Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީގަލް ހިލްސް

އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ހުރި ސުވާލުތަކަށް، މި ސިއްރުކަން ބޮޑު ސަރުކާރަށް ޖަވާބުދެވޭނެތަ؟

23 ސެޕްޓެމްބަރު 2026 | ބުދަ 09:46

ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްފައިވާ 20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫއުގެ މާލީ ތަފްސީލުތަކާއި ފައިނޭންސިންގ އޮނިގަނޑާ މެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައި. މި ކުންފުނިން ސާބިއާ އާއި އަލްބޭނިއާގައި ހިންގި މަޝްރޫއުތަކުގައި އަމަލީ ގޮތުން އިންވެސްޓްކުރި މިންވަރާއި ސަރުކާރުތަކަށް ލިބުނު މަންފާއަށް ބަލާއިރު، ރާއްޖޭގެ އެއްބަސްވުމުގެ ދަށުން އިންވެސްޓަރު ގެންނަންޖެހޭ ރައުސްމާލާއި ލޯނުގެ ތަފްސީލުތައް ހާމަކުރުން މުހިންމު. ސަރުކާރުން މި މަޝްރޫއަކީ އިގްތިސާދު ބަދަލުކޮށްލާނެ ކަމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބޭނެ ހަގީގީ ފައިދާއާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުރި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ސެޕްޓެމްބަރު 2026 | ބުދަ 09:46
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އިންފްރާސްޓަރަކްޗަރ  މިނިސްޓަރާއެކު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އިންފްރާސްޓަރަކްޗަރ މިނިސްޓަރާއެކު | ރައީސް އޮފީސް

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ގާއިމުކުރި އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދު މުޅިން ބަދަލުކޮށްލާނެ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، މައުލޫމާތު ހޯދައި މަޝްވަރާކުރުމަށް ފަހުގަ އެވެ. ސަރުކާރުން ބުނާ ގޮތުގައި "ރަސް މާލެ ވޯޓަރފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމުގެ މި މަޝްރޫއަކީ ގާތްގަނޑަކަށް 20 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ބޭރު ފައިސާ ލިބޭނެ އާ މަގުތަކާއި، އިންވެސްޓްމަންޓްތަކާއި، އިގްތިސާދު ސިންދަފާތުކުރަން ބޭނުންވެފައިވާ ގައުމަކަށް، މިފަދަ ބޮޑު ހުށަހެޅުމަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުމަކީ ނުވެ ނުދާނެ ކަމެކެވެ.

ނަމަވެސް، ކުއްލިގޮތަކަށް އާންމުންނަށް ތިލަވެގެން މި އައި "ބޮޑު އިންވެސްޓްމަންޓަކާއެކު" އުފެދޭ ބައިވަރު ސުވާލުތަކެއްވެސް އެބަހުއްޓެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުންޏަކީ ބައިނަލްއަގުވާމީ މައިދާނުގައި އެ ކުންފުނީގެ މަސައްކަތްތައް ހުރި ގޮތް ދިވެހިންނަށް ބެލެން އޮތް ކުންފުންޏެކެވެ.

ކަނޑައެޅިގެން 20 ބިލިއަން ޑޮލަރު އިންވެސްޓްކުރަން އެއްބަސްވުމާއި، ގިނަ އަހަރުތަކެއްގެ ތެރޭގައި މަޝްރޫއުގެ ޖުމްލަ އަގު 20 ބިލިއަން ޑޮލަރަށް އެރުމަކީ ވަރަށް ބޮޑު ތަފާތެއް

ދިވެހި ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ ރަސް މާލެ މަޝްރޫއަކީ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ.

ނަމަވެސް، އީގަލް ހިލްސްއިން ބުނެފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އަގު އުޅޭނީ 12 ބިލިއަން ޑޮލަރުގައި ކަމަށެވެ. އޭގެ ފަހުން މުހައްމަދު އަލައްބާރު "ދަ ނޭޝަނަލް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންވެސްޓްމަންޓްގެ އަގު 20 ބިލިއަން ޑޮލަރަށް އެރުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން ކަނޑައެޅިގެން 20 ބިލިއަން ޑޮލަރު އިންވެސްޓްކުރަން އެއްބަސްވުމާއި، ގިނަ އަހަރުތަކެއްގެ ތެރޭގައި މަޝްރޫއުގެ ޖުމްލަ އަގު 20 ބިލިއަން ޑޮލަރަށް އެރުމަކީ ވަރަށް ބޮޑު ތަފާތެކެވެ.

އީގަލް ހިލްސްއިން އާންމުކޮށް ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ މަޝްރޫއުތަކަށް ފައިސާ ހޯދަނީ ކުންފުނީގެ ރައުސްމާލާއި، ލޯނާއި، އަދި އިމާރާތްތައް ނިމުމުގެ ކުރިން ވިއްކައިގެން (ޕްރީ-ސޭލްސް) ލިބޭ ފައިސާއިންނެވެ.

އެހެންކަމުން، ރާއްޖެއިން ކުރަންޖެހޭ އެންމެ ފުރަތަމަ ސުވާލަކީ މިއީއެވެ. އީގަލް ހިލްސްއިން އަމިއްލަ ރައުސްމާލުގެ ގޮތުގައި ރާއްޖެއަށް ގެންނަން އެއްބަސްވުމުން ލާޒިމުކުރަނީ ކިހާ ފައިސާއެއް ހެއްޔެވެ؟ ލޯނުގެ ގޮތުގައި ނަގަނީ ކިހާވަރެއް ހެއްޔެވެ؟ އަދި މަޝްރޫއަށް ފައިނޭންސް ކުރަން ނިންމާފައިވަނީ އިމާރާތްތައް ކުރިއާލާ ވިއްކައިގެން ލިބޭ ފައިސާއިން ހެއްޔެވެ؟

މިހާތަނަށް ސަރުކާރުން މި ތަފްސީލުތައް އާންމުކޮށް ހާމަކޮށްފައެއް ނުވެއެވެ.

ސާބިއާގެ "ބެލްގްރޭޑް ވޯޓަރފްރަންޓް" މަޝްރޫއުގައި އީގަލް ހިލްސްއިން އަމަލުކުރި ގޮތް: 

ކުންފުންޏާ ގުޅޭގޮތުން ބޭރު ދުނިޔޭގެ މަޝްރަހުގައި ފެންނަން ހުރި ރިޕޯޓުތަކަށް ބަލާއިރު، މިކަމުގައި ބަލާލަން އެންމެ ރަނގަޅު އެއް މިސާލަކީ ސާބިއާގެ "ބެލްގްރޭޑް ވޯޓަރފްރަންޓް" މަޝްރޫއުގައި އީގަލް ހިލްސްއިން އަމަލުކުރި ގޮތެވެ.

އެ މަޝްރޫއު ފުރަތަމަ އިޝްތިހާރު ކުރީ ވަރަށް ބޮޑު މަޝްރޫއެއްގެ ގޮތުގައެވެ. ނަމަވެސް އޭގެ ފައިނޭންޝަލް އޮނިގަނޑާއި ސާބިއާ ސަރުކާރަށް ލިބުނު މަންފާއާ މެދު އެ ގައުމުގެ މީޑިއާތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.

2024 ވަނަ އަހަރު ސާބިއާގެ ހަފުތާ މަޖައްލާއެއް ކަމަށްވާ "ރާޑާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ވިއްކައިގެން ބެލްގްރޭޑް ވޯޓަރފްރަންޓަށް ގާތްގަނޑަކަށް 836 މިލިއަން ޔޫރޯ ލިބުނެވެ.

ނަމަވެސް، އެ މަޝްރޫއު ހިންގާ ކުންފުނީގެ ތިންބައިކުޅަ އެއްބައި ހިއްސާ ސާބިއާ ސަރުކާރުގެ އޮތް ނަމަވެސް، އެ މުއްދަތުގައި ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް ލިބުނީ އެންމެ 9.9 މިލިއަން ޔޫރޯއެވެ. މިއީ ސާބިއާގެ ކޮންމެ ރައްޔިތަކަށް ގާތްގަނޑަކަށް 1.50 ޔޫރޯއެވެ.

މިއިން އެނގިގެންދަނީ މަޝްރޫއެއްގެ ބޮޑު ހިއްސާއެއް ސަރުކާރުގެ އޮތުމަކީ، އެ މަޝްރޫއަކުން ސަރުކާރަށް ލިބޭނެ ފައިސާގެ އަދަދު އަންގައިދޭ ކަމެއް ނޫން ކަމެވެ.

އެއަށްވުރެ، މަޝްރޫއުގެ ފައިނޭންސިންގ އޮނިގަނޑު ރޭވިފައިވާ ގޮތް މާ މުހިންމެވެ.

ބެލްގްރޭޑް ވޯޓަރފްރަންޓްގެ މާލީ ރިޕޯޓްތަކުން ދައްކާ ގޮތުގައި އީގަލް ހިލްސްއާ ގުޅުންހުރި ކުންފުނިތަކާއެކު ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވެއެވެ. ފޯބްސް ސާބިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީގަލް ހިލްސްގެ މައި ހިއްސާދާރުގެ އަތުން ނަގާފައިވާ ދިގުމުއްދަތުގެ ލޯނުތަކާއެކު، އެ ކުންފުންޏަށް ބިލިއަނުން ސާބިއާ ދީނާރު ދައްކަން ޖެހިފައިވެ އެވެ.

އެހެންކަމުން، އިންވެސްޓްމަންޓްގެ ބޮޑު އަދަދާއި ސަރުކާރުގެ ހިއްސާގެ ވާހަކަ ދައްކާއިރު، އޭގެ އަޑީގައިވާ ތަފްސީލުތައް އެނގެން ޖެހެނީ އެހެންވެއެވެ.

އަލްބޭނިއާގައި އީގަލް ހިލްސްއިން ހިންގާ "ދުރޭސް މެރީނާ" މަޝްރޫއު

އަލްބޭނިއާގައި އީގަލް ހިލްސްއިން ހިންގާ "ދުރޭސް މެރީނާ" މަޝްރޫއަށް ވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ގާތްގަނޑަކަށް 2 ބިލިއަން ޔޫރޯގެ މި މަޝްރޫއުގައި އަލްބޭނިއާ ސަރުކާރަކީ ކުޑަ ހިއްސާއެއް އޮންނަ ފަރާތެކެވެ.

މި މަޝްރޫއާ ގުޅޭގޮތުން އާންމުކޮށްފައިވާ މާލީ ތަފްސީލުތަކުން ދައްކާ ގޮތުގައި، ފައިސާ ހޯދަނީ އެކި ގޮތްގޮތުންނެވެ. އޭގެ ތެރޭގައި އީގަލް ހިލްސްގެ ރައުސްމާލާއި، ލޯނާއި، ކަސްޓަމަރުންނަށް ކުރިއާލާ ވިއްކައިގެން ލިބޭ ފައިސާއާއި، ބޭންކް ލޯނުގެ އިތުރުން އީގަލް ހިލްސް މެދުވެރިކޮށް ހޯދާ ތިންވަނަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ހިމެނެއެވެ.

މީގެ މާނައަކީ، ބޮޑު މަޝްރޫއެއްގެ އަގުގެ ގޮތުގައި އިއުލާނުކުރާ އަދަދަކީ އެއީ މުޅިން އިންވެސްޓަރުގެ އަމިއްލަ ފައިސާ ކަމަށް ބަލައިގެން ނުވާނެ ކަމެވެ.

އަލްބޭނިއާގެ އިންވެސްޓިގޭޓިވް ރިޕޯޓްތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އެޕާޓްމަންޓްތައް ކުރިއާލާ ވިއްކައިގެން ލިބޭ ފައިސާއަށާއި، އިންވެސްޓަރުން އަމަލީ ގޮތުން އެ މަޝްރޫއަށް ލާފައިވާ ފައިސާގެ މިންވަރަށެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވާ ގޮތުގައި އީގަލް ހިލްސްއާއެކު ކުރިއަށް ދިޔައީ ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށް ފަހުގައެވެ. އެހެންކަމަށްވާނަމަ، ސާބިއާއާއި އަލްބޭނިއާ ފަދަ ގައުމުތަކުގެ ތަޖުރިބާ އެ ދިރާސާގައި ހިމެނެން ޖެހޭނެއެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، އީގަލް ހިލްސްގެ މަޝްރޫއަށް އެއްވެސް ޓެކްސް އިނާޔަތެއް ނުވަތަ ޓެކްސްއިން އިސްތިސްނާވުމެއް ނުލިބޭނެއެވެ. އަދި ރަސް މާލޭގައި ހިންގާ ހުރިހާ ހަރަކާތަކުން ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ޓެކްސް ނަގާނެއެވެ. މީގެ އިތުރުން، އީގަލް ހިލްސްއިން އަޅާ 5,000 ހައުސިންގ ޔުނިޓަށް ސަރުކާރުން އެއްވެސް ސޮވެރިން ގެރެންޓީއެއް ނުދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ނަމަވެސް، ރާއްޖޭގެ އަހަރީ އިގްތިސާދަށްވުރެ އެތައް ގުނައެއް ބޮޑު، 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއާ ގުޅޭ ހުރިހާ ސުވާލަކަށް މިއިން ޖަވާބެއް ނުލިބެއެވެ.

ރައްޔިތުންނަށް ޖަވާބުދޭންޖެހޭ އެތައް ސުވާލެއް!

އެއްބަސްވުމުގައި ހިމެނޭ ކަންކަން ރައްޔިތުންނަށް ސާފުވާން ޖެހެއެވެ. އީގަލް ހިލްސްއިން އަމިއްލަ ރައުސްމާލުގެ ގޮތުގައި ލާންޖެހޭ ފައިސާގެ އަދަދަކީ ކޮބައި ހެއްޔެވެ؟ މަޝްރޫއުގެ ކިހާ މިންވަރެއް ލޯނުން ފައިނޭންސް ކުރާނެ ހެއްޔެވެ؟ އެ ލޯނުތައް ދެނީ ކޮން ބައެއް ހެއްޔެވެ؟ އީގަލް ހިލްސްއާ ގުޅުންހުރި ކުންފުނިތަކުން ރާއްޖޭގެ މަޝްރޫއު ހިންގާ ކުންފުންޏަށް ލޯނު ދެވޭނެ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އިންޓްރެސްޓް ރޭޓަކީ ކޮބައި ހެއްޔެވެ؟ ފައިދާ ބެހުމުގެ ކުރިން މި ހަރަދުތައް ކަނޑާނެ ހެއްޔެވެ؟ އިމާރާތްތައް ކުރިއާލާ ވިއްކައިގެން ލިބޭ ފައިސާއަށް ބަރޯސާވަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އީގަލް ހިލްސްއަށް ލިބެނީ ކޮން ބިމެއް ހެއްޔެވެ؟ އަދި ކިހާ މުއްދަތަކަށް ހެއްޔެވެ؟

މަޝްރޫއު ހިންގާ ކުންފުނީގެ ކޮންޓްރޯލް އޮންނާނީ ކާކަށް ހެއްޔެވެ؟ ބޯޑު މެންބަރުން އައްޔަންކުރާނީ ކާކު ހެއްޔެވެ؟ އުންމީދުކުރި އިންވެސްޓްމަންޓް ނުލިބިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ވަކި މުއްދަތުތަކެއްގެ ތެރޭގައި އިންވެސްޓްކުރަންޖެހޭ އެންމެ މަދު މިންވަރެއް ކަނޑައަޅާފައިވޭ ހެއްޔެވެ؟ އެކަން ނުވެއްޖެނަމަ ރާއްޖެއަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟

އަދި އެންމެ މުހިންމު ކަމަކީ، މި މުޅި ވިޔަފާރީގެ އޮނިގަނޑު މިނިވަންކަމާއެކު ދިރާސާކުރެވޭނެ ގޮތަށް ހާމަކުރާނެ ހެއްޔެވެ؟

ޤައުމުތަކުގެ ޤާނޫނީ އޮނިގަނޑާއި، ތިމާވެށީގެ ޤަވާއިދުތަކަށް ބަދަލު ގެންނަން މަޖުބޫރުވާ ޙާލަތްތައްވެސް އާދޭ!

ވޭތުވެދިޔަ އަހަރުތަކުގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، އީގަލް ހިލްސް ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކުން ދިގުމުއްދަތުގެ ފައިދާ ލިބޭނެ ކަމަށް ވައުދުވި ނަމަވެސް، އެ މަޝްރޫއުތައް ހިންގާ ގައުމުތަކަށް އެކަށީގެންވާ މާލީ މަންފާއެއް ލިބިފައެއް ނުވެ އެވެ. މިހާތަނަށް ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖޯޖިއާ ފަދަ ގައުމުތަކުން މި މަޝްރޫއުތަކުގެ ނަންމަތީ ހިއްސާދާރަކަށް ވީނަމަވެސް، އަމަލީ ގޮތުން ހުރިހާ ބާރެއް އޮންނަނީ ޔޫއޭއީގެ ބައިވެރިންގެ އަތްމަތީގަ އެވެ.

މީގެ އިތުރުން، އީގަލް ހިލްސްގެ މަޝްރޫއުތަކަކީ އާންމު ޕްލޭނިންގް ގަވާއިދުތަކާއި، މަސައްކަތްތެރިންގެ ހައްގުތަކާއި، ދައުލަތުގެ އުސޫލުތަކުން އިސްތިސްނާ ހޯދައިގެން ހިންގާ މަޝްރޫއުތަކަކަށް ވާތީ، އޭގެ ސަބަބުން އުފެދޭ ވަޒީފާތަކުގެ އަދަދާއި ފެންވަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި މި މަޝްރޫއުތަކުގެ ދަށުން ބިނާކުރާ ބޯހިޔާވަހިކަމަކީ އެ ގައުމެއްގެ އާންމު ރައްޔިތުންނަށް އަތްފޯރާ ފަށުގެ ތަންތަނަށް ނުވާއިރު، މި ތަންތަން މައިގަނޑު ގޮތެއްގައި ވިއްކަނީ ބޭރުގެ އިންވެސްޓަރުންނަށެވެ.

ނުވިތާކަށް، އީގަލް ހިލްސް ކުންފުންޏާއެކު މަޝްރޫއުތައް ހިންގާއިރު ޤައުމުތަކުގެ ޤާނޫނީ އޮނިގަނޑާއި، ތިމާވެށީގެ ޤަވާއިދުތަކަށް ބަދަލު ގެންނަން މަޖުބޫރުވާ ޙާލަތްތައްވެސް އައިސްފައި އެބަހުއްޓެވެ. ޖޯޖިއާގައިވެސް އެފަދަ ބައެއް ޤާނޫނުތަކަށް ބަދަލު ގެންނަން ޖެހުނެވެ. 

މި ހާމަވެފައިވާ މައުލޫމާތުތަކާއެކު ބޮޑު ސުވާލެއް ވަނީ އުފެދިފައެވެ. އެއީ ދައުލަތަށް މާލީ ގޮތުންނާއި ގާނޫނީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، އާންމުންނަށް ލިބޭ ފައިދާ ކުޑަ މިފަދަ މަޝްރޫއުތައް ދިފާއުކުރުމަށް ސަރުކާރުން ދައްކާނެ ހުއްޖަތަކީ ކޮބައިތޯއެވެ؟ 

 

އީގަލް ހިލްސްޔޫއޭއީޑރ. އަބްދުﷲ މުއްތަލިބު

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ ސިއްރުވެރިކަމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި، މީގެ އަސްލު ހަގީގަތް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގެއް ހިންގައިގެން: ޒަރިޔަންދު

21 ސެޕްޓެމްބަރު 2026
 ރަސްމާލެ މަޝްރޫއުގެ ސިއްރުވެރިކަމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި، މީގެ އަސްލު ހަގީގަތް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގެއް ހިންގައިގެން: ޒަރިޔަންދު
21 ސެޕްޓެމްބަރު 2026

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ ކުންފުންޏަކާ ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2026
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ ކުންފުންޏަކާ ހަވާލުކޮށްފި
10 ސެޕްޓެމްބަރު 2026

އަލްޖީރިއާ އިން ޔުނައިޓެޑް އެރަބް އެމިރޭޓްސް އާ ގުޅުން ކަނޑާލައި، ސަފީރު ފުރަން އަންގައިފި

10 ސެޕްޓެމްބަރު 2026
އަލްޖީރިއާ އިން ޔުނައިޓެޑް އެރަބް އެމިރޭޓްސް އާ ގުޅުން ކަނޑާލައި، ސަފީރު ފުރަން އަންގައިފި
05 ސެޕްޓެމްބަރު 2026

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

05 ސެޕްޓެމްބަރު 2026
ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ
02 ސެޕްޓެމްބަރު 2026

ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި

02 ސެޕްޓެމްބަރު 2026
ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި
31 އޯގަސްޓު 2026

އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި

31 އޯގަސްޓު 2026
އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި
24 އޯގަސްޓު 2026

މި ސަރުކާރަކީ ޖޯކެއް، އައްޑޫ ރައްޔިތުން ބުނަނީ ލިންކު ރޯޑް ނުހެދޭނަމަ އަވަހަށް އިހުތިސާސް އިން ވަކިކޮށް މަސައްކަތް ނިންމަން: ދީދީ

24 އޯގަސްޓު 2026
މި ސަރުކާރަކީ ޖޯކެއް، އައްޑޫ ރައްޔިތުން ބުނަނީ ލިންކު ރޯޑް ނުހެދޭނަމަ އަވަހަށް އިހުތިސާސް އިން ވަކިކޮށް މަސައްކަތް ނިންމަން: ދީދީ
10 އޯގަސްޓު 2026

ޔޫއޭއީގެ މުހިންމު ދާއިރާތަކަށް ދިން ވަރުގަދަ ސައިބަރ ހަމަލާތައް ނާކާމިޔާބުކޮށްލައިފި

10 އޯގަސްޓު 2026
ޔޫއޭއީގެ މުހިންމު ދާއިރާތަކަށް ދިން ވަރުގަދަ ސައިބަރ ހަމަލާތައް ނާކާމިޔާބުކޮށްލައިފި
06 އޯގަސްޓު 2026

މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ އުކުޅަހުގެ 50 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

06 އޯގަސްޓު 2026
މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ އުކުޅަހުގެ 50 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
03 އޯގަސްޓު 2026

އަމީނީ މަގުގައި މިސަރުކާރުން ތާރު އެޅި ސަރަހައްދު ހަލާކުވުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ސަރުކާރުން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެ

03 އޯގަސްޓު 2026
އަމީނީ މަގުގައި މިސަރުކާރުން ތާރު އެޅި ސަރަހައްދު ހަލާކުވުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ސަރުކާރުން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް