ހުޅަނގު އައްސޭރީގެ ހުރިހާ ބޯޑަރުތަކެއް އިސްރާއީލުން ބަންދުކޮށްފި، އަނިޔާވެރިކަން އިތުރު ހަރުފަތަކަށް!
27 ސެޕްޓެމްބަރު 2026 | އާދީއްތަ 08:57ޔަހޫދީންގެ އީދަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ނަމުގައި، ހުޅަނގު އައްސޭރީގެ ޗެކްޕޮއިންޓްތަކާއި ބޯޑަރުތައް ބަންދުކޮށް ފަލަސްތީނު ރައްޔިތުންގެ ދަތުރުފަތުރަށް އިސްރާއީލުން ވަނީ ހުރަސްއަޅާފައި. މި ފިޔަވަޅުތަކާއެކު އެކި ސަރަހައްދުތަކުގައި އުޅަނދުތައް ބަލައި ފާސްކޮށް އާންމުންނަށް ގޯނާކުރަމުންދާއިރު، ޣައްޒާ ނަސްލުޖޭދު ފެށުނު ފަހުން ހުޅަނގު އައްސޭރީގައި އިސްރާއީލުން ދޭ ހަމަލާތަކާއި ހައްޔަރުކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި


ހުޅަނގު އައްސޭރީގެ އަވަށަކަށް ވަދެވެން އޮންނަ މަގުގައި އިސްރާއީލުގެ ސިފައިން ޗެކްޕޮއިންޓެއް އަޅައި، އެ އަވަށް ބަންދުކޮށް، ފޯރިމަރަނީ | އަނަދޮލު އޭޖެންސީ
ޔަހޫދީ އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރި "އެއްކޮށް ބަންދުކުރުމަށާއި"، އެ ސަރަހައްދަށް ވަދެނިކުމެވާ ހުރިހާ ބޯޑަރު ހުރަސްތައް ބަންދުކުރުމަށް އިސްރާއީލުން ނިންމާފައިވާ ކަން ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާއިން އާދީއްތަ ދުވަހު ރިޕޯޓުކޮށްފި އެވެ.
މި ހިސާރު އޮކްޓޫބަރު މަހުގެ 3 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ދެމިއޮންނާނެ ކަމަށް އެ އޭޖެންސީން ރިޕޯޓުކުރެ އެވެ. އަދި، މި ފިޔަވަޅު އެޅި ސަބަބެއް ކަމަށް އިސްރާއީލްގެ ކަމާބެހޭ އިދާރާތަކުން ދައްކާފައި ވަނީ ޔަހޫދީންގެ ޢީދަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން ކަމަށް ވެސް އެ އޭޖެންސީން ބުނެ އެވެ.
މީގެ އިތުރުން މި ފިޔަވަޅުތަކުގެ ތެރޭގައި ޗެކްޕޮއިންޓްތަކާއި ހުރަސްތަކުގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުން ހިމެނޭއިރު، މީގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ ދަތުރުފަތުރަށާއި މުގައްދަސް ބިންތަކާއި މިސްކިތްތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު މުޅިން ހަނިވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
އާދީއްތަ ދުވަހު އިސްރާއީލްގެ ސިފައިން ވަނީ ރާމަﷲ އާއި އަލް-ބީރާ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ބައެއް މަގުތަކާއި ދޮރުތައް ބަންދުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އުނދަގޫކޮށް ގޯނާކޮށްފަ އެވެ. މި ގޮތުން، ތުރްމުސް ޢައްޔާ، ޣާބޫދު، ނަބީ ޞާލިހް، އަތާރާ އަދި އަލް-ތައްޔިބާއަށް ވަދެނިކުމެ ހެދެން އޮތް ހުރިހާ މަގެއް އިސްރާއީލުގެ ނިރުބަވެރި ސިފައިން ވަނީ ބަންދުކޮށްފަ އެވެ. ޔަބްރޫދް، ޢައިން ސީނިޔާ އަދި ޖަބަޢުގައި ޗެކްޕޮއިންޓްތައް ގާއިމުކޮށް، އުޅަނދުފަހަރު ބަލައި ފާސްކުރުމާއި ފަލަސްތީނުގެ ރައްޔިތުންގެ އައިޑީ ކާޑު ޗެކްކުރަމުންދާ ކަމަށް، އެ ސަރަހައްދުގެ މަސްދަރުތަކާ ހަވާލާދީ ވަފާއިން ބުނެ އެވެ.
މި ކަންކަން މިގޮތަށް ހިނގަމުން މި ދަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާ ނަސްލުހޭދު ފެށި ފަހުން، އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލްގެ އަސްކަރިއްޔާއާއި ވަޒަންވެރިން ދެމުންދާ އުދުވާނީ ހަމަލާތައް ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ފަލަސްތީނުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން، މި މުއްދަތުގެ ތެރޭގައި ގާތްގަނޑަށް 1،206 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 254 ކުޑަކުދިން ހިމެނެ އެވެ. އަދި، ގާތްގަނޑަކަށް 13،350 މީހުން ޒަޚަމްކޮށްލާފައިވާއިރު، 24،600 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މަސްދަރު: އަަނަދޮލު އޭޖެންސީ











