25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:23ރަސްމާލެ ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ބިން ދޫކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ޖީއެމްއާރު އެއްބަސްވުމާ އަޅާކިޔައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. މި މަޝްރޫއުގެ މައުލޫމާތުތައް ސިއްރުކޮށްފައިވާތީ އިގުތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ ގައުމީ މަސްލަހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުން


ޖީއެމްއާރް އަށް އެއަރޕޯޓް ތަރައްގީ ކުރަން ބިންގާ އެޅި ރަސްމިއްޔާތުގައި ރައީސް ނަޝީދު، އަދި ރަސްމާލޭގައި ޕްރޮޖެކްޓް ހިންގަން އީގަލް ހިލްސް އަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު | ރާއްޖެއެމްވީ ގްރެފިކްސް
"ވޮއިޑް އެބް އިނީޝިއޯ" ނުވަތަ "އުފެދުނު އިރުވެސް ބާތިލު" އެއްބަސްވުމެކޭ ބުނުމުން، ދިވެހި ސިޔާސީ އަދި ގާނޫނީ ތާރީޚުގައި ހިނގައިދިޔަ ބޮޑު ކަންތައްގަނޑު ހަނދާނަށް ނާންނަ މީހަކު މަދުވާނެ އެވެ. އެއީ 2010 ވަނަ އަހަރު އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއެކު ވެވުނު އެއްބަސްވުމާއި، އޭގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑު ލޮޅުމުގެ ވާހަކަ އެވެ. މިއަދު އަނެއްކާވެސް އެ ބަހުސް މިވަނީ ފެންމަތިވެފަ އެވެ. ނަމަވެސް، މިފަހަރު މުޅިން ތަފާތު ސިފައެއްގަ އެވެ.
ފަސްފަހަތަށް ބަލާއިރު، ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްގީކޮށް ހިންގުން 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖީއެމްއާރާ ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 28 ޖޫން 2010 ގަ އެވެ. ވޯލްޑް ބޭންކުގެ އެހީއާއެކު ބައިނަލްއަގުވާމީ ޓެންޑަރަކުން ކާމިޔާބުކުރި އެ މަޝްރޫއުގެ ބިންގާ އަޅުއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިޔާއަށް ގައުމުގެ ނަލަކަމާއި ފުރިހަމަކަން ފުރަތަމަ ފެންނަނީ އެއަރޕޯޓުން ކަމަށާއި، މި މަޝްރޫއަކީ އިގުތިސާދު ދެގުނަ ކުރުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

ޖީއެމްއާރް އަށް އެއަރޕޯޓް ތަރައްގީ ކުރަން ބިންގާ އެޅި ރަސްމިއްޔާތުގައި ރައީސް ނަޝީދު | ސޯޝަލް މީޑިއާ
ނަމަވެސް، އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅަށް ނުކުމެ، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލި އެވެ. ދައުލަތުގެ މައި އެސެޓް ބޭރު ބަޔަކަށް ވިއްކާލީ ކަމަށް ބުނެ ހިންގި ވަރުގަދަ ސިޔާސީ އަދި އިހުތިޖާޖީ ހަރަކާތްތަކަށްފަހު، ވެރިކަން ބަދަލުވެ، އެއްބަސްވުން ބާތިލުކުރަން ނިންމި އެވެ. ވަޒީރުންގެ މަޖިލީހާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އިނގިރޭސިވިލާތާއި ސިންގަޕޫރުގެ ގާނޫނީ މާހިރުންގެ ލަފާގެ މަތިން، ސަރުކާރުން ނިންމީ އެ އެއްބަސްވުމަކީ "ވޮއިޑް އެބް އިނީޝިއޯ" ނުވަތަ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުމެއް ކަމަށެވެ. އަދި އޭގެ ގާނޫނީ ނަތީޖާއަކީ އުފެދުނު ދުވަހުން ފެށިގެން އެ އެއްބަސްވުން ބާތިލުވުން ކަމަށް ކަނޑައަޅައި، އެއްބަސްވުން ރޫޅާލައި، އާބިޓްރޭޝަނަށް ދާން ޖެހުނެވެ.

އެއަރޕޯޓު ހިންގަން ޖީއެމްއާރް އަށް ދިނުމަކީ ދައުލަތުގެ މައި އެސެޓް ބޭރު ބަޔަކަށް ވިއްކާލުން ކަމަށް ބުނެ އޭރު ހިންގި ވަރުގަދަ ސިޔާސީ އަދި އިހުތިޖާޖީ ހަރަކާތްތަކުގެ ތެރެއިން | ސޯޝަލް މީޑިއާ
އޭރު 25 އަހަރަށް އެއަރޕޯޓް ދިނުން ވެގެންދިޔައީ "ގައުމު ވިއްކާލުން" ފަދަ ބޮޑު ކުށަކަށެވެ. އެހެންނަމަވެސް، މިއަދު ފެންނަ މަންޒަރު މުޅިން ތަފާތެވެ.
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް، އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު "އީގަލް ހިލްސް" އާއެކު މި ސަރުކާރުން މިވަނީ 99 އަހަރުގެ ދިގު މުއްދަތަކަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި ނިންމުމާއެކު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކާއި ސުވާލުތައް އުފެދިފައިވާއިރު، ސަރުކާރުގެ ދިފާއަކީ މިއީ ރާއްޖޭގެ ބިމެއް އެއްވެސް ގޮތަކަށް ވިއްކާލުން ނޫން ކަމެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މިއީ ރާއްޖޭގައި މިހާރު ވެސް 200 އާއި 300 މިލިއަން ޑޮލަރުގެ ރިސޯޓްތައް ހަދަން 99 އަހަރަށް ބިން ދޫކުރާ އުސޫލުން، ގާނޫނީ އިމުގެ ތެރެއިން ހެދިފައިވާ ލީސް އެއްބަސްވުމެއް ކަމަށެވެ. އަދި ރާއްޖޭގެ އެންމެ އަކަފޫޓެއްގެ ބިން ވެސް ބޭރު ބަޔަކަށް ވިއްކާނުލާނެ ކަމަށެވެ.

ރަސްމާލޭގައި ޕްރޮޖެކްޓް ހިންގަން އީގަލް ހިލްސް އަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި | ހައުސިންގ މިނިސްޓްރީ
މި ހިސާބުން އުފެދޭ މައިގަނޑު ސުވާލަކީ މި އެވެ. އޭރު 25 އަހަރަށް އެއާޕޯޓް ކުއްޔަށް ދިނުމުން ގައުމީ ސަލާމަތަށް ނުރައްކާވެ، އެއްބަސްވުން ބާތިލުކޮށް، ސަރުކާރު ވެއްޓޭ ހިސާބަށް ކަންކަން ދިޔައިރު، މިއަދު 99 އަހަރަށް ރަސްމާލެ ފަދަ ބޮޑު ސަރަހައްދެއް ބޭރު ބަޔަކަށް ދިނުމުން އެކަން މައްސަލައަކަށް ނުވަނީ ކީއްވެގެން ހެއްޔެވެ؟ އޭރު ގޯސްވެފައި މިއަދު މިކަން ރަނގަޅުވީ ހަމައެކަނި ވެރިކަމުގައި ތިބި ބަޔަކު ބަދަލުވުމުން ހެއްޔެވެ؟
އެންމެ ވެލިފުކެއް ވެސް ބޭރު ބަޔަކަށް ނުދޭނަމޭ" ބުނެ ރައްޔިތުންނަށް އޮޅުވާލުމަށްފަހު، ރަސްމާލެ މަޝްރޫއުގެ ދަށުން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދޫކޮށްލުމުން އުފެދޭ ސުވާލަކީ ޖީއެމްއާރާއި ރަސްމާލެއާ ދެމެދު އޮތް ތަފާތަކީ ކޮބައި ހެއްޔެވެ؟
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ކުލީގެ މިންވަރާއި، ފައިސާ ދައްކަންޖެހޭ ގޮތާއި، ދައުލަތުން އުފުލަންޖެހޭ ޒިންމާތަކާއި އިންތިޒާމްތަކުގެ އިތުރުން، މަޝްރޫއު ނިންމަންޖެހޭ ސީދާ ތާރީޚު ފަދަ އެންމެ މުހިންމު އަސާސީ މައުލޫމާތުތައް ސަރުކާރުން އަދިވެސް ވަނީ ވަރަށް ބޮޑަށް ސިއްރުކޮށްފަ އެވެ. މިކަމާ ގުޅިގެން މާލީ ތަޖުރިބާކާރުންނާއި އިގުތިސާދީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ތަޖުރިބާކާރުން ބުނަމުންދާ ގޮތުގައި މިފަދަ ބިޔަ މަޝްރޫއެއްގެ ހަގީގަތް އެނގޭނީ ހަމައެކަނި ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައިގެންނެވެ.
ޖީއެމްއާރު މައްސަލަ ބޮޑު ސިޔާސީ ހަތިޔާރަކަށް ހަދައިގެން ގައުމު ހަލަބޮލިކޮށްލި އިރު، މިއަދު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހަދަމުންދާ ސިއްރު އެއްބަސްވުންތަކުން ރައްޔިތުންނަށް އެއްވެސް މިންވަރަކަށް ކަންކަން ސާފެއްނުވެ އެވެ. ގައުމާއި ދީނާއި އިސްތިގުލާލުގެ ދިފާއުގައި ކަމަށް ބުނެ ވެރިކަމަށް އައިސް، މިއަދު ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ދިގު މުއްދަތަކަށް ބިންތައް ދޫކޮށްލުމަކީ ބޮޑު އޮޅުވާލުމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މި ސަރުކާރަކީ އަބަދަށް ދެމިއޮންނާނެ ސަރުކާރެއް ނޫންކަން ހަނދާންކޮށްދެމުން ސިޔާސީ އަދި މާލީ ތަޖުރިބާކާރުން ބުނަމުންދަނީ، އަންނަން އޮތް ސަރުކާރަކުން މި މުއާމަލާތް ވަރަށް ފުންކޮށް ބަލައި، ހަރުދަނާ ތަހުގީގެއް ހިންގަންޖެހޭނެ ކަމަށެވެ. އަދި މި މުއާމަލާތުގެ ތެރޭގައި އެއްވެސް މިންވަރަކަށް ކޮރަޕްޝަނާއި ރިޝްވަތާއި ގާނޫނާ ޚިލާފު ކަންތައްތަކެއް ނުވަތަ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމެއް ހިމެނޭކަން ކަށަވަރުވެއްޖެނަމަ، އެކަމުގައި ޝާމިލުވި އެންމެހައި ފަރާތްތަކަށް ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ސުވާލަކީ 25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ބިންތައް ސިއްރިއްޔާތުގައި ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން ހެއްޔެވެ؟
ތާރީޚުގެ މި ދެ ހާދިސާ އަޅާކިޔާއިރު، އޭރު ގައުމިއްޔަތުގެ ނަމުގައި ދެއްކި ހުރިހާ ވާހަކަތަކަކީ ހަމައެކަނި ސިޔާސީ ޕްރެޝަރު އުފެއްދުމަށް ބޭނުންކުރި ހަތިޔާރެއްތޯ ގިނަ ބަޔަކު މިއަދު ދަނީ ސުވާލު އުފައްދަމުންނެވެ.









