ޔޫއެސްއެސް ލިންކަންގެ 8 ފަޅުވެރިން އަމިއްލައަށް މަރުވާން މަސައްކަތްކުރި: ނޭވީގެ އެކްޓިންގ ސެކްރެޓަރީ
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:14މެދުއިރުމަތީގައި ދިގު މުއްދަތަކަށް ހަރަކާތްތެރިވި ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރުގެ ފަޅުވެރިންގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވެ، ދިރިއުޅުމުގެ ހާލަތު ގޯސްވަމުންދާ ކަމުގެ ކަންބޮޑުވުން އެމެރިކާގެ ސެނެޓުން ފާޅުކޮށްފި. މަނަވަރުގައި ކާނާއާއި ފެނުގެ ދަތިކަން ކުރިމަތިވި ކަމަށް ނޭވީން އެއްބަސްވާއިރު، މިއީ ސިފައިންގެ ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ސެނެޓަރުން ވިދާޅުވޭ

ޔޫއެސްއެސް އަބްރަހަމް ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕް | ގެޓީ އިމޭޖަސް
ޔޫއެސްއެސް އަބްރަހަމް ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕްގައި މަސައްކަތްކުރި އަށް ފަޅުވެރިއަކު، އެ މަނަވަރުގައި ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށް އެމެރިކާގެ ނޭވީގެ އެކްޓިންގ ސެކްރެޓަރީ ހަންގް ކާއޯ ވިދާޅުވެއްޖެ އެވެ.
މިކަން ހާމަކުރައްވާފައިވަނީ، މަނަވަރުގައި ތިބި ފަޅުވެރިންގެ ހާލަތާ މެދު ކަންބޮޑުވުން އިތުރުވުމާ ގުޅިގެން، ނިއުޔޯކްގެ ޑިމޮކްރެޓިކް ސެނެޓަރ ކާސްޓަން ގިލިބްރޭންޑް ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއްގަ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ބައެއްގެ ގޮތުގައި މެދުއިރުމަތީގައި ކުރިއަށްގެންދިޔަ ދިގު މިޝަންގެ ތެރޭގައި، ފަޅުވެރިންގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވެ، ހާލަތު ގޯސްވަމުންދާ ކަމަށް ބުނެ އެމީހުންގެ އާއިލާތަކުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހަރަކާތްތެރިވަމުންދާ މި މަނަވަރު މިހާރު ދަނީ އެނބުރި އެމެރިކާއަށް ދަތުރުކުރަމުންނެވެ.
ކާއޯ ފޮނުއްވި ސިޓީގައި ވިދާޅުވީ، ފަޅުވެރިންގެ "ރޫހާނީ އަދި ނަފްސާނީ ބޭނުންތައް" ފުއްދައިދިނުމަށްޓަކައި ފަސް ދީނީ މީހުންނާއި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގިނަ މާހިރުންތަކެއް މަނަވަރުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަމިއްލައަށް މަރުވާން މަސައްކަތްކުރި އަށް ފަޅުވެރިންގެ ތެރޭގައި ލިންކަންގެ އަސްލު ފަޅުވެރިންގެ އިތުރުން، ކެރިއަރ އެއަރވިންގ، ސްޓްރައިކް ގްރޫޕް، ޑިސްޓްރޯޔަރ ސްކޮޑްރަންގެ މުވައްޒަފުންނާއި، މަނަވަރަށް އެހީތެރިކަން ފޯރުކޮށްދޭ ޑިސްޓްރޯޔަރުތަކާއި ވައިގެ ސިފައިންގެ ފައުޖުތަކުގެ މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫއެސް އެސް އަބްރަހަމް ލިންކަންގައި ތަކެތި ފޯރުކޮށްދިނުމުގެ ދަތިތަކެއް ހުރިކަމަށް އެމެރިކާގެ ނޭވީން މީގެ ކުރިން އެއްބަސްވި ނަމަވެސް، ގާތްގަނޑަކަށް 5،000 ފަޅުވެރިން ތިބި އެ މަނަވަރުގައި ނަފްސާނީ ބަލިމަޑުކަމެއް އުޅޭ ކަމަށް ބުނާ ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ.
މަނަވަރުގެ ފެން ހޮޅިތައް ހަލާކުވެ، ތާޒާ ކާނާގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ކާއޯގެ ސިޓީގައި ވަނީ ދޮގުކުރައްވާފަ އެވެ. ނަމަވެސް، ބައެއް ހިސާބުތަކުގެ ހޮޅިތަކަށް ވަގުތީ މައްސަލަތަކެއް ދިމާވި ކަމަށާއި، ފެން ސާފުކުރާ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން "ކުރު މުއްދަތަކަށް" ކާނާގެ ބައެއް ބާވަތްތައް މަދުކުރަން ޖެހުނު ކަމަށް އޭނާ އެއްބަސްވެވަޑައިގަތެވެ.
ސެނެޓްގެ އާމްޑް ސާވިސަސް ކޮމިޓީގެ މެންބަރެއް ކަމަށްވާ ސެނެޓަރ ގިލިބްރޭންޑް ވަނީ، މަނަވަރުގެ ހާލަތު ގޯސްކަމަށް ބުނެ ފެންމަތިވި ރިޕޯޓްތަކަށް ޓްރަމްޕް ސަރުކާރުން މީގެ ކުރިން ދީފައިވާ ޖަވާބުތަކަށް ފާޑުވިދާޅުވެފަ އެވެ. އަދި ސިފައިންނާ މެދު އަމަލުކުރަމުންދާ ގޮތަކީ "ދުވަހަކުވެސް ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.
ބުދަ ދުވަހު ބީބީސީއަށް ދެއްވި ބަޔާނެއްގައި ގިލިބްރޭންޑް ވިދާޅުވީ، ރައީސް ޓްރަމްޕާއި ސެކްރެޓަރީ ހެގްސެތު "ފޭކް ނިއުސް" ނުވަތަ ދޮގު ޚަބަރުގެ ގޮތުގައި ސިފަކުރެއްވި ކަންކަމަކީ، ހަގީގަތުގައި ސިފައިންގެ ހާލަތު ގޯސްވަމުންދާކަން ހާމަކޮށްދޭ ސީރިއަސް މައްސަލަތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ސިފައިންނާއި އެމީހުންގެ އާއިލާތަކުން ކޮންމެ ދުވަހަކު ވަމުންދަނީ ބޮޑެތި ގުރުބާނީތަކެއް. އެހެންނަމަވެސް ރައީސް ވަނީ ފާޅުކަން ބޮޑު ގޮތެއްގައި އެމީހުންނަށް އިހުތިރާމް ކުޑަކުރައްވައި، އެ މައްސަލަތައް ބޭރުކޮށްލައްވާފައި،" އޭނާ އިތުރަށް ވިދާޅުވި އެވެ.
މިދިޔަ ނޮވެމްބަރު މަހު ކެލިފޯނިއާއިން ފުރައިގެން ދެކުނު ޗައިނާ ކަނޑަށް ދަތުރުކުރި މި މަނަވަރު، ފެބްރުއަރީ މަހު އީރާނަށް ދިން ހަމަލާތަކުގެ ކުރިން ވަނީ މެދުއިރުމަތީގެ ސަރަހައްދަށް ފޮނުވާފަ އެވެ. އަދި މޭ މަހު ނިންމާލުމަށް ކުރިން ހަމަޖެހިފައި އޮތް މި ދަތުރުގެ މުއްދަތު ވަނީ އެތައް ފަހަރަކު އިތުރުކޮށްފަ އެވެ.
ނުވަ މަސް ދުވަހުގެ ދިގު ދަތުރަކަށްފަހު، އޮގަސްޓް މަހު ޔޫއެސްއެސް އަބްރަހަމް ލިންކަންގެ ބަދަލުގައި ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން ވަނީ އެ ސަރަހައްދަށް ފޮނުވާފަ އެވެ.
އެނބުރި ގައުމަށް ދިޔުމުގެ މަގުމަތީގައި އެމެރިކާގެ ސިފައިން ވަނީ ތައިލެންޑަށް މަޑުކޮށްފަ އެވެ. މިއީ އެތައް ދުވަހަކަށްފަހު އެމީހުން އެއްގަމަށް ފޭބި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެމީހުން ވަނީ އެ ގައުމުގެ ބާރުތަކާއި، މޯލްތަކާއި ބީޗް ސަރަހައްދުތަކުގައި ވަގުތު ހޭދަކޮށްފަ އެވެ.
ޔޫއެސްއެންއައި ނިއުސްއިން އަސްކަރީ ތަފާސްހިސާބުތައް ދިރާސާކޮށް ބުނެފައިވާ ގޮތުގައި، އެމެރިކާގެ ނޭވީއާއި މެރިންސްގެ ސިފައިން މަރުވާ މައިގަނޑު އެއް ސަބަބަކީ އަދިވެސް އަމިއްލައަށް މަރުވުމެވެ. އަދި ވެޓެރަންސް އެޑްމިނިސްޓްރޭޝަނުން ބުނާ ގޮތުގައި، އަސްކަރިއްޔާގައި ޚިދުމަތް ނުކުރާ މީހުންނަށްވުރެ، ޚިދުމަތުން ވަކިވެފައިވާ މީހުން (ވެޓެރަންސް) އަމިއްލައަށް މަރުވާ މިންވަރު މަތީގައި އުޅެ އެވެ.
ޖެނުއަރީ 2025 ގައި އާންމުކުރި 956 ފަޅުވެރިންގެ ދިރާސާއަކުން ދައްކާގޮތުގައި، އެމެރިކާގެ އަސްކަރިއްޔާގެ އެހެން ގޮފިތަކާ އަޅާބަލާއިރު، ނޭވީގެ މަނަވަރުތަކުގައި މަސައްކަތްކުރާ ސިފައިންނަށް ކުރިމަތިވާ ނަފްސާނީ ބޮޑެތި މައްސަލަތައް (ސީރިއަސް ސައިކޮލޮޖިކަލް ޑިސްޓްރެސް) މާ އިތުރެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުގައި، މަނަވަރުތަކުގައި ދިރިއުޅުމުގެ ހާލަތު ދަށްވުމާއި، އަޑުގަދަވުމާއި، އަދި ނިދުމާއި އަރާމުކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ފަދަ ބުރަ ތާވަލުތަކުގެ ސަބަބުން ސިފައިންނަށް ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ.











