އީރާނާ ދެކޮޅަށް ޓްރަމްޕް ކުރައްވާ ހަނގުރާމަ ހުއްޓުވަން ހަނގުރާމައިގެ ބާރުތަކާ ބެހޭ ގަރާރު ތިންވަނަ ފަހަރަށް ފާސްކޮށްފި
16 ސެޕްޓެމްބަރު 2026 | ބުދަ 08:10އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ކޮންގްރެސްގެ ބައެއް ރިޕަބްލިކަން މެންބަރުންގެ ތާއީދު ގެއްލެމުންދާއިރު، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއްވަމުންދާކަން ސީބީއޯގެ ރިޕޯޓަކުން ވަނީ ހާމަވެފައި. ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ރައީސް ޓްރަމްޕަށް ސިޔާސީ ފިއްތުންތައް ކުރިމަތިވި ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ކުރިއަށްގެންދާ މި ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އޭނާ ގެންދަވަނީ ހުރަސްއަޅުއްވަމުން

އީރާނުން އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދިނުމަށް ބޭނުންކުރި މިސައިލްތައް ދިފާއުކުރަން 70 އަށްވުރެ ގިނަ އިންޓަރސެޕްޓާ މިސައިލް އުދުއްސައިލަނީ | އެކްސް
ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރިއަށްގެންދަވާ ހަނގުރާމަ ހުއްޓުވުމަށް ޓަކައި، ހަނގުރާމައިގެ ބާރުތަކާ ބެހޭ ގަރާރު ނުވަތަ 'ވޯ ޕަވާސް ރިޒޮލޫޝަން' އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ތިންވަނަ ފަހަރަށް ފާސްކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭ ނެގި މި ވޯޓުގައި މި ގަރާރު ފާސްވީ، ދެކޮޅަށް ލިބުނު 204 ވޯޓަށް ވުރެ އިތުރަށް، 220 ވޯޓު ލިބިގެންނެވެ. މިއީ، މި އަހަރުގެ ހޫނު މޫސުމުގައި ކުރިން ކުރި މަސައްކަތްތަކާ އެއްގޮތް ނަތީޖާއެއް ނަމަވެސް، މި ފަހަރުގެ ވޯޓުގައި ޑިމޮކްރެޓުންގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ މި ހަނގުރާމަ ހުއްޓާލުމަށް ތާއީދު ކުރައްވާފަ އެވެ. މި ގޮތުން ހައުސްގައި ހިމެނޭ ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު މި ގަރާރަށް ތާއީދުކުރެއްވި އިރު، މިއީ އޭގެ ތެރެއިން ތިން މެންބަރަކު މި ފަދަ ގަރާރަކަށް ވޯޓު ދެއްވި ފުރަތަމަ ފަހަރެވެ.
މަޝްވަރާގެ ދޮރުތައް ބަންދުވެފައިވާއިރު ދިގުދެމިގެންދާ އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދަންވާނީ ކޮންގްރެސްގެ ހުއްދަ ލިބިގެން ކަމަށް، ވޯޓާ ގުޅޭގޮތުން އަޔޯވާގެ ރިޕަބްލިކަން ކޮންގްރެސް މެންބަރު ޒެކް ނަން ވިދާޅުވި އެވެ. "މުއްދަތެއް ނެތް ގޮތަށް ކުރިއަށްދާ އިތުރު ހަނގުރާމައަކަށް އަޅުގަނޑު ތާއީދެއް ނުކުރާނަން،" ނަން ވިދާޅުވި އެވެ.
މިހާތަނަށް ފާސްކުރި އެއްވެސް ގަރާރެއް ޓްރަމްޕްގެ މޭޒާ ހަމައަށް ވާސިލުވެފައެއް ނުވެ އެވެ. އަދި، މި ފަދަ ގަރާރެއް ރައީސް ޓްރަމްޕާ ހަމައަށް ދިޔަ ނަމަވެސް، އޭނާ އެކަން ވީޓޯ ކުރައްވާނެކަން ވަނީ ކަށަވަރުވެފަ އެވެ.
ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު، ފްލޮރިޑާގެ ރިޕަބްލިކަން މެންބަރު ބްރަޔަން މާސްޓް ވަނީ، އީރާނުގެ ނުރައްކާ އޮތް ސަރަހައްދަކުން ޑިމޮކްރެޓުން އުނިކުރަން ބޭނުންވަނީ ކޮން އަސްކަރީ ވަސީލަތްތަކެއްތޯ ސުވާލު އުފައްދަވާފަ އެވެ. ޓްރަމްޕަކީ "އަބަދަށް ދެމިގެންދާ ހަނގުރާމަތަކާ" ދެކޮޅު ބޭފުޅެއް ކަމަށާއި، އޭނާގެ ނިމުމަކަށް ގެންނަވަނީ އީރާނުން އެތައް އަހަރެއް ވަންދެން ގެންގުޅުނު ދެކޮޅުވެރިކަން ކަމަށް މާސްޓް ފާހަގަކުރެއްވި އެވެ. "އީރާނަކީ އެމެރިކާއަށް އޮތް މެދުނުކެނޑޭ ނުރައްކަލެއް. މި ކަން މިހާ ހިސާބުން ނިމެންޖެހޭ،" މާސްޓް ވިދާޅުވި އެވެ.
މިޑްޓާމް އިންތިޚާބުގެ ކުރިން ޓްރަމްޕަށް ބޮޑެތި ފިއްތުންތަކެއް
މިއީ ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގެ ކުރިން އީރާނު ހަނގުރާމައާ ގުޅޭގޮތުން ހައުސްގައި ނެގޭނެ ފަހު ވޯޓު ކަމަށް ބެލެވެ އެވެ. ސިޔާސީ ކެމްޕޭންތަކުގައި މި ހަނގުރާމަ ބޮޑު ދައުރެއް އަދާކުރަމުންދާއިރު، ފެބުރުވަރީ 28 ގައި ޓްރަމްޕް ފެށްޓެވި މި ހަނގުރާމަ މިހާރު ވަނީ ހަތް މަހަށް ދިގުލައިގެން ގޮސްފަ އެވެ. މި މުއްދަތުގެ ތެރޭގައި ދެ ފަރާތުން ދެމުންދާ މިސައިލް ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ޑިމޮކްރެޓުން މަސައްކަތް ކުރަމުންދާއިރު، އިންތިޚާބަށް 50 ދުވަހަށް ވުރެ ކުޑަތަންވެފައިވާތީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މި ހަފުތާ ނިމުމުން ކެމްޕޭން ހަރަކާތްތަކަށް އެނބުރި ވަޑައިގަންނަވާނެ އެވެ.
ޓްރަމްޕް ފެށްޓެވީ ޣައިރުގާނޫނީ ހަނގުރާމައެއްކަމަށް ގިނަ ބަޔަކު އިއްތިފާގުވޭ
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ތަކެތީގެ އަގު އުފުލި، ގައުމުގެ ހަތިޔާރު ސްޓޮކް ހުސްވަމުންދާ ކަމަށް މިނިވަން މުއައްސަސާއެއް ކަމަށްވާ ކޮންގްރެޝަނަލް ބަޖެޓް އޮފީހުގެ (ސީބީއޯ) ރިޕޯޓަކުން ވަނީ ހާމަވެފަ އެވެ.
އަންގާރަ ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، ހަ މަސް ދުވަހުގެ މި ހަނގުރާމައަށް މިހާތަނަށް 38 ބިލިއަން ޑޮލަރު ހޭދަވެފައިވާއިރު، ކޮންމެ މަހަކު އިތުރު 3 ބިލިއަން ޑޮލަރު އިތުރުވާނެ އެވެ. އަދި، މި ހަނގުރާމައިގެ ސަބަބުން 2027 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު 0.5 އިންސައްތަ އިތުރުވާނެ ކަމަށް ރިޕޯޓުގައި އަންދާޒާކޮށްފައިވެ އެވެ.
ވައިޓް ހައުސްގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތްއިރު، ބޭރުގެ ހަނގުރާމަތަކުގައި އެމެރިކާ ބައިވެރިނުކުރައްވާނެ ކަމަށް ޓްރަމްޕް ވައުދުވެވަޑައިގެންނެވި ނަމަވެސް، އީރާނާ ދެކޮޅަށް އޭނާ އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، ހައުސްއާއި ސެނެޓުގެ ކޮންޓްރޯލް އޮތް ރިޕަބްލިކަން ޕާޓީއަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. މީގެ އިތުރުން، އެމެރިކާގެ ގިނަ ރައްޔިތުން ގަބޫލުކުރަނީ އީރާނު ހަނގުރާމައަކީ ކުރަންޖެހޭ ހަނގުރާމައެއް ނޫން ކަމަށް، ޖުލައި މަހު ނެގި އޭޕީ-އެންއޯއާރްސީގެ ޕޯލަކުން ވަނީ ދައްކާފަ އެވެ.
ކުރިން ފާސްކުރި ގަރާރުތައް ވެސް ބޭކާރު
އީރާނު ހަނގުރާމައިގެ މިސްރާބު ބަދަލުކުރުމަށް ކޮންގްރެސްއިން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް، ޓްރަމްޕް އެ ފިޔަވަޅުތަކަށް ހުރަސްއަޅުއްވައި ވީޓޯ ކުރައްވާހާ ހިނދަކު، ސަރުކާރުގެ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަކީ ވަރަށް ދަތި އުނދަގޫ ކަމެއް ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ހައުސްއިން އެންމެ ފުރަތަމަ މި ފަދަ ގަރާރެއް ފާސްކުރީ ޖޫން މަހު އެވެ. އޭގެ ފަހުން ޖުލައި މަހު ވެސް ވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ގަރާރެއް ފާސްކޮށްފަ އެވެ. އަދި، ސެނެޓުން ވެސް 10 ވަނަ ފަހަރަށް ކުރި މަސައްކަތުން މި ހަނގުރާމަ ހުއްޓާލުމުގެ ގަރާރެއް ފާސްކުރި އެވެ. ނަމަވެސް، ޓްރަމްޕް ރިޕަބްލިކަން ސެނެޓަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމާ ގުޅިގެން، ޖެހިގެން އައި ދުވަހު އެ ބޭފުޅުން ވަނީ އެ ނިންމެވުން ބަދަލުކުރައްވާފަ އެވެ.
އެމެރިކާގެ ގާނޫނުއަސާސީން ހަނގުރާމަ އިއުލާންކުރުމުގެ ބާރު ކޮންގްރެސްއަށް ދީފައިވީ ނަމަވެސް، އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ބައެއް އަސްކަރީ ހަރަކާތްތައް ހިންގުމުގެ ބާރު ރައީސަށް ލިބިގެންވެ އެވެ. ވިއެޓްނާމް ހަނގުރާމައަށް ފަހު އުފެއްދި 'ވޯ ޕަވާސް އެކްޓް' ގެ މަގްސަދަކީ ރައީސްގެ މި ބާރުތަކަށް ވަކި މުއްދަތެއް ކަނޑައެޅުމެވެ. އެ ގާނޫނު ބުނާގޮތުން 60 ނުވަތަ 90 ދުވަހަށް ވުރެ އިތުރަށް އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދާ ނަމަ ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.
މަސްދަރު: އަލް ޖަޒީރާ











