ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟
22 ސެޕްޓެމްބަރު 2026 | އަންގާރަ 14:30ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކުރުމާއި ދުންފަތުގެ ޑިއުޓީ ބޮޑުކުރުން ފަދަ ކަންކަމުގައި ރައީސް ޑރ. މުއިއްޒު ކުރިން ދެއްކެވި ވާހަކަފުޅުތަކާއި އަމަލީ މަސައްކަތްތަކާ އެއްގޮތަކަށް ވެސް ދިމާނުވާކަން މިއީ ރައްޔިތުންނަށް އެނގޭ، ރައްޔިތުން ގަބޫލު ކުރާ ހަގީގަތެއް. ސަރުކާރުން ހާމަކުރާ މައުލޫމާތާއި ހިނގަމުންދާ ކަންކަމާ ދިމާނުވާތީ، ރައްޔިތުންނަށް ހަގީގަތް އޮޅުވާލަމުންދާ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި


ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅެއް ވިދާޅުވީމާ މިހާރު ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ އެކަން ވާނީ، އެމަނިކުފާނު އެ ވިދާޅުވިގޮތާ ދިމާ އިދިކޮޅަށް ކަން ޔަގީންވުމެވެ. މިއީ މިއަދު ގިނަ ދިވެހި ރައްޔިތުންނަށް ޔަގީންވާ އެއް ކަމެކެވެ. ނުކުރައްވާނެ ކަމަށް ވިދާޅުވާ ކަންކަން ކުރެއްވުމާއި ކުރައްވާނެ ކަމަށް ވިދާޅުވާ ކަންކަން ނުކުރެއްވުމުގައި، ރައީސް މުއިއްޒަކީ ހަމަ ޗެމްޕިއަނެކެވެ. އެގޮތުން މިފަހަރު، މި ސަރުކާރުން ބޭރުގެ ފަރާތްތަކަށް ބިޔަ މަޝްރޫއުތައް ހިންގަން ރާއްޖެއިން ބިން ދިނުމުގައި، އާންމުންނާއި ނޫސްވެރިންގެ ކުރިމަތީގައި ދައްކާ ވާހަކަ އާއި އަމަލީގޮތުން ކަންކަން ކުރާ ގޮތް ދިމާނުވުން މިވަނީ ފާހަގަކުރެވިފަ އެވެ.
ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާފާނެފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، ބޭރުގެ އެއްވެސް ފަރާތަކަށް މި ގައުމުގެ ފަސްގަނޑުން ވެލިފުކެއް ވެސް، އިންޗިއެއް ވެސް ނުދެއްވާނެ ކަމަށް ވައުދުވެވަޑައިގަތުމަށްފަހު، ސަރުކާރުން އެ ބުނާ ބަހާ މުޅިން ޚިލާފަށް ބިޔަ، ބޮޑެތި މަޝްރޫއުތަކުގެ ނަން ބޯޑު އަޅުވައިގެން ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ ބިން ހަވާލުކުރާ މަންޒަރު ފެނުނީމާ ދެން ބުނާނީ ވެސް ވަކި ކީކޭ ހެއްޔެވެ. ރަސްމާލެ ތަރައްގީ ކުރުމަށްޓަކައި ކަމަށް ބުނެ ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާ އެ ހަވާލުކޮށްލީ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ.
ހެއްވާ ކަމަކީ މީގެ ދެތިން ހަފްތާއެއްހާ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު، މިފަދަ އެއްވެސް ކަމެއް ހިނގަމުން ނުދާ ކަމަށް ވިދާޅުވެ، އެ ވާހަކަތައް މުޅިން ދޮގުކުރައްވާފައިވާތީ އެވެ. ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ ޔޫއޭއީގެ ކުންފުންޏަކަށް ޕަރލް ރެޒިޑެންސް މަޝްރޫއުގެ ދަށުން ރަސްމާލެއިން އެއްވެސް ތަނެއް ދޭން ސަރުކާރުން ނުޅޭ ކަމަށާއި، އެއީ ހަމަ އެއްގޮތަކަށް ވެސް ހަގީގީ ވާހަކައެއް ނޫން ކަމަށެވެ. މާ ގިނަ ދުވަހެއް ނުވަނީސް، އަބޫދާބީގެ އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލައްބާރާއި، ދިވެހި ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ މި ބިޔަ މަޝްރޫއުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރައްވާފަ އެވެ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި މަތީ ފަންތީގެ ބްރޭންޑެޑް ރެޒިޑެންސްތަކާއި ބޮޑު މެރީނާއެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.
ކޮންމެއަކަސް، ސަރުކާރުގެ މިފަދަ ސިޔާސަތު ބަދަލުވުމާއި، ކުރިން ދެއްކި ވާހަކާ ފުށުއަރާ ކަންކަން ހިނގުމަކީ އައު ކަންކަމެއް ނޫނެވެ. މީގެ ކުރިން ދުންފަތުގެ ޑިއުޓީއަށް ގެންނަން އުޅޭ ބަދަލުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލެއް ދެންނެވުމުން ވެސް ރައީސް މުއިއްޒު ވަރަށް ބޮޑަށް ކޯފާވެވަޑައިގެން، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެފަދަ ކަމެއް ސަރުކާރުން ކުރަން ނޫޅޭ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭގެ އެންމެ ދެ ހަފްތާ ފަހުން ފެނިގެން ދިޔައީ ހަމަ އެ ދުންފަތުން ނަގާ ޑިއުޓީ އަށް ސަރުކާރުން ބޮޑެތި ބަދަލުތައް ގެނައި މަންޒަރެވެ. މި ހުރިހާ ކަމަކަށް ފަހު ވެސް، މި ސަރުކާރުން ދައްކާ ވާހަކަ ރައްޔިތުން ގަބޫލު ކުރާނެ ކަމަށް ސަރުކާރުން ހީކުރާނަމަ އެއީ ދެން ވަރަށް މަޖާ ކަމެކެވެ.
ރައީސް މުއިއްޒަކީ އެއް ކަމަކަށް ވަރަށް ގާބިލު، އެފަދަ އެހެން ދެވަނަ އެއް ނުވާފަދަ ބޭފުޅެކެވެ. އެއީ ފެންނަން ހުންނަ ކަންކަމުގައި ވެސް ދޮގުހެއްދެވުމާއި، ހިނގަމުންދާ ކަންކަމަކީ ވެސް ނުހިނގާ ކަންކަމަށް ވިދާޅުވުމުގެ ހުނަރެވެ. އެކަންކަން ހިނގަމުންދާކަން ރައްޔިތުންނަށް ފެންނަން ހުއްޓަސް ހެވެވެ. ރައީސް މުއިއްޒުގެ ނަޒަރުގައި ދިވެހީންނަކީ ތަންދޮރު ނުދަންނަ، މޮޔަ ބަޔަކަށް ވެދާނެ އެވެ. އިމާރާތެއް ތަޅާލާ މަންޒަރު ރައްޔިތުންނަށް ދައްކަވަމުން އެ އިމާރާތް ތަޅާނުލައްވާ ކަމަށް ވިދާޅުވާން ވެސް ރައީސް މުއިއްޒު ފަސްޖެހިވަޑައިނުގަންނަވާނެ އެވެ. ދޮގު ހެއްދެވުމާއި މަކަރާއި ހީލަތާއި އޮޅުވާލެއްވުމުގައި ރައީސް މުއިއްޒަކީ ހަމަ ސީދާ އެއް ވަނަ އެވެ. ދެވަނަ އެއް ނުވާ ޗެމްޕިއަނެކެވެ. މިއީވާ ރައީސެކެވެ.









