ރަސްމާލެ ދިނީ ތާއަބަދަށް، 99 އަހަރަށްފަހު ވެސް އައު މުއްދަތު ފެށޭނެ: އީގަލް ހިލްސް
27 ސެޕްޓެމްބަރު 2026 | އާދީއްތަ 07:26ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި. މި މަޝްރޫއުގެ ދަށުން ޕްރޮޕަޓީތައް 99 އަހަރަށް ކުއްޔަށް ދޫކުރާއިރު، މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އެ މުއްދަތު އައުވާނެ ކަމަށް އެ ކުންފުނިން ބުނޭ. މިއީ ދައުލަތުން ދަރަނި ނުނަގައި، ރާއްޖޭގެ އިގުތިސާދީ ދުވެލި ހަލުވިކުރުމަށް ހިންގާ ބޮޑު އިންވެސްޓްމަންޓެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވޭ


ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ވަނީ ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން | އީގަލް ހިލްސް
ރަސްމާލޭގެ ޕްރޮޕަޓީތައް 99 އަހަރަށް ލީސްކުރެވޭނެ ކަމަށާއި، ވާރުތައިން ލިބުނަސް އައު މުއްދަތެއް ފެށޭނެ ކަމަށް އީގަލް ހިލްސް ކުންފުނިން ބުނެފި އެވެ.
ރަސްމާލެ ސަރަހައްދުގައި މުޅިން އައު، އިންޓަގްރޭޓެޑް އައިލެންޑް މަންޒިލެއްގެ ގޮތުގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ތަރައްގީ ކުރުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ވިޔަފާރީގެ އުސޫލުތަކާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އީގަލް ހިލްސްގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ލިޔުމުގައި ބުނީ، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ މިފަދަ އެންމެ ބޮޑު އެއް ތަރައްގީގެ މަޝްރޫއު ކަމަށެވެ.
އީގަލް ހިލްސް އިން ހާމަކޮށްފައިވާ ގޮތުގައި މި މަންޒިލުގައި ހިމެނޭ ޕްރޮޕަޓީތައް ދޫކުރެވޭނީ ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުން، އެންމެ ގިނަވެގެން 99 އަހަރުގެ މުއްދަތަށެވެ. އަދި ވިއްކުމުގެ ޒަރީއާއިން ނުވަތަ ވާރުތައިން ނަމަވެސް މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، އަލުން 99 އަހަރާ ހަމައަށް އައު ލީސްހޯލްޑް މުއްދަތެއް ފެށިގެންދާނެތީ، ޖީލުތަކަކަށް ދެމިގެންދާނެ ދާއިމީ ރައްކާތެރިކަން ޕްރޮޕަޓީތަކުގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ މެހެމާންދާރީއާ އެކު ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތަކާއި މެރީނާއަކާއި ވޯޓަރ ފްރަންޓް ހިނގާ މަގުތަކާއި ކެއިންބުއިމާއި ވިޔަފާރި، ވެލްނަސް، ތައުލީމު، ސިއްހީ ޚިދުމަތްތައް އަދި އިޖުތިމާއީ ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ފުރިހަމަ މާހައުލެއް ގާއިމުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ކުރެހުމެއް | އީގަލް ހިލްސް
އީގަލް ހިލްސްއިން ބުނީ، އެ މަޝްރޫއު ތަރައްގީ ކުރާނީ މިހާރު ރަސްމާލޭގައި ހިއްކާފައިވާ ބިމުގައި ކަމަށާއި، އިތުރަށް ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް އެ ކުންފުނިން ނުކުރާނެ ކަމަށެވެ.
މި މަޝްރޫއާ ގުޅޭގޮތުން އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލަޢައްބާރު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކާ އަޅާނުކިޔޭ ފަދަ ގުދުރަތީ ރީތިކަމަކާއި މުޅި ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ޚާއްސަ ގައުމެއް ކަމަށެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކާ އަޅާނުކިޔޭ ފަދަ ޤުދުރަތީ ރީތިކަމަކާއި، މުޅި ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ޚާއްސަ ޤައުމެއް. އަޅުގަނޑުމެންގެ އަމާޒަކީ އެ ބާރުގެ ބޭނުން ފުރިހަމަ ޒިންމާދާރުކަމާއެކު ހިފައި، ހަގީގީ މާނައިގައި ދުނިޔޭގެ ފެންވަރުގެ ތަނެއް ބިނާކުރުންމުހައްމަދު އަލަޢައްބާރު
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި މިއީ ދިވެހި ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމް ކަމަށާއި، ބިލިއަނުން ގުނާލެވޭ ބޭރުގެ އިންވެސްޓްމަންޓްތައް ބޭންކިންގ ނިޒާމުގެ ތެރެއިން ހިނގާނެ ކަމަށެވެ.
ބިލިއަނުން ގުނާލެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އަޅުގަނޑުމެންގެ ބޭންކިންގ ނިޒާމުގެ ތެރެއިން ހިނގައި، ވަޒީފާތައް އުފެދި، ދިވެހި އާއިލާތަކަށް ބޯހިޔާވަހިކަން ލިބި، އަދި ކޮންމެ ވިއްކުމަކުން ދައުލަތަށް ސީދާ އާމްދަނީ ލިބިގެންދާނެ. އަދި މިއީ ޓެކްސް އިނާޔަތްތަކެއް ނުދީ، އަދި ސަރުކާރުން ދަރަންޏެއް ނުނަގައި ހާސިލުކުރެވޭ ކަމެއްޑރ. އަބްދުﷲ މުއްތަލިބު
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ހަރުދަނާ ރިއަލް އެސްޓޭޓް ދާއިރާއެއް ގާއިމުވެ، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ މަތީ އާމްދަނީ ލިބޭ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތަށް ބޮޑު ބާރެއް ލިބޭނެ ކަމަށް ވެސް އީގަލް ހިލްސްއިން ބުނެފައިވެ އެވެ.
މަސްދަރު: https://eaglehills.com/eagle-hills-signs-commercial-terms-agreement-with-the-government-of-maldives-for-new-global-destination-maldives-waterfront-and-marina/









