ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟
21 ސެޕްޓެމްބަރު 2026 | ހޯމަ 14:16ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ސިޔާސީ ނުފޫޒާއެކު ކުއްލި ބަދަލުތައް ގެނައުމުގެ ސަބަބުން، އެ ރަށުގެ އަސްލު ތަސައްވުރު ގެއްލި މާލެ ފަދައިން ތޮއްޖެހުމުގެ ބިރު ވަނީ ބޮޑުވެފައި. އިމާރާތްކުރުމުގެ އުސޫލުތަކާއި ބޯހިޔާވަހިކަމުގެ ސިޔާސަތުތައް އިންތިޚާބީ މަންފާއަށް ބަދަލުކުރުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ތަކުލީފަކަށް ވާތީ، ހުޅުމާލޭގެ ޕްލޭން ގާނޫނީ އޮނިގަނޑަކުން ހިމާޔަތްކުރުން މުހިންމު


ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް | އައިއެމް މޯލްޑިވްސް
ހުޅުމާލެއަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ފަރުމާކުރެވުނު އުއްމީދީ އަދި ޒަމާނީ ސަހަރެކެވެ. ދުރާލާ ޕްލޭންކުރެވިގެން ހިއްކައި ތަރައްގީކުރަން ފެށުނު މި ރަށަކީ ހިތްފަސޭހަ، ފެހިކަން ގަދަ އަދި ތަހުޒީބީ ދިރިއުޅުމަކަށް އަމާޒުކުރެވުނު ރަށެކެވެ. ނަމަވެސް، ފަހަކަށް އައިސް ފެންނަމުންދަނީ މި ރީތި ޗާލު ހުޅުމާލޭގެ އަސްލު ޕްލޭނަށް އެކި ސިޔާސީ ނުފޫޒުތަކުގެ ސަބަބުން ބުރޫއަރަމުންދާ މަންޒަރެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ހުޅުމާލެ ސިޔާސީ މީހުން މޮޑޭ ފުށްގަނޑަކަށް ވެގެން ދިއުމަކީ އެއްގޮތަކަށް ވެސް ވެގެންވާނެ ކަމެއް ނޫނެވެ.
ހުޅުމާލެ ބިނާކުރެވުނީ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން، ވަކި އާބާދީއަކަށް އެކަށޭނަ ގޮތަށް ކަނޑައެޅިފައިވާ މާސްޓަރ ޕްލޭނެއްގެ ދަށުންނެވެ. ނަމަވެސް، ސަރުކާރުތައް ބަދަލުވާ ކޮންމެ ފަހަރަކު ނުވަތަ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން މި ޕްލޭނަށް ކުއްލި ކުއްލި ބަދަލުތައް ގެނައުމަކީ މުޅި ރަށުގެ ހަމަޖެހުން ގެއްލިގެންދާ ކަމެކެވެ. ޕާކުތަކާއި ހުސްޖާގަތަކަށް ވާންޖެހޭ ތަންތަން އެހެނިހެން ބޭނުންތަކަށް ބަދަލުކުރުމާއި، މަގުތަކުގެ ލޭއައުޓް ބަދަލުކުރުމަކީ މުޅި ޕްލޭން ފުނޑުފުނޑުވެގެންދާ މައިގަނޑު ސަބަބެވެ. މިކަމުގެ ސަބަބުން ރަށުގެ ޗާލުކަމާއި ރީތިކަން ގެއްލި، މާލެއެކޭ އެއްފަދައިން ތޮއްޖެހުމުގެ ނުރައްކަލަށް ހުޅުމާލެ ހުށަހެޅެމުންދެ އެވެ.
ކޮންމެ ސަރުކާރަކުން ވެސް ބަދަލުތައް ގެންނައިރު، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް ވަނީ 26 މެއި 2026 ގައި ހުޅުމާލެ ފޭސް 2 އަދި ފޭސް 3 އެއްކޮށްލައި، ޕްލޭންތައް އަލުން އެކުލަވާލައި އިފްތިތާހު ކޮށްފަ އެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު ޕްލޭނަށް އިސްލާހު ގެނައުމަކީ މައްސަލައެއް ނޫން ނަމަވެސް، އެކަން ހިނގަނީ އިލްމީ ދިރާސާތަކަށްވުރެ ބޮޑަށް ސިޔާސީ ވިސްނުމުގެ މައްޗަށް ބިނާވެގެން ކަމަށް ފެންނާތީ ކަންބޮޑުވުން އުފެދޭނޫންތޯ އެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ރަށުގެ އަސްލު ތަސައްވުރު ގެއްލިގެންދާކަމީ ފެންނަން އޮތް ހަގީގަތެވެ.
މީގެ އިތުރުން ހުޅުމާލޭގެ ބޯހިޔާވަހިކަމާއި ފްލެޓްތަކުގެ މައްސަލައަކީ އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ވެރިން އެންމެ ބޮޑަށް ކުޅޭ އެއް ވަސީލަތެވެ. ވޯޓު ހޯދުމުގެ ބޭނުމުގައި ފްލެޓްތަކުގެ ކުލި ނުދެއްކުމުން އަރާ ޖޫރިމަނާތައް މައާފުކޮށް ދިނުމާއި، އައު އެގްރީމެންޓްތައް ހަދައިދިނުން ފަދަ ވައުދުތައްވެ އެވެ. މިއީ ސިޔާސީ ގޮތުން ފައިދާހުރި ކަމަކަށް ވިޔަސް، ގަވާއިދުން ކުލި ދައްކަމުންދާ ރައްޔިތުންނަށް ކުރެވޭ ބޮޑު ބޭއިންސާފެއްނުންތޯ އެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މުޖުތަމައުގައި ފިތުނަ އުފެދި، އިންސާފުވެރި ނިޒާމުތައް ފުނޑުފުނޑުވެގެންދެ އެވެ.
އިމާރާތްކުރުމުގެ އުސޫލުތަކަށް ގެންނަ މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން ވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އާންމު ދިރިއުޅުމަށް ދޫކުރި ބިންތަކުގައި ފުރަތަމަ ހުއްދަ ދިނީ 3 ބުރިއަށް ހަދަންށެވެ. ނަމަވެސް ފަހުން އެ ހުއްދަ 6 ބުރިއަށް، އަދި 7 ބުރިއަށް ބަދަލުވެ، އެންމެ ފަހުން ވަކި ޝަރުތުތަކާއެކު 10 ބުރިއަށް ވެސް އިމާރާތްކުރުމުގެ ހުއްދަ މި ސަރުކާރުން ވަނީ ދީފަ އެވެ.
ސިޔާސީ ނިންމުންތަކުގެ މައްޗަށް ބިނާވެ މިފަދަ ހުއްދަތައް ބަދަލުވަމުންދާނަމަ، ދެން އަންނަ ސަރުކާރަކުން 20 ބުރިއަށް އިމާރާތްކުރަން ވެސް ހުއްދަ ދީފާނެ އެވެ. މިކަމުގެ ސަބަބުން ކުރިން 3 ބުރިއަށް އިމާރާތްކުރި ފަރާތްތަކުން ގެތައް ތަޅާލައި ބޮޑެތި ލޯނުތައް ނަގައިގެން އަލުން އިމާރާތް ކުރަން ވަނީ ޖެހިފަ އެވެ. އަދި ބައެއް ފަރާތްތަކުން ހުއްދައާ ޚިލާފަށް އިމާރާތް ކުރުމުގެ ސަބަބުން އަވަށްޓެރިންގެ މެދުގައި މައްސަލަތައް އުފެދި، ޖޫރިމަނާތަކާ ކުރިމަތިލާން މިހާރު ވަނީ ޖެހިފަ އެވެ. އަދި ސިޔާސީ ނިންމުންތަކުގެ ބުރަ އާއި މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހެނީ ރައްޔިތު މީހާއަށެވެ.
ޕްލޭނެއް ނެތި ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހެނީ އާންމު ރައްޔިތުންނަށެވެ. މަގުތަކަށާއި ޓްރެފިކް ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވެ، ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ އެވެ. އަދި ޒަމާނީ ފެންވަރަށް ފަރުމާކުރި ރީތި ހުޅުމާލެ ސުންނާފަތިވެ، ތޮއްޖެހުމުގެ ނުރައްކާ އަނެއްކާ ވެސް ބޮޑުވެދާނެ ކަމުގެ ބިރު މިހާރުވަނީ ހީވެ އެވެ.
އެހެންކަމުން، ހުޅުމާލޭގެ މާސްޓަރ ޕްލޭނަކީ ސިޔާސީ ކޮންމެ ވެރިއަކު އައިސް ބޭނުންހާ ގޮތަކަށް ބަދަލު ނުކުރެވޭނެ ފަދަ ގާނޫނީ ހަރުދަނާ އޮނިގަނޑެއްގެ ދަށުން ހިމާޔަތްކުރެވިފައިވާ ޕްލޭނަކަށް ހަދަން ޖެހޭނޫންތޯ އެވެ.
ހުޅުމާލެއަކީ ރާއްޖޭގެ މުސްތަގުބަލަށްވާއިރު، އެ ރަށުގެ ތަރައްގީއަކީ ސިޔާސީ ވެރިންގެ އަމިއްލަ މަންފާއަށް ބޭނުންހާ ގޮތަކަށް މޮޑޭ ފުށްގަނޑަކަށް ވެގެން ނުވާނެ އެވެ. ގައުމާއި ރައްޔިތުންގެ ހައްގުގައި، ފިތުނަ ފަސާދަ ނުއުފެދޭނެ ގޮތަށް އަދި ދުރުރާސްތާއަށް ފައިދާވާނެހެން ހުޅުމާލޭގެ ޕްލޭން ފައިނަލްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރިއަށް ގެންދިއުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކެމެކެވެ.









