އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 05:27ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލުމަށް "ދީނާއި ގައުމަށްޓަކައި" ވަކާލާތުކުރި ފަރާތްތަކުން، ރަސްމާލެ މަޝްރޫއުގެ ދަށުން 99 އަހަރަށް ބިން ދޫކުރާއިރު ހަނުތިބޭތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ދީނީ އިލްމުވެރިން އިސްވެ ތިބެ ހިންގި ހަރަކާތްތަކާ އަޅާބަލާއިރު، މިހާރުގެ ނިންމުންތަކާ މެދު އެ ފަރާތްތަކުން ބަހެއް ނުބުނާތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން


ޖީއެމްއާރް އެއާޕޯޓު ވިއްކާލުމާ ގުޅޭ މައްސަލައިގައި ހިންގި ހަރަކާތްތަކުގެ ތެރެއިން | ސޯޝަލް މީޑިއާ
އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟
މަގުމަތިން ދިމާވި މީހަކު އަހާލި އެވެ. އޭ އެއްކަލަ ގުރޫޕް ވީތަނެއް އެނގޭ ހެއްޔެވެ. ކުޑަކޮށް ހައިރާންވެފައި ކޮން ގުރޫޕެއްހޭ އަހާލީމެވެ. "ޓަކާ ގުރޫޕެވެ". ވަރަށް ކުރުކޮށް ފޮނިކޮށް އޭނާ ބުންޏެވެ. ކުއްލި ސިހުމާއެކު އެ ބުނާ ގުރޫޕަކީ ކޮބައިކަމެއް ނޭނގުނޭ ބުނެފީމެވެ. އަހާލީމެވެ. ކޮން "ޓަކާ ގުރޫޕެއް" ހެއްޔެވެ.
އޭނާ އެ ފެށީ އެ ބުނާ އެ ގުރޫޕެއް ކިޔައިދޭށެވެ.
"މާތްވެގެންވާ އިސްލާމްދީނަށް ޓަކަ އެވެ. އެ ދީން މި ޤައުމުން ފުހެވިދާނެކަމަށް ޓަކަ އެވެ. މުޅި މިތަން ޣައިރު ދީން ކޮށްފާނެކަމަށް ޓަކަ އެވެ. ޤައުމަށް ޓަކަ އެވެ. މި ޤައުމު ބޭރު ބައެއްގެ އަތްމައްޗަށް ހިނގައިދާނެކަމަށް ޓަކަ އެވެ. ދިވެހިންގެ އަތުން މި ދިވެހި ޤައުމު ބީވެދާނެކަމަށް ޓަކަ އެވެ. އަންނާން އޮތް ޖީލުތަކަށް މި ދިވެހި ޤައުމު ގެއްލިދާނެކަމަށް ޓަކަ އެވެ. ދިވެހި ރައްޔިތުންނަށް ޓަކަ އެވެ. ބޭރު ބަޔަކު މިތަނަށް އަތްގަދަކޮށްފާނެކަމަށް ޓަކަ އެވެ. ދިވެހީން އަޅުވެތި ކޮށްފާނެކަމަށް ޓަކަ އެވެ. ދިވެހި ވަންތަކަން ފުހެލަފާނެކަމަށް ޓަކަ އެވެ. ދިވެހިންގެ ބިން ބޭރު ބަޔަކަށް ވިއްކާލަފާނެކަމަށް ޓަކަ އެވެ. ޓަކާ، ޓަކާ، ޓަކާ އެވެ." އެ ބުނާ ޓަކާ ގުރޫޕެއް ތަފްސީލުކޮށްދެމުންދިޔަ އެ ބޭ ދެއްކި ވާހަކަ ޖެހުނީ ކުރުކުރުވާފައި ހުއްޓުވާށެވެ. ދެން ހެވޭ ބުނެފަ އެވެ.
އެ ވަރުން ވެސް ދޫކޮށްލީކީ ނޫނެވެ. އަދިވެސް އޭނާ ބުންޏެވެ. ޖީއެމްއާރު ގޯ ހޯމް އޭ ގޮވި ޓީމު ކޮބައި ހެއްޔެވެ. އެ ގުރޫޕް ވީތަނެއް އެނގޭ ހެއްޔެވެ. 99 އަހަރަށް ޤައުމު ވިއްކާލާއިރު އެމީހުން ފެންނާން ނެތީމާ ހޯދެނީ އެވެ. ވާ ޖަހައިގެން ވެސް ރަސްމާލެ ހިފަހައްޓަން ވެސް އެ ގުރޫޕް ބޭނުންވެ އެވެ. ހަމަ އެއްގޮތަކަށް ވެސް އެ ގުރޫޕް މިއުޅެނީ ހޯދައިހޯދާ ވެސް ނުފެނިގެންނެވެ" އޭނާ ތަކުރާރުކޮށް ބުނަމުންދިޔަ އެވެ.
ގެޓްވީ އެހާ ހިސާބުންނެވެ. ވިސްނާލެވުނެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ.
އެއީ 25 އަހަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހިންގުން ޖީއެމްއާރާ ހަވާލުކުރި ދުވަސްވަރެވެ. ހުރިހާ ބާރެއް ދިވެހިންގެ އަތުގައި އޮންނަ ގޮތަށެވެ. ތަޖުރިބާއާއި ކާމިޔާބުކަމާއެކު ދުނިޔޭގެ މަޝްހޫރު އެއަރޕޯޓްތައް ހިންގަމުން އަންނަ އެ ކުންފުންޏަށް ދޭތީ އެކަމާ ބަޔަކު ނުކުތް ދުވަސްވަރެވެ.
އެއަރޕޯޓް ވިއްކާލަނީ ކަމަށްބުނެ ބަޔަކު ނުކުތީކީ ތިޔަހެނެއް ނޫނެވެ. މުޒާހަރާތައް ބޭއްވީ އިންތިހާއަށެވެ. މާލޭ މަގުތަކުގަ އެވެ. އާޓިފިޝަލް ބީޗުގައި ބޮޑުކޮށެވެ. އެތަނަށް އެއްވެ ބޮޑު ޖަމާއަތުގައި ނަމާދުކޮށް ވެސް ހެދި އެވެ. ކަންނެލި ދޯނިތަކުގައި ނުކުމެ ކަނޑުގައި ވެސް މުޒާހަރާކުރީ އެވެ. އެއަރޕޯޓަށް އަރަން ވެސް އުޅުނެވެ. ގާދޫ ކޮލުން އެއަރޕޯޓް ގެންދިޔަ ނުދީ، ވާ ޖަހައިގެން ދަމަން ވެސް ދެމި އެވެ.
އެކަމުގައި ނަގާ ކިޔާ އުޅުނީކީ އާދައިގެ ބައެއް ނޫނެވެ. އޭރުގެ އިދިކޮޅު ސިޔާސީ މީހުންނެވެ. މަޖިލިސް މެމްބަރުންނެވެ. ނަން މަޝްހޫރު ދީނީ އިލްމުވެރިންނެވެ. ޚުދު އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ވެސް ދައުވަތު ދެއްވައި އެ މަނިކުފާނު ވެސް ބައިވެރިކުރެއްވި އެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ އެ ވެރިން އެއިހުތިޖާޖު ކުރީކީ އާދައިގެ ވަރަކަށް ނޫނެވެ. ރައްޔިތުންނަށް ވިސްނައިދިނުމަށްޓަކައި ލައްކަ ކަންކަން ކުރި އެވެ. ވަރަށް ބޮޑަށް ރޭވިގެންނެވެ. މީހުން ހިތްދަމައިގަންނަ އަސަރުގަދަ ގޮތްގޮތަށެވެ. ސީދާ އޭރު އޮތް ސަރުކާރު ދައުރު ހަމަ ނުވަނީސް މަގުމަތިން ވައްޓާލުމުގެ އެއް ހުއްޖަތަކަށް ވެސް ދެއްކީ ދިވެހިންގެ އެއަރޕޯޓް ޖީއެމްއާރަށް ވިއްކާލުމެވެ. ވެރިކަން ވައްޓާލުމުގެ މަސައްކަތުގައި ނުކުތް މީހުން ދައުރުގެ މެދުތެރެއިން ވެރިކަމާ ހަވާލުވެ ފެށި ސަރުކާރުން އެންމެ ފުރަތަމަ ބާތިލު ކުރީ ވެސް އެއެއްބަސްވުމެވެ. އަތުލީ އޭރު 25 އަހަރަށް ކުއްޔަށް ދީފައި އޮތް އެއަރޕޯޓެވެ.
ކޮންމެއަކަސް އެ ބޭ އެ ބުނާހެން ނުފެނިގެން މިއުޅެނީ މިހާރު އެ ގުރޫޕެވެ. މި ދެތިން ދުވަހުގެ ތެރޭގައި ސޯޝަލް މީޑިޔާގައި ވެސް މީހުން ހޯދަން އެ އެދެނީ އެ މީހުންނެވެ. 25 އަހަރަށް ކުއްޔަށް ދިނީމާ ކަމުނުގޮސްގެން ނުކުތް މީހުންނަށް 99 އަހަރަށް ރަސްމާލެއިން ބައެއް ދޭއިރު އެ ވެރިންގެ ހިލަމެއް ނުވީމަ އެވެ. އޭރު ނުކުތް މީހުން ބަހެއް ބުނެލާ އަޑު ނީވުނީމަ އެވެ. ކޮމެންޓެއް ކޮށްލާ ފާޑެއް ވިދާޅުވާތަން ނުފެންނާތީ އެވެ. އިއްތިފާގުން ވެރިކަމުގައި އޭގެ ގިނަ މީހުން ތިއްބަސް، ގޯސްވާނީ ގޯސްކަމަށް ވީތީ އެވެ. އޭރު ވެސް މިހާރު ވެސް ކުއްޔަށް ދިނުމަކީ ވިއްކާލުން ކަމަށް ގަބޫލު ކުރި މީހުންނަށް ވިއްކާލިތަން ނުފެނުނީމަ އެވެ. ޓަކައި ގުރޫޕް ހޯދަން މީހުން ގޮވާ އެ ނަގަނީ އެހެންވީމަ އެވެ. އެ ބޭ ވެސް ފެނޭތޯ މަގު އެ ހިނގަނީ އެ މީހުންނެވެ.









