ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ
26 އޯގަސްޓު 2026 | ބުދަ 13:02ނޭޕާލްގެ ފަރުބަދަމަތީ ސަރަހައްދުތަކަށް ކުއްލި ފެންބޮޑުވުމެއް ކުރިމަތިވެ، ގިނަ އަދަދެއްގެ ފަތުރުވެރިން ގެއްލި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ. ގަނޑުފެންގަނޑެއް ކަނޑައިގެން ދިއުމުގެ ސަބަބުން ކުރިމަތިވި މި ކާރިސާއާ ގުޅިގެން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާއިރު، މީހުން ސަލާމަތްކުރުމަށް ސަރުކާރުން މިހާރު ދަނީ ހެލިކޮޕްޓަރުތަކާއި ޚާއްސަ ފައުޖުތައް ބޭނުންކުރަމުން
ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު މަރުވެ ގިނަ އަދަދެއްގެ މީހުން ގެއްލިއްޖެ. މި ގުދުރަތީ ކާރިސާގައި އެ ގައުމުގެ ގިނަ އަދަދެއްގެ ފާލަންތަކާއި އިންޖީނުގެތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ސުންނާފަތިވެފައި | ސޯޝަލް މީޑިއާ
ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި މަދުވެގެން އަށް މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.
ނޭޕާލްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ޓިބެޓާ ކައިރި ސަރަހައްދުތަކަށް ކުރިމަތިވި މި ބޮޑު ފެންބޮޑުވުމުގައި، މަގުތަކާއި ފާލަންތަކުގެ އިތުރުން ކަރަންޓު އުފައްދާ ނިޒާމުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މި ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ނޭޕާލް ސަރުކާރުން މިހާރު ވަނީ ހެލިކޮޕްޓަރުތައް ފޮނުވަން ފަށާފަ އެވެ.
ބުދަ ދުވަހު ކުރިމަތިވި މި ފެންބޮޑުވުމުގެ ހާދިސާގައި 384 ފަތުރުވެރިން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ އިރު، މީގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، އިންޑިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކަށް ނިސްބަތްވާ 291 މީހުން ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ނޭޕާލްގެ ފަރުބަދަަމަތީ ސަރަހައްދެއް ކަމަށްވާ، ގާތްގަނޑަކަށް 50،000 މީހުންގެ އާބާދީއެއް އޮންނަ ރަސުވާ ޑިސްޓްރިކްޓްގެ ސިއާޕްރޫ ބޭސީ އާއި ތިމޫރޭ ސަރަހައްދުގައި ފެންބޮޑުވެފައިވާ މިންވަރު ބޮޑުކަމުން، އެ ސަރަހައްދުތަކަށް ހެލިކޮޕްޓަރު ޖެއްސޭ ގޮތް ނުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެ އެވެ.
"މި ހާދިސާގައި މަރުވި މީހުންގެ އަދަދު ނުވަތަ މުދަލަށް ލިބުނު ގެއްލުން ވަރަށް ބޮޑުވުން އެކަށީގެންވޭ،" ރަސުވާ ޑިސްޓްރިކްޓްގެ އެޑްމިނިސްޓްރޭޓަރު ނަރެންދުރަ ޕަރިޔާރު ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ. "ނަމަވެސް މިވަގުތު ޔަގީންކަމާއެކު ވަކި އެއްޗެއް ބުނާކަށް ނޭނގޭ."
ކައިރި އަވަށްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ސައިޓުތައް ފެނުގެ ތެރެއަށް ގެނބިގެން ގޮސްފައިވާ ކަމުގެ ރިޕޯޓުތައް ލިބެމުންދާތީ، ބޯޓޭ ކޯޝީ ކޯރުގެ އައްސޭރީގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުސް ސަރަހައްދުތަކަށް ބަދަލުވުމަށް ޕަރިޔާރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މި ހާދިސާގެ އަސަރު ސަރަހައްދީ ރޮނގުން ބޭރަށް ވެސް ކޮށްފައިވާ އިރު، ޗައިނާ އާއި ނޭޕާލް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ޓިބެޓްގެ ގީރޮންގް ކައުންޓީއަށް ކުރިމަތިވި ބޯކޮށް ކިސަޑު ފޭބުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، ބައެއް މީހުން ގެއްލިފައިވާ ކަމަށް ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ، ޒިންހުއާއިން ރިޕޯޓުކޮށްފައިވެ އެވެ.
ޒިންހުއާއިން އިތުރަށް ބުނި ގޮތުގައި، މި ބޯ ކިސަޑު ޗައިނާގެ ގީރޮންގް ސަރަހައްދަށް ފޭބުމުގެ ސަބަބުން ޝިގަޓްސޭ ސަރަހައްދުގެ މަގުތަކާއި، މުވާސަލާތީ ޚިދުމަތްތަކުގެ އިތުރުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފަ އެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އެ އެޖެންސީން ހާމައެއް ނުކުރެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވާފަ އެވެ. އަދި އިތުރު ކާރިސާއެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ކަންކަން މޮނިޓަރުކުރާ ނިޒާމުތަކާއި ކުރިއާލާ އިންޒާރުދޭ ނިޒާމުތައް ވަރުގަދަކުރުމަށް އެމަނިކުފާނު އިރުޝާދު ދެއްވި އެވެ.
ނޭޕާލްގެ ކްލައިމެޓް ޖަސްޓިސް އެކްޓިވިސްޓެއް ކަމަށްވާ ޕްރަޔާޝް އަދިކާރީ ވިދާޅުވި ގޮތުގައި، މި ބިރުވެރި ފެންބޮޑުވުމުގެ ސަބަބުން މުޅި އަވަށްތައް ވަނީ ފޮހެވިގެން ގޮސްފަ އެވެ.
ކަތުމަންޑޫގައި ހުރެ އަލްޖަޒީރާއާ ވާހަކަދައްކަމުން އަދިކާރީ ބުނީ، އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާ އިރު، މި ހާދިސާގައި އިމާރާތްތަކާއި، ސްކޫލްތަކާއި، ފާލަންތަކުގެ އިތުރުން ހައިވޭތައް ވެސް ސުންނާފަތިވެފައިވާ ކަމަށެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑުން
ނޭޕާލް ފުލުހުންނާއި އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފަރުބަދަަމަތީ ވާދީތަކުގެ ތެރެއިން ކަޅު ކުލައިގެ ބޯ ފެންގަނޑުތައް ވަރަށް ބާރުމިނުގައި ދެމެމުންދެ އެވެ.
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ނެރޭ އިނގިރޭސި ނޫހެއް ކަމަށްވާ "ރިޕަބްލިކާ ޑެއިލީ" ގެ އެޑިޓަރު ކޯޝް ރާޖް ކޮއިރާލާ ބުނީ، މި ފެންބޮޑުވުން ކުރިމަތިވީ ބޯކޮށް ވާރޭ ނުވެހި އޮއްވާ ކަމަށްވުމުން، ގިނަ ބަޔަކަށް މިކަމަށް ތައްޔާރުވާނެ ފުރުސަތެއް ނުލިބުނު ކަމަށެވެ.
"މީހުން ތިބީ ގޭގައި... އެތައް ގެއެއް ވަނީ ކޯރުގެ އޮއިވަރުގައި ޖެހި ބެހިގެން ގޮސްފައި،" ކޮއިރާލާ އަލްޖަޒީރާއަށް މައުލޫމާތު ދިނެވެ.
މި ހާލަތާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހް ވަނީ ނޭޝަނަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އޮތޯރިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ހާލަތު ވަޒަންކުރައްވާފަ އެވެ.
"މެޑިކަލް ޓީމުތަކާއި، ސްކައުޓުން އަދި ރެޑް ކްރޮސްއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ޝާހް ވިދާޅުވި އެވެ.
ނޭޕާލްގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދަށް މިހާރު ވަނީ ހެލިކޮޕްޓަރުތަކާއި ކާރިސާތަކަށް އިޖާބަދޭ ޚާއްސަ ފައުޖުތައް ފޮނުވާފަ އެވެ.
"ލިބުނު ގެއްލުންތަކުގެ ތަފްސީލު އެއްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް،" އަސްކަރިއްޔާގެ ބަޔާނުގައިވެ އެވެ.
ނޭޕާލް އިލެކްޓްރިސިޓީ އޮތޯރިޓީން ހާމަކުރި ގޮތުގައި، އޮއިވަރުން އުފައްދާ ކަރަންޓާއި ސޯލާ ހަކަތަ ހިމެނޭހެން ގާތްގަނޑަކަށް 430 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ހުރި ވަސީލަތްތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
"މި ކާރިސާގެ ސަބަބުން ކަރަންޓު އުފައްދާ، ފޮނުވައިދޭ އަދި ފަތުރައިދޭ ނިޒާމުތަކަށް ގެއްލުންވެ، ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައި،" އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން، ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ބައެއް މައި ހައިވޭތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ކާރިސާގެ އަސްލަކީ 'ފަރުބަދަމަތީ ގަނޑުފެންގަނޑަކުން ބައެއް ކަނޑައިގެން ދިއުން' ކަމަށް ބެލެވޭ
ނޭޕާލްގައި ހުންނަ އިންޓަނޭޝަނަލް ސެންޓަ ފޯ އިންޓަގްރޭޓެޑް މައުންޓަން ޑިވެލޮޕްމަންޓްގެ މޫސުމީ މާހިރުން ވިދާޅުވާ ގޮތުގައި، މި ކުއްލި ފެންބޮޑުވުން ކުރިމަތިވީ ގަނޑުފެންގަނޑަކުން (ގްލޭޝިއާ) ބޮޑު ބައެއް ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް ބެލެވެ އެވެ.
އެ މާހިރުން ވިދާޅުވީ، ބޯޓޭ ކޯޝީ ކޯރަށް ވާސިލުވާ ޅެންޑޭ ކޯލާ ކޯރުގައި ބުދަ ދުވަހު ފެންބޮޑުވީ އާދަޔާ ހިލާފު މިންވަރަކަށް ކަމަށެވެ.
"ވޭތުވެދިޔަ 14 މަސްދުވަހުގެ ތެރޭގައި ޅެންޑޭ ކޯލާ ދެ ފަހަރަށް ފެންބޮޑުވެއްޖެ. މިފަހަރު މިކަން ދިމާވީ ނޭޕާލް ފަޅީގައި އޮތް ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް ގަނޑުފެނާއި، ހިލަ އެކުވެގެން އުފެދުނު އެވަލާންޗެއް (ގަނޑުފެނާއި ހިލަ މަސްހުނިވެގެން ފޭބި ފެންގަނޑެއް) އުފެދި ފެންގަނޑު ތިރިއަށް ދެމިގަތުން،" މޫސުމީ ދިރާސާކުރާ ގްރޫޕްގެ ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޕެޝަލިސްޓް ސަސްވަތާ ސަންޔާލް ވިދާޅުވި އެވެ.
މޫސުމީ އެކްޓިވިސްޓް އަދިކާރީ އަލްޖަޒީރާއަށް ބުނީ، އާންމު ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ކުރިއާލާ އިންޒާރުދޭ ނިޒާމުތައް ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
"މޫސުމީ ބޮޑު ކާރިސާއެއްގެ ތުންފަތްމަތީގައި ތިބި އިރު، މިކަން މުޅިން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން. އެކަމަކު އަދިވެސް އަޅުގަނޑުމެންގެ މުޖުތަމައުތައް ރައްކާތެރިކުރެވިދާނެ،" އޭނާ ބުންޏެވެ.
ބޯޓޭ ކޯޝީ ކޯރު ފެށެނީ ޓިބެޓުންނެވެ. އެ ކޯރު ނޭޕާލްގެ ތްރިޝޫލީ ކޯރާ ގުޅި، އެންމެ ފަހުން އިންޑިއާއަށް ވަންނަނީ ގަންޑަކް ކޯރުގެ ނަމުގަ އެވެ.
މޫސުމީ ކަންކަން މޮނިޓަރުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިދިޔަ އަހަރު ވެސް ބޯޓޭ ކޯޝީ ކޯރު ފެންބޮޑުވެ ނުވަ މީހުން މަރުވެ 24 މީހުން ގެއްލުނެވެ. އަދި ނޭޕާލާއި ޗައިނާ ގުޅުވައިދޭ "ފްރެންޑްޝިޕް ބްރިޖް" ކަނޑައިގެން ގޮސް، އެތައް މަހެއް ވަންދެން ދަތުރުފަތުރާއި ވިޔަފާރިއަށް ހުރަސް އެޅުނެވެ. އެ ފަހަރުގެ ފެންބޮޑުވުން ކުރިމަތިވީ ޓިބެޓްގައި އޮންނަ ގަނޑުފެންގަނޑެއްގެ މަތީގައި އުފެދިފައިވާ ކުޑަ ކޯރެއް ނުވަތަ ފެންގަނޑެއް (ސުޕްރަގްލޭޝިއަލް ލޭކް) ފަޅައިގެން ގޮސް ފޭބުމުގެ ސަބަބުންނެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުން ސެޕްޓެމްބަރު މަހަށް ކުރާ މޫސުމީ ވިއްސާރައިގައި ދެކުނު އޭޝިއާގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި ފެންބޮޑުވުމާއި ކިސަޑު ފޭބުންފަދަ ހާދިސާތައް އާންމުކޮށް ހިނގަ އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ސަރަހައްދުގައި މޫސުމީ ނުރައްކާތެރި ހާދިސާތައް ކުރިމަތިވާ މިންވަރު އިތުރުވެ، އޭގެ ބާރުގަދަވަމުންދެ އެވެ.










