ރަސްމާލެ މަޝްރޫއުގެ ސިއްރުވެރިކަމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި، މީގެ އަސްލު ހަގީގަތް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގެއް ހިންގައިގެން: ޒަރިޔަންދު
21 ސެޕްޓެމްބަރު 2026 | ހޯމަ 18:44ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން ދީފައިވާއިރު، މި މަޝްރޫއުން ލިބޭނެ ކަމަށް ބުނާ އާމްދަނީއާއި ވަޒީފާގެ އަދަދުތަކާ މެދު ވަނީ ސުވާލު އުފައްދާފައި. މި މުއާމަލާތުގެ މުހިންމު ތަފުސީލުތައް ސިއްރުކޮށްފައިވާތީ، މީގައި ކޮރަޕްޝަނާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް އޮތްތޯ ބަލަން ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައި


އިސްމާއީލް ޒަރިޔަންދު، މުަހައްމަދު އަލައްބާރު އަދި ޑރ. އަބްދުالله މުއްތަލިބު | ރާއްޖެއެމްވީ ގްރެފިކްސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގެ ސިއްރުވެރިކަމުގެ ސަބަބުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށާއި، މި މުއާމަލާތް ފުރިހަމައަށް ތަހުގީގުކުރަން ޖެހޭ ކަމަށް މާލީ ކަންތައްތަކުގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
ޒަރިޔަންދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އިސްރާއީލަށް ފާޅުގައި ތާއީދުކޮށް، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭ މުހައްމަދު އަލައްބާރުގެ ޗެއާމަންކަމުގެ ދަށުން ހިންގާ އީގަލް ހިލްސް ކުންފުންޏަށް، ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދީފައިވާ ކަމަށެވެ.
އޭނާ ފާހަގަކުރައްވާފައިވާ ގޮތުގައި، މިއީ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނިން ބުނާ ގޮތުގައި، މި މަޝްރޫއުން ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު 2 ބިލިއަން ޑޮލަރު ލިބޭނެ އެވެ. ނަމަވެސް، ރިކޯޑް އަދަދަކަށް އާމްދަނީ ލިބުނު ނިމިދިޔަ އަހަރު މުޅި ރާއްޖެއަށް ވެސް ފަތުރުވެރިކަމުން ލިބިފައިވަނީ ގާތްގަނޑަކަށް 5.6 ބިލިއަން ޑޮލަރުކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން 54,000 ވަޒީފާ އުފެދޭނެ ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވާއިރު، މިހާރު މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަނީ ޖުމްލަ 22,000 އެއްހާ ދިވެހިން ކަމަށް ވުމުން، މި އަދަދުތަކުގެ ހަގީގަތާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ.
ޒަރިޔަންދު އިތުރަށް ވިދާޅުވީ، ބިމުގެ ކުލީގެ މިންވަރާއި ފައިސާ ދައްކަންޖެހޭ ގޮތާއި ދައުލަތުން އުފުލަންޖެހޭ އިންތިޒާމްތަކުގެ އިތުރުން މަޝްރޫއު ނިންމަންޖެހޭ ތާރީޚު ފަދަ އެންމެ މުހިންމު މައުލޫމާތުތައް ސަރުކާރުން އަދިވެސް ބަހައްޓާފައިވަނީ ސިއްރުކޮށްފައި ކަމަށެވެ. އަދި މި ސިއްރުވެރިކަމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، މީގެ އަސްލު ހަގީގަތް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގެއް ހިންގައިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު ދާއިމީކޮށް ދެމިއޮންނާނެ ކަމަށް ބަލައިގެން ނުވާނެކަން ހަނދާންކޮށްދެއްވަމުން ޒަރިޔަންދު ވިދާޅުވީ، އަންނަން އޮތް ސަރުކާރަކުން މި މުއާމަލާތް ފުންކޮށް ބަލައި ތަހުގީގު ކުރަންޖެހޭނެ ކަމަށެވެ. އަދި މިކަމުގައި ކޮރަޕްޝަނާއި ރިޝްވަތާއި ޤާނޫނާ ޚިލާފު ކަންތައްތަކެއް ނުވަތަ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ހިމެނޭކަން ކަށަވަރުވެއްޖެނަމަ، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް، އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއެކު ދިވެހި ސަރުކާރުން ހޯމަ ދުވަހު އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން، ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ވަސީލަތްތަކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން، އެންމެ މަތީ ފަންތީގެ ރެޒިޑެންސްތައް ހިމެނެ އެވެ.
ހަމައެއާއެކު، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ހިތްގައިމު ވޯޓަރފްރަންޓް ޕްރޮމެނާޑްތަކުގެ އިތުރުން، ފެންވަރު ރަނގަޅު ރެސްޓޯރެންޓްތަކާއި ވިޔަފާރި މަރުކަޒުތައް މި މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ރޭވިފައިވެ އެވެ.











