަގެއް ނެތް ކަމަށެވެ.
މި ހާދިސާގައި މަރުވި އިޓަލީގެ ޑައިވަރުންނަކީ ޔުނިވަރސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް އިކޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް އާއި، މެރިން ބަޔޮލޮޖިސްޓް ފެޑެރިކޯ ގުއަލްޓިއޭރީ އާއި، ރިސާޗަރު މުރިއަލް އޮޑެނީނޯގެ އިތުރުން ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީއެވެ. މީގެ އިތުރުން، ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ.
ޔުނިވަރސިޓީ އޮފް ޖެނޯއާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޮންޓެފަލްކޯން އާއި އޮޑެނީނޯ ރާއްޖެ ގޮސްފައިވަނީ ކަނޑުގެ މާހައުލުތައް މޮނިޓަރކުރުމަށާއި، ކަނޑުއަޑީގެ ސަރަހައްދުތަކުގެ ދިރުންތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ދިރާސާކުރުމުގެ ރަސްމީ ސައިންޓިފިކް މިޝަނެއްގައި ކަމަށެވެ.
މެރޯނީ އެ ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަލިމަތާ ކައިރިން ފިންލޭންޑްގެ ޑައިވަރުންނަށް ފެނުނު މި ހޮހަޅަ ފެށެނީ ވެލިގަނޑެއް އޮތް، ވަރަށް ބޮޑު އަދި އަލިގަދަ ބައެއްގެ ގޮތުގައި ކަމަށެވެ.
އެ ބައި ނިމޭ ހިސާބުން އަލި މަޑު ގޯޅިއެއް އޮންނަ ކަމަށާއި، ނަމަވެސް އަތްމަތީ ބައްތި ބޭނުންކުރުމުން އެތަނުގެ ތެރެ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ގާތްގަނޑަކަށް 30 މީޓަރުގެ ދިގުމިން އަދި 3 މީޓަރުގެ ފުޅާމިން ހުންނަ މި ގޯޅި ގޮސް ގުޅެނީ ހޮހަޅައިގެ ދެވަނަ ބަޔާއެވެ. އެއީ ގުދުރަތީ އަލި އެއްވެސް ވަރަކަށް ނުލިބޭ، ބޮޑު ބައެކެވެ.
އެ ގޯޅިއާއި ދެވަނަ ބަޔާ ދެމެދު ވެލިގަނޑެއް އޮވެއެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުގައި، އެ ވެލިގަނޑުމަތިން ދެވަނަ ބަޔަށް ވަނުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް، އެނބުރި ނުކުންނަން އުޅޭއިރު އެ ވެލިގަނޑު ފެންނަނީ ފާރެއްގެ ގޮތުގައެވެ. އެހެންކަމުން، ބޭރަށް ނުކުމެވޭ ގޯޅި އެ ވެލިގަނޑުގެ ފަހަތުގައި ފޮރުވިފައި އޮންނަ ކަމަށް ބެލެވެއެވެ.
އެ ވެލިގަނޑުގެ ވާތްފަރާތުގައި މަދު މީޓަރުކޮޅެއްގެ ދިގުމިން ހުންނަ އެހެން ގޯޅިއެއް އޮވެއެވެ.
"ޑައިވަރުންގެ ހަށިތައް ފެނިފައިވަނީ އެ ގޯޅީގެ ތެރެއިން. ބެލެވޭ ގޮތުގައި އެ މީހުންނަށް އެއީ ބޭރަށް ނުކުމެވޭ މަގު ކަމަށް ހީކޮށް ވަދެވުނީ،" ނޫހުގައި ބުނެފައިވެއެވެ.
މެރޯނީ ވިދާޅުވީ، އޮޅިގެން އެ ގޯޅިއަށް ވަދެވިއްޖެ ނަމަ، ހާއްސަކޮށް ސިލިންޑަރުގައި ހުރި ވައި މަދުވަމުންދާ ހާލަތެއްގައި އެނބުރި އައުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
އެ ޑައިވަރުން ބޭނުންކުރީ އާދައިގެ ވައިގެ ސިލިންޑަރުތައް ކަމަށްވާތީ، އެހާ ފުން ސަރަހައްދެއްގައި ހުރި ހޮހަޅައިގެ ދެވަނަ ބަޔަށް ޒިޔާރަތްކުރުމަށް އެ މީހުންނަށް ލިބޭނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދައްކަނީ ގާތްގަނޑަކަށް 10 މިނެޓުގެ ވާހަކަ، ނުވަތަ އެއަށްވުރެ ވެސް ކުޑަ ވަގުތުކޮޅެއްގެ ވާހަކަ،" މެރޯނީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދެވުނީ ނުބައި މަގަކުންކަން އެނގުމާއި، ސިލިންޑަރުގައި ވައި މަދުވުމުން ކުރިމަތިވާ ބިރުވެރިކަމުގެ ސަބަބުން ނޭވާލާ މިންވަރު އަވަސްވެ، ސިލިންޑަރުގައި ހުރި ވައި މާ އަވަހަށް ހުސްވާނެ ކަމަށެވެ.
އިޓަލީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، "ޑިއުކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީގައި އިޓަލީގެ 25 ފަތުރުވެރިން ތިއްބެވެ. އޭގެ ތެރޭގައި މަރުވި ފަސް ޑައިވަރުން ވެސް ހިމެނެއެވެ.
ޑައިވަރުން ވަނީ ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ފުން ސަރަހައްދަކަށް ފައިބާފައެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ޑައިވް ކުރެވޭނެ އެންމެ ފުން މިނަކީ 30 މީޓަރު ކަމަށްވާއިރު، އިޓަލީގެ ޑައިވަރުން 60 މީޓަރު އަޑިއަށް ފޭބުމަށް ހުއްދަ ދެވުނު ގޮތް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހޮހަޅަތަކަށް ޑައިވް ކުރުމަކީ (ކޭވް ޑައިވިން) ވަރަށް ބޮޑަށް ފަންނީ ހުނަރާއި ނުރައްކާ އެކުލެވޭ ކަމެކެވެ. މީގެ އިތުރުން މިއީ ހާއްސަ ތަމްރީނާއި، އާލާތްތަކާއި، ސަލާމަތީ ހަރުކަށި އުސޫލުތަކެއް ބޭނުންވާ ކަމެކެވެ. ސީދާ މައްޗަށް އެރެން ނެތް ފުން ސަރަހައްދުތަކުގައި، ހާއްސަކޮށް ފެންގަނޑު ކިލަނބުނުވެ ނުސާފުވާ ހާލަތްތަކުގައި ނުރައްކާ ވަރަށް ބޮޑަށް އިތުރުވެއެވެ. މާހިރުން ބުނާ ގޮތުގައި، ހޮހަޅަތަކުގެ ތެރޭގައި ކިސަޑު ބުރައިގެން ފެންގަނޑު ނުސާފުވުމުން، ދާނެ ދިމާއެއް ނޭނގި މަގު އޮޅުމަކީ ވަރަށް ފަސޭހައިން ދިމާވާ ކަމެކެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ޑައިވިން ހާދިސާއަކީ މިއީ ކަމަށް ރާއްޖޭގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޑައިވިން އަދި މޫދު ކުޅިވަރުތަކާ ގުޅުންހުރި ހާދިސާތަކަކީ ނިސްބަތުން މަދު ހާދިސާތަކެއް ނަމަވެސް، ފާއިތުވި އަހަރުތަކުގައި ފުރާނަ ގެއްލޭ ފަދަ ބައެއް ހާދިސާތައް ވަނީ ރިޕޯޓްކޮށްފައެވެ.
މިދިޔަ ޑިސެމްބަރު މަހު ޑައިވް ކުރަން އުޅުނު އިނގިރޭސިވިލާތުގެ އަންހެން ފަތުރުވެރިއަކު މަރުވިއިރު، އެކަމުގެ ހިތާމައިގައި އުޅުނު އޭނާގެ 71 އަހަރުގެ ފިރިމީހާ ވެސް ބަލިވެގެން އޭގެ މަދު ދުވަސްކޮޅެއް ފަހުން ވަނީ މަރުވެފައެވެ.
މީގެ އިތުރުން، މިދިޔަ ޖޫން މަހު މާލެ ކައިރީގައި ޑައިވިންއަށް ދިޔަ ޖަޕާނުގެ 26 އަހަރުގެ ފަތުރުވެރިއަކު ވަނީ ގެއްލިފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ކަނޑުމަތީގެ އެކި ހާދިސާތަކުގައި ރާއްޖޭގައި މަދުވެގެން 112 ފަތުރުވެރިން މަރުވެފައިވެއެވެ. މީގެ ތެރެއިން 42 މީހުންނަކީ ޑައިވިން ނުވަތަ ސްނޯކްލިން ހާދިސާތަކުގައި މަރުވި މީހުންނެވެ.






