މިހާރު އުފެދެމުންދާ "އެލް ނީނިއޯ" އަކީ އިންސާނުންގެ ހަނދާނުގައި އުފެދޭ އެންމެ ބާރުގަދަ މިފަދަ ހާދިސާއަށް ވުމުގެ ފުރުސަތު ބޮޑު: ތަޖުރިބާކާރުން
21 އޯގަސްޓު 2026 | ހުކުރު 11:07ޕެސިފިކް ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން އުފެދޭ "އެލް ނީނިއޯ" ހާދިސާގެ ބާރުގަދަވުމާ ގުޅިގެން، ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ހޫނުގަދަ އަހަރަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމީ އިދާރާތަކުން ވަނީ އިންޒާރު ދީފައި. މި ބަދަލާއެކު ދުނިޔޭގެ އެކި ސަރަހައްދުތަކަށް ހަނަފަސްކަމާއި ފެންބޮޑުވުން ފަދަ ނުރައްކާތެރި މޫސުމީ ކާރިސާތައް ކުރިމަތިވެ، ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރޭ

ފިލިޕީންސްގެ ބުލަކަން ޕްރޮވިންސްގެ ކަލުމްޕިޓްގައި މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ކުކުޅުހާތަކެއް ފެނުން ރައްކާތެރިކުރުމަށް ކޮށިތަކެއްގެ މައްޗައި އަރާފައި ތިބި މަންޒަރު | ގެޓީ އިމޭޖަސް
ޕެސިފިކް ކަނޑުގެ ސަރަހައްދުގައި މިހާރު އުފެދެމުންދާ "އެލް ނީނިއޯ" އަކީ އިންސާނުންގެ ހަނދާނުގައި ހުރި އެންމެ ބާރުގަދަ މިފަދަ ހާދިސާއަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ އިނގިރޭސިވިލާތުގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އިންޒާރު ދީފި އެވެ.
މިއީ ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ގޮސް، މޫސުމީ ނުރައްކާތެރި ހާދިސާތައް ކުރިމަތިވުމަށް މަގުފަހިކޮށްދޭ ގުދުރަތީ ބޮޑު ބަދަލެކެވެ.
އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކާ މި ހާދިސާ އެކުވުމުން، 2027 ވަނަ އަހަރަކީ ދުނިޔޭގެ ރެކޯޑްތަކުން ދައްކާ އެންމެ ހޫނުގަދަ އަހަރަށް ވުމުގެ ފުރުސަތު "ވަރަށް ބޮޑު" ކަމަށް އިނގިރޭސިވިލާތުގެ މެޓް އޮފީހުން ބުނެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މޫސުމަށް މިހާރުވެސް މިކަމުގެ އަސަރު ކުރަމުންދާކަމުގެ ހެކިތައް ދަނީ ފެންނަމުންނެވެ. އެގޮތުން އިންޑިއާއަށް ކުރާ މޫސުމީ ވިއްސާރަ ނުވަތަ މޮންސޫންގެ ވާރޭ އާންމު މިންގަނޑަށް ވުރެ މަދުވުމާއި، އެޓްލާންޓިކް ކަނޑުގައި އުފެދޭ ތޫފާންތަކުގެ ބާރު ދަށްވުން ހިމެނެ އެވެ.

ފެންގަނޑު ހިކިފައިވާ ކޯރެއްގެ ފަސްގަނޑު ހުރަސްކޮށް ފެންބަނޑިޔާ ހިފައިގެން އިންޑިއާގެ އަންހެނަކު ހިނގާފައި ދަނީ | ގެޓީ އިމޭޖަސް
އެލް ނީނިއޯގެ ސަބަބުން އިނގިރޭސިވިލާތަށް ކުރިމަތިވާ ހަރީފް މޫސުމަކީ ވިއްސާރަ އަދި ގަދަވަޔާއެކު ތޫފާނީ މޫސުމަކަށް ވުމުގެ ބިރު އެބައޮތެވެ. އަދި ދުރު ރާސްތާގެ މޫސުމީ ލަފާކުރުންތަކުން މިހާރުވެސް ދައްކަނީ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށެވެ.
"މިއީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ބޮޑު ހާދިސާއެއްކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ،" އިނގިރޭސި މެޓް އޮފީހުގެ ލޯންގް ރޭންޖް ފޯކާސްޓިންގެ އިސްވެރިޔާ ޕްރޮފެސަރ އެޑަމް ސްކައިފް ބީބީސީ އަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މޫސުމީ ލަފާކުރުންތަކުން މީގެ ކުރިން ދުވަހަކުވެސް އެލް ނީނިއޯގެ އަސަރު މިހާ ބޮޑަށް ފެނިފައި ނުވާ ކަމަށެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން އެލް ނީނިއޯ ކުރިމަތިވާ މިންވަރު އިތުރުވާކަމުގެ ސާފު ހެއްކެއް ނެތް ނަމަވެސް، ދުނިޔެ ހޫނުވަމުންދާ ވަރަކަށް މީގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ދަނީ ގޯސްވަމުންނެވެ.
އެލް ނީނިއޯ އަކީ ކޮބާ؟
އެލް ނީނިއޯ އަކީ ގުދުރަތީ ގޮތުން ކޮންމެ ދެ އަހަރާއި ހަތް އަހަރަކުން އެއްފަހަރު ކުރިމަތިވާ މޫސުމީ ބަދަލެކެވެ. މި ހާލަތު އާންމުކޮށް ގާތްގަނޑަކަށް އެއް އަހަރު ދުވަހަށް ދެމިގެންދެ އެވެ.
މި ހާދިސާ ކުރިމަތިވަނީ ޕެސިފިކް ކަނޑުގެ އިރުން ހުޅަނގަށް އާންމުކޮށް ޖެހޭ ވައި ނުވަތަ "ޓްރޭޑް ވިންޑްސް" ބަލިކަށިވުމުން ނުވަތަ އެނބުރި އިރުމައްޗަށް ބަދަލުވާން ފެށުމުން، ކަނޑުގެ ހޫނު ފެންގަނޑު އިރުމައްޗަށް ފެތުރިގެން ދިއުމުންނެވެ.
މީގެ ސަބަބުން ކަނޑުގެ ލޮނުގަނޑުން ޖައްވުގެ ތެރެއަށް ހޫނު ބޭރުވެ، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ގޮސް، ވާރޭ ވެހޭ ސަރަހައްދުތަކަށް ބަދަލު އާދެ އެވެ.
ސައިންސްވެރިން އެލް ނީނިއޯއެއް އުފެދިއްޖެކަން އިއުލާން ކުރަނީ ޕެސިފިކް ކަނޑުގެ މުހިންމު ސަރަހައްދެއްގެ ލޮނުގަނޑުގެ ފިނިހޫނުމިން އާންމު މިންގަނޑަށް ވުރެ 0.5 ޑިގްރީ ސެލްސިއަސް މައްޗަށް ދިއުމުންނެވެ.
މިހާރުގެ މިންކުރުންތަކުން ދައްކާ ގޮތުގައި ކަނޑުގެ ފިނިހޫނުމިން ހުރީ އާންމު މިންގަނޑަށް ވުރެ 2 ޑިގްރީ ސެލްސިއަސްއަށް ވުރެވެސް މަތީގަ އެވެ.
ތަޖުރިބާކާރުންގެ ލަފާކުރުންތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފަހުކޮޅު އެލް ނީނިއޯ އޭގެ އެންމެ ބާރުގަދަ މިންވަރަށް ދާއިރު، ފިނިހޫނުމިން އާންމު މިންގަނޑަށް ވުރެ 3 ޑިގްރީ ސެލްސިއަސް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
މިއީ 1950 ވަނަ އަހަރުން ފެށިގެން ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން ފެންނަ އެންމެ ބޮޑު ބަދަލަށް ވާނެ އެވެ. އަދި މިއީ 19 ވަނަ ގަރުނަށް ފަހު ކުރިމަތިވާ އެންމެ ބާރުގަދަ އެލް ނީނިއޯ ހާދިސާއަށް ވުން ގާތެވެ.
ކަނޑުގެ އަޑީގެ ފިނިހޫނުމިން އާދަޔާ ހިލާފަށް މަތިވުމަކީ (ބައެއް ސަރަހައްދުތަކުގައި 100 މީޓަރު އަޑީގައި އާންމު މިންގަނޑަށް ވުރެ 8 ޑިގްރީ ސެލްސިއަސް މަތިވުން) މި އެލް ނީނިއޯ އިތުރަށް ވަރުގަދަކޮށްދޭނެ ކަމެކެވެ. މިއީ މި ހާލަތު ދެމެހެއްޓުމަށް ބޭނުންވާ ހޫނު ހަކަތަ ފޯރުކޮށްދޭ ރިޒާވަރެއް ފަދަ އެއްޗެކެވެ.

"އެލް ނީނޯގެ ބާރުގަދަވުމާއެކު ދުނިޔޭގެ ހޫނުމިން އިންތިހާއަށް މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތް" މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ އިންފޯގްރަފިކް އެއް | ގެޓީ އިމޭޖަސް
"މި ހާދިސާ ކުރިއަށް އޮތް މަސްތަކުގައި އިތުރަށް ވަރުގަދަވަމުންދާނެ. އެހެންކަމުން މިއީ ރެކޯޑް މިންވަރަކަށް ބާރުގަދަވާނެ ކަމެއްކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް،" އެމެރިކާގެ ބާކްލީ އާތު ރިސާޗް ގްރޫޕްގެ ސައިންސްވެރިޔާ ޑރ. ޒީކް ހައުސްފާދަރ ވިދާޅުވި އެވެ.
މޫސުމާ ބެހޭ ބައެއް އެހެން ޖަމާއަތްތަކުން ލަފާކުރާ ގޮތުގައި، ފިނިހޫނުމިން އާންމު މިންގަނޑަށް ވުރެ 4 ޑިގްރީ ސެލްސިއަސް މައްޗަށް ދިއުން އެކަށީގެންވެ އެވެ.
ހައުސްފާދަރ ވިދާޅުވި ގޮތުގައި، އެހާ މައްޗަށް ފިނިހޫނުމިން ގޮސްފިނަމަ، މިއީ ފާއިތުވި 500 ނުވަތަ 1,000 އަހަރު ތެރޭގައިވެސް ކުރިމަތިވި އެންމެ ބާރުގަދަ އެލް ނީނިއޯ ހާދިސާއަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެހާ ދުރު މާޒީގެ ރެކޯޑްތައް ނެތުމުން އެކަން ޔަގީންކަމާއެކު ބުނަން ދަތި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން އެލް ނީނިއޯ އިތުރަށް ގޯސްވަނީތަ؟
ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިއު.އެމް.އޯ) އިން ބުނާ ގޮތުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން އެލް ނީނިއޯ ކުރިމަތިވާ އަދަދު ނުވަތަ އޭގެ ބާރުގަދަވާކަމުގެ ސާފު ހެއްކެއް އަދި ފެންނާކަށް ނެތެވެ.
އެހެންނަމަވެސް، މިއީ ސައިންސްވެރިންގެ މެދުގައި އަދިވެސް ދިރާސާކުރަމުންދާ އަދި ބަހުސްކުރެވެމުންދާ މައުޟޫއެކެވެ.
އިންޓަގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި.ޕީ.ސީ.ސީ) އިން 2021 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، 1400 ވަނަ އަހަރާ އަޅާބަލާއިރު 1950 ވަނަ އަހަރުން ފެށިގެން އެލް ނީނިއޯގެ ބާރުގަދަވަމުންދާ ކަމަށެވެ.
އަދި އެންމެ ބާރުގަދަ އެލް ނީނިއޯ ހާދިސާތައް ކުރިމަތިވާ މިންވަރުވެސް ވަނީ އިތުރުވެފަ އެވެ.
އެހެންނަމަވެސް، ތާރީޚީ ރެކޯޑްތަކުން ދައްކާ ގޮތުގައި ފާއިތުވި އެތައް ހާސް އަހަރެއްގެ ތެރޭގައި އެލް ނީނިއޯގެ ބާރުގަދަވާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ. އެހެންކަމުން މި ފަހަކަށް އައިސް ފެންނަ ބަދަލުތަކަކީ ސީދާ ދުނިޔެ ހޫނުވުމާ ގުޅުންހުރި ކަމެއް ކަމަށް ބުނަން ދަތިވެ އެވެ.
ސާފުކޮށް އެނގެން އޮތް ކަމަކީ، މިހާރު އެލް ނީނިއޯ ކުރިމަތިވަނީ ކުރިއަށް ވުރެ ހޫނު ދުނިޔެއެއްގައި ކަމަށްވާތީ، މޫސުމަށް ކުރާ އަސަރުތައް މާ ބޮޑަށް ގޯސްވަމުންދާ ކަމެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާ އަސަރު
ކަނޑުގެ ހޫނުމިން ބެހިފައިވާ ގޮތަށް އަންނަ ބަދަލުތަކާއި، ޖައްވުގެ ވައިގެ ދައުރުވުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުޅި ދުނިޔޭގެ މޫސުމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
ކޮންމެ އެލް ނީނިއޯ ހާދިސާއަކީވެސް ތަފާތު އެއްޗެކެވެ. އަދި މޫސުމަށް ކުރާ އަސަރުތައްވެސް ތަފާތުވެ އެވެ. ނަމަވެސް މިހާރުވެސް މިކަމުގެ އަސަރުތައް ފެންނަން ފަށާފައިވާކަމުގެ ހެކި އެބަހުއްޓެވެ.
މިސާލަކަށް، އެލް ނީނިއޯ އަހަރުތަކުގައި ދެކުނު އޭޝިއާއަށް ކުރާ ހުޅަނގު މޫސުމުގެ ވާރޭ މަދުވެ އެވެ. އަދި 2026 ވަނަ އަހަރުގެ މިހާތަނަށް ވެސް ވާރޭ ވެހިފައިވަނީ އާންމު މިންގަނޑަށް ވުރެ މާ މަދުންނެވެ.

"އެލް ނީނޯ އާއި އިންޑިއާ ކަނޑުގެ ޑައިޕޯލް ޕޮޒިޓިވްވުމުގެ ސަބަބުން ދުނިޔޭގެ ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވުމުގެ ފުރުސަތު ބޮޑުވެފައިވާކަން" ހާމަކޮށްދޭ އިންފޯގްރަފިކް އެއް | ގެޓީ އިމޭޖަސް
ކެރީބިއަން ސަރަހައްދާއި އެޓްލާންޓިކް ކަނޑުގެ ވައިގެ ދައުރުވުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތޫފާން އުފެދޭ މިންވަރު މަދުވެ އެވެ. މިއަހަރުގެ މިހާތަނަށް އުފެދިފައިވަނީ ނަން ދެވިފައިވާ އެންމެ ތިން ތޫފާނެވެ.
ޕެސިފިކް ކަނޑުގެ ސަރަހައްދުތަކާ ކައިރި ގައުމުތަކަށް އެލް ނީނިއޯގެ އަސަރު ވަރަށް ބޮޑަށް ކުރެ އެވެ. އެގޮތުން އޮސްޓްރޭލިއާގައި ހަނަފަސްކަން ކުރިމަތިވެ، ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ނުރައްކާ ބޮޑުވާއިރު، ޕެރޫ، އިކުއެޑޯ އަދި އެމެރިކާގެ ދެކުނުގެ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ބިރު ބޮޑުވެ އެވެ.
2027 ވަނަ އަހަރަކީ ރެކޯޑް މިންވަރަކަށް ހޫނުގަދަ އަހަރަކަށް ވުމުގެ ފުރުސަތު ބޮޑު
އެލް ނީނިއޯ ހާދިސާތަކުގައި ކަނޑުން ޖައްވުގެ ތެރެއަށް ވަރަށް ގިނަ ހޫނު ބޭރުވެ އެވެ.
ޔޫކޭ މެޓް އޮފީހުގެ ސައިންސްވެރިޔާ ޑރ. ނިކް ޑަންސްޓޯން ބީބީސީ އަށް ވިދާޅުވާ ގޮތުގައި، މީގެ ސަބަބުން ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން މައްޗަށް ދެ އެވެ. ހާއްސަކޮށް އެލް ނީނިއޯ އޭގެ އެންމެ ބާރުގަދަ މިންވަރަށް ދާ ފިނި މޫސުމަށް ފަހު އަންނަ އަހަރުގައި މި ބަދަލު ބޮޑަށް ފެންނާނެ އެވެ.
"އެހެންކަމުން، 2024 ވަނަ އަހަރަށް ވުރެ 2027 ވަނަ އަހަރުގެ ހޫނުމިން މަތިވެ، އެއީ ދުނިޔޭގެ ތާރީޚުގައިވެސް އެންމެ ހޫނުގަދަ އަހަރަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

އަމްރިތްސާގެ ރަށް ބޭރުގައި އޮންނަ ދަނޑެއްގައި، އިންޑިއާގެ މަސައްކަތްތެރިންތަކެއް ހަނޑޫ އިންދުމުގެ މަސައްކަތް ކުރަނީ | ގެޓީ އިމޭޖަސް
މި މަހުގެ ކުރީކޮޅު އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ވަނީ، އެލް ނީނިއޯގެ ސަބަބުން ނުރައްކާ އޮތް ގައުމުތަކުގެ އެތައް މިލިއަން ބަޔަކަށް ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.









