އިންޑިޔާގެ އެންމެ މުއްސަނދި ސްޓޭޓް މަހާރާޝްތުރާގެ ބޮޑު ބަޔަކަށް ހަނަފަސްކަން ކުރިމަތިވެއްޖެ
27 ސެޕްޓެމްބަރު 2026 | އާދީއްތަ 07:31އެލް ނީނިޔޯގެ ސަބަބުން ވާރޭވެހޭ މިންވަރު މަދުވެ، މަހާރާޝްތުރާގެ %74 ސަރަހައްދަށް ހަނަފަސްކަން ކުރިމަތިވުމާ ގުޅިގެން ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެ ސްޓޭޓުގެ ސަރުކާރުން ވަނީ ދީފައި. މޫސުމީ ބަދަލުތަކުގެ ސަބަބުން އިންޑިޔާގެ ދަނޑުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، މި ކާރިސާގެ އަސަރު އެ ގައުމުގެ ދެކުނުގެ ސްޓޭޓްތަކަށް ވެސް ދަނީ ކުރަމުން


އިންޑިޔާގެ މަހާރާޝްތުރާއަށް ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން ގެއްލުން ލިބިފައިވާ ދަނޑުބިމެއް (ފައިލް) | ދި ހިންދޫ
އިންޑިޔާގެ ވިޔަފާރިއާއި މާލީ މައި މަރުކަޒު ކަމަށްވާ މުމްބާއީ ނިސްބަތްވާ އަދި އެ ގައުމުގެ އެންމެ މުއްސަނދި ސްޓޭޓް މަހާރާޝްތުރާގެ ހަތަރުބައިކުޅަ ތިންބަޔަށް ހަނަފަސްކަން ކުރިމަތިވެފައިވާ ކަމަށް، އެ ސްޓޭޓުގެ ސަރުކާރުން ހޮނިހިރު ދުވަހު ހާމަކޮށްފި އެވެ. މި ހާލަތު މެދުވެރިވީ އެ ސަރަހައްދަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ކަމަށް ސަރުކާރުން ބުނެ އެވެ.
މަހާރާޝްތުރާގައި މި ހާލަތު އިއުލާނުކުރީ، މޫސުމީ ވިއްސާރަ ނިމޭއިރު ވާރޭވެހޭ މިންވަރު ދަށްވާނެ ކަމަށާއި، އޭގެ ނުރައްކާ ދަނޑުވެރިންގެ ދިރިއުޅުމަށް ފޯރާނެ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވަނިކޮށެވެ. އާންމުކޮށް ދެކުނު އޭޝިއާއަށް ހަނަފަސް މޫސުމެއް ގެނުވާ އެލް ނިނިޔޯގެ އަސަރު އާދަޔާ ޚިލާފަށް ބާރު ގަދަވުމަކީ، އާންމުކޮށް ވާރޭވެހޭ މިންވަރު ބަދަލުވެ، އާދަޔާޚިލާފު ގޮތްތަކެއް މެދުވެރިވި ސަބަބެއް ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ. ހުޅަނގު އިންޑިޔާގެ އެންމެ ބޮޑު ސްޓޭޓެއް ކަމަށްވާ މަހާރާޝްތުރާގެ ސަރަހައްދުގެ %74 އަށް ހަނަފަސްކަމުގެ އަސަރު ކޮށްފައިވާ ކަމަށް އެ ސްޓޭޓުގެ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
މި ކާރިސާގެ ދަނޑިވަޅުގައި ސަރުކާރު ދެމިއޮތީ "އަޅުގަނޑުމެންގެ ދަނޑުވެރި އަޚުންނާއެކު ސާބިތުކަމާއެކު" ކަމަށް، ޗީފް މިނިސްޓަރު ދެވޭންދްރަ ފަންދްވީސް ވިދާޅުވި އެވެ. އަދި، ދަނޑުބިންތަކަށް ލިބުނު ގެއްލުންތައް ސަރުކާރުން ބަލައި ވަޒަންކުރާނެ ކަމަށާއި، "ދަނޑުވެރިންނަށާއި، ދަނޑުބިންތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށާއި، އަދި ރަށްފުށުގެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ވަގުތަށް ލިބޭނެކަން ކަށަވަރުކުރުމަށް" މަސައްކަތް ކުރަމުންދާ ކަމަށް އޭނާގެ އޮފީހުން ބުނެފައިވެ އެވެ.
މޫސުމީ ވިއްސާރައަކީ އިންޑިޔާގެ ދަނޑުވެރިކަމާއި ސިނާއަތްތައް ދެމެހެއްޓުމަށް މުހިންމު ވަސީލަތެކެވެ. އަދި، ޖޫން މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމީ ވިއްސާރައަށް އެތައް ސަތޭކަ މިލިއަން މީހުން ބަރޯސާވެ އެވެ. މަހާރާޝްތުރާއަކީ 130 މިލިއަން މީހުންގެ އާބާދީއެއް އޮންނަ، އަދި ކަފައާއި، ސޯޔާބީންސްއާއި، އުއްދަނޑި އަދި މުގުގެ ބާވަތްތައް އުފައްދާ ދަނޑުވެރިކަމުގެ މުހިންމު ސްޓޭޓެކެވެ.
ދަނޑުބިންތަކަށް ފެންދިނުމުގައި ގިނަ އަދަދެއްގެ ދަނޑުވެރިން ވިއްސާރަ މޫސުމަށް ބަރޯސާވާން ޖެހެ އެވެ. އަދި، ދަނޑުތައް ހަލާކުވެއްޖެނަމަ އެ ކަމުގެ ނުރައްކާ އެ ފަރާތްތަކަށް އިންތިހާއަށް ބޮޑުވެ، މުޅި އާއިލާ މާލީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިގެން ދިޔުމުގެ ފުރުސަތު ބޮޑުވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ވާރޭވެހުނު މިންވަރު މަދުވުމުގެ އަސަރު އިންޑިޔާގެ ދެކުނުގެ ސަރަހައްދުތަކަށް ވެސް ވަނީ ފޯރާފަ އެވެ. މި ގޮތުން، ހަނަފަސްކަން ކުރިމަތިވެފައިވާ ސަރަހައްދުތަކުގައި ތިބި ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަން ކަރްނާޓަކާ ސްޓޭޓުން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
އެލް ނީނިޔޯއަކީ ޕެސިފިކް ކަނޑުގެ ފިނިހޫނުމިން މަތިވުމާ ގުޅިގެން ގުދުރަތީ ގޮތުން އުފެދޭ މޫސުމީ ބަދަލެކެވެ. މި ކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިޖެހޭ މިސްރާބަށާއި ވާރޭވެހޭ ގޮތްތަކަށް ބަދަލު އާދެ އެވެ. އިންސާނުންގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން ކުރިމަތިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން، މޫސުމީ ނުރައްކާތެރި ހާދިސާތައް އުފެދުމަށް ބޭނުންވާ އިތުރު ހަކަތައާއި ތެއްކަން ފަހިވެ، އެލް ނީނިޔޯގެ އަސަރުތައް އިތުރަށް ވަރުގަދަވާ ކަމަށް ސައިންސްވެރިން އިންޒާރު ކުރެ އެވެ.
މަސްދަރު: ސީއެންއޭ











