އެމްޑީޕީގެ ކޮންގްރެސް: ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ 100 ވިޔަފާރީގެ ޕްރޮޖެކްޓަށް ވިޔަފާރިވެރިންނަށް އިންވެސްޓުކުރެވޭނެ
23 ސެޕްޓެމްބަރު 2026 | ބުދަ 08:03އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ 100 ވިޔަފާރި ޕްރޮޖެކްޓެއް އިންވެސްޓަރުންނަށް ހުޅުވާލާނެ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ. މި ޕްރޮޖެކްޓްތަކުގެ ސަބަބުން ކައުންސިލްތައް މާލީގޮތުން ބާރުވެރިވެ، ރަށްރަށުގެ އިގުތިސާދީ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި


އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު | ރާއްޖެއެމްވީ
އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްގައި އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް، އެ ޕާޓީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު އެ ޕާޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ޕާޓީގެ ޕްރޮޖެކްޓް އޮފީހުން، ކައުންސިލްތަކާއެކު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ކައުންސިލްތަކުން ވަނީ ވިޔަފާރީގެ 100 ޕްރޮޖެކްޓު ހުށަހަޅާފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިދަންނަވާ ޕްރޮޖެކްޓްތަކަކީ، ރަށުގެ ރައްޔިތުންނާއި އެ ޕްރޮޖެކްޓުތައް ހިންގުމުން އާމްދަނީ އިތުރުވާނެ ބާވަތުގެ ޕްރޮޖެކްޓްތަކެކޭ. އެއީ ކުރުގޮތަކަށް ދަންނަވާނަމަ ވިޔަފާރިތަކެއް. އެހެންވީމަ މި 100 ޕްރޮޖެކްޓަކީ 100 ވިޔަފާރީގެ ފުރުސަތު. އެމްޑީޕީގެ ކޮންގްރެސްގައި މިފަހަރު މ ިގަސްދު ކުރަނީ މި ވިޔަފާރީގެ ފުރުސަތުތައް، ވިޔަފާރިވެރިންނަށް ހުޅުވާލުމަށް. އިންވެސްޓްމަންޓް ފޯރަމެއް، ކޮންގްރެސް އާއެކު ހިނގާނެ. މި ކޮންގްރެސްގައި ކައުންސިލްތަކުގެ މި ދެންނެވި ވިޔަފާރީގެ ފުރުސަތުތައް ވިޔަފާރިވެރިންނަށް ހުޅުވާލެވިފައި އޮންނާނެމުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ކައުންސިލްތަކުގެ އެ ޕްރޮޖެކްޓްތަކަށް އިންވެސްޓުކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ކައުންސިލްތަކާ އެކު މަސައްކަތް ކުރުމުގެ މަގު ފަހިވެފައިވާނެ ކަމަށާއި، އެކަމުގެ ސަބަބުން އެ ވިޔަފާރިތައް ކުރާ ރަށްރަށުގެ ރައްޔިތުންނަށް ވެސް މަންފާކުރާނެ ކަމަށެވެ. އަދި މިދަފަ ކަންކަމުގެ ސަބަބުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރިވެ، ރަށްރަށުގެ އާންމު އިގްތިސާދާއި ހާލަތު ރަނގަޅުވެގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.










