ޕްލާސްޓިކް ހޮޅި އެތެރެކުރަން ސަރުކާރުން ދެއްކީ އެކަށީގެންވާ ސަބަބެއް ނޫން: އެމްޑީޕީ
23 ސެޕްޓެމްބަރު 2026 | ބުދަ 03:34އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރުމުގެ ސިޔާސަތު 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާ މެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި. މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖެއްސުން ކަމަށް ބުނެ، އެކަށީގެންވާ ދިރާސާއެއް ނެތި މިފަދަ ބަދަލެއް ނުގެނައުމަށް އެ ޕާޓީން ވަނީ ގޮވާލާފައި


އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ހޮޅި | ގޫގުލް
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ވަގުތީ ގޮތުން ސަރުކާރުން އުވާލާފައިވާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމާ ގުޅިގެން އެމްޑީޕީ އިން ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީގެ ސަރުކާރުގައި 2020 ވަނަ އަހަރުގައި ތައާރަފުކުރެވުނު، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމުގެ ސިޔާސަތުގެ މުހިންމު ބައިތަކެއް ބަދަލުކޮށް، ޕްލާސްޓިކް ހޮޅި ހިމެނޭގޮތަށް ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުމަށް މި ސަރުކާރުން ނިންމި ނިންމުމާމެދު ކަންބޮޑުވާ ކަމަށެވެ.
މި ސިޔާސަތުގެ ދަށުން ޕްލާސްޓިކް ހޮޅި ހިމެނޭހެން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ބައެއް ޕްލާސްޓިކްގެ ބާވަތްތައް އެތެރެކުރުން މަނާކުރުމަށް އަމަލުކުރަން 2021 ވަނަ އަހަރުގެ ޖޫން މަހު ފަށާފައިވުމާއެކު، މިކަން ތަންފީޒުކުރަމުންދާތާ މިހާރު ވަނީ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައި ކަމަށް އެ ބަޔާނުގައިވެ އެވެ.
ސަރުކާރުގެ އެންމެ ފަހުގެ މި ނިންމުމަކީ، އާންމުންނާއި ވިޔަފާރިތަކުން އަހަރުތަކެއް ވަންދެން ތަންފީޒުކޮށް އެކަމަށް އާދަވެފައިވަނިކޮށް، ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުމެއް ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. އަދި މި ސިޔާސަތާއެކު ރާއްޖޭގެ ގޮނޑުދޮށްތަކުންނާއި އާންމު ތަންތަނުން ޕްލާސްޓިކް ކުނިބުނި ފެންނަ މިންވަރު ވެސް ވަރަށް ބޮޑަށް ކުޑަވެފައިވާކަން ފާހަގަކުރެވޭ ކަމަށާއި މިފަދަ ބަދަލުތަކެއް ގެނެސްފައިވަނިކޮށް، އެކަށީގެންވާ ސަބަބެއް، ހުއްޖަތެއްނެތި ސިޔާސަތު ބަދަލުކުރުމަކީ ގަވާއިދުތަކާއި ސިޔާސަތުތަކާމެދު އޮންނަ ޔަގީންކަން ގެއްލި، ތިމާވެއްޓާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވައުދުތަކުގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، މިކަމަށް ސަރުކާރުން ދައްކާފައިވާ އުޒުރުތަކަކީ ވެސް އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށާއި މިފަދަ ބަދަލެއް ގެންނަން ޖެހުނީ ކީއްވެގެންކަން، ނުވަތަ އެހެނިހެން ގަވާއިދުތަކުގެ ތެރެއިން މިކަން ހައްލުކުރެވެން ނެތީ ކީއްވެގެންކަން، ނުވަތަ 2031 ވަނަ އަހަރާ ހަމައަށް މުއްދަތު އިތުރުކުރަން ޖެހުނު ސަބަބު ސާބިތުކޮށްދޭނެ ދިރާސާއެއް ނުވަތަ އެކަށީގެންވާ ސަބަބުތަކެއް ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށް އެމްޑީޕީ އިން ބުނެ އެވެ.
އެ ޕާޓީ އިން ބުނީ ރާއްޖެ ފަދަ އިގުތިސާދާއި ރައްޔިތުންގެ ދިރިއުޅުމާއި އަދި ބައިނަލްއަގްވާމީ މައިދާނުގައި ތިމާވެށީގެ ގޮތުން ލިބިފައިވާ މަގާމު، ކަނޑާއި ވެށީގެ ދުޅަހެޔޮކަމާ ގުޅިފައިވާ ގައުމަކަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ތަޣައްޔަރުކަމާ ގުޅޭގޮތުން ނިންމާ ނިންމުންތައް ވާން ޖެހޭނީ ސާބިތުކަމާއި، ހަރުދަނާ ހެކީގެ މައްޗަށް ބިނާކުރާ ނިންމުންތަކަށް ކަމަށެވެ. އަދި ތިމާވެއްޓާ ގުޅޭގޮތުން ރާއްޖެއިން ވެފައިވާ ވައުދުތައް ތަކުރާރުކޮށް ފަސްކުރުމަކީ، މުސްތަގުބަލުގައި ތިމާވެށީގެ ގަވާއިދުތަކަށް ބޯލެނބުމަށް ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތަކަށް ހިތްވަރު ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. މިއީ ތިމާވެށީގެ ރޮނގުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ކުރާ މަސައްކަތަށް ކުރާ ގޯނާއެއް ކަމަށާއި ރާއްޖޭގެ ވެށީގެ ދުޅަހެޔޮކަމަށް ކުރާ ފުރައްސާރައެއް ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.
އެމްޑީޕީ އިން ބުނީ އެ ޕާޓީ އިން ގަބޫލުކުރާ ގޮތުގައި ރާއްޖެއިން ކުރިއަށްދާންވީ ތިމާވެށި ހިމާޔަތް ކުރުމުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ މަތިވެރި އަޒުމުގައި ނަމޫނާ ދައްކާ ގައުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރަމުންދިޔަ ދައުރު އަލުން އަދާކުރަން ފަށަން ޖެހޭ ކަމަށެވެ.
ބަޔާނުގައި ބުނީ، ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް އަލުން އަމަލުކުރަން ފަށައި، އެ ސިޔާސަތު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ އެހެނިހެން ތަކެއްޗަށް އެކަށީގެންވާ މިންގަނޑުތަކެއް ކަނޑައަޅައި، އެ މިންގަނޑުތަކަށް ފެތުމަށް ވިޔަފާރިތަކަށް އެހީތެރިވެދީ، ޕްލާސްޓިކް ކުނިބުނި އުފައްދާ ފަރާތްތަކުގެ ޒިންމާދާރުކަން އިތުރުކޮށް، ކުނި މަދުކުރުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރާނެ ކަމަށެވެ.
އެމްޑީޕީ އިން ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް ފުރިހަމައަށް އަމަލުކޮށް، މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ނުޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ގޮވާލާފަ އެވެ.
މި މައްސަލައިގައި އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ވަގުތީ ގޮތުން އުވާލީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.










